Roadha Mihaaru
ޒަޔާން އާއި ނަބާހާ މިކްސް ޑަބަލްސްގެ ގަދަ 16 އަށް

ޒަޔާން އާއި ނަބާހާ މިކްސް ޑަބަލްސްގެ ގަދަ 16 އަށް

07 ޖޫން 2023

ގައުމީ އެއްވަނަ މިކްސްޑް ޑަބަލްސް ޕެއާ، ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގްގެ ޕެއާ، ރާއްޖޭގައި މިހާރު ކުރިއަށްދާ ލި-ލިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ އެއްވަނަ މިކްސްޑް ޑަބަލްސް ޕެއާ، ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގްގެ ޕެއާ، ރާއްޖޭގައި މިހާރު ކުރިއަށްދާ ލި-ލިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.

ޒަޔާން އާއި ނަބާހާގެ ޕެއާ ގަދަ 16 އަށް ހޮވުނީ އިއްޔެ ކުޅުނު މެޗުގައި މެލޭޝިއާގެ ޓެން ކީން ވެއި އާއި ޓެން ޝެން ތިންގްގެ ޕެއާއާ ވާދަކޮށް 2-1 ސެޓުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ފުރަތަމަ ސެޓު 21-16 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ގެއްލުނީ 20-22 އިންނެވެ. ނަމަވެސް 21-19 އިން ޒަޔާޏް އާއި ނަބާހާގެ ޕެއާ ވަނީ ތިންވަނަ ސެޓް ކާމިޔާބު ކޮށްފަ އެވެ.

ގަދަ 16 ގައި ޒަޔާން އާއި ނަބާހާގެ ޕެއާ މިއަދު ނުކުންނާނީ އިންޑިއާގެ ދީޕް ރާމްބިޔާ އާއި އަނާގާ އަރަވިންދަ ޕާއިއާ ދެކޮޅަށެވެ.

ނަބާހާ އާއި ޒަޔާން އަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑީއެފް) މުބާރާތަކުން މިހާތަނަށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ހަމައެކަނި ޕެއާ އެވެ. އެއީ 2019 ވަނަ އަހަރުގެ ޕާކިސްތާޏް އިންޓަނޭޝަނަލް ސީރީޒްގެ މިކްސްޑް ދަބަލްސް އިވެންޓުންނެވެ.

މިއަދު ނެރުނު ބީޑަބްލިއުއެފް ދުނިޔޭގެ މިކްސްޑް ޑަބަލްސް ރޭންކިންގައި ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައި، 92 ވަނައަށް ޖެހިލައިފަ އެވެ.

މިކްސްޑް ޑަބަލްސްގައި ދެން ހިމެނޭ ރާއްޖޭގެ މުހައްމަދު އަދީމް އާދަމް އާއި މުހައްމަދު ޝައިބާ ޝަރީފްގެ ޕެއާ ވަނީ މެލޭޝިއާގެ ލިމް ޒޭ ޖިއާން އާއި ހާއޯ ޝާން ސިއޯ ޑެސިރީއާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިވެފަ އެވެ. އަހުމަދު ނިބާލް އާއި ނީލާ ނަޖީބު ކުޅޭން އޮތް މެޗު ވޯކްއޯވާ ވެގެން އަނެއް ބުރަށް ދިޔައީ ސައުދީ އަރަބިއްޔާގެ މެހްދާ ޝެއިހް އާއި ހަދީޖާ ލަތީފްގެ ޕެއާ އެވެ.

އިއްޔެ ކުރިއަށްދިޔަ އަންހެން ޑަަބަލްސް އިވެންޓުގައި ރާއްޖޭގެ އާމިނަތު އީމާން އާއި މުހައްމަދު ޝައިބާ ޝަރީފްގެ ޕެއާ ވަނީ ސައުދީ އަރަބިއްޔާގެ ހަދީޖާ ލަތީފް އާއި ހަޔާ އަލްމުދާރާ އަތުން ބަލިވެފަ އެވެ. އަދި އިސްމާއިލް މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ވަނީ އިންޑިއާގެ ޓްރިޝާ ހެޖް އާއި ކުޝީ ޓައްކަރު އަތުން ބަލިވެފަ އެވެ.

ފިރިހެން ޑަބަލްސްގައި ވެސް ރާއްޖޭގެ ދެ ޕެއާ ވަނީ ވާދަ ކޮށްފަ އެވެ. މުހައްމަދު އައްޔޫބް އަޒްހާރު އާއި ގާސިމް ލިޔާހު އަބްދުއްލަތީފްގެ ޕެއާ، ޖަޕާނުގެ ޓަކޫމީ ނޮމޫރާ އާއި ޔުއިޗީ ޝިމޮގާމީ އަތުން ބަލިވެފައި ވާއިރު، ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް މުހައްމަދު ބަލިވީ ތައިލެންޑްގެ ޕަރަންޔޫ ކައޯސަމާންގް އާއި ވޮރާޕޮލް ތޮންގްސާ-އެންގާ އަތުންނެވެ.

ފިރިހެން ސިންގަލްސް ބައިގެ ގަދަ 64 ކުޅުންތެރިން ވާދަކުރާ މުރުގެ މެޗުތައް ވެސް އިއްޔެ ކުޅުނެވެ. މި ބުރުގައި ޒަޔާން ވަނީ އިންޑިއާގެ ދްރޫވް ކުމާރު އަތުން 21-16، 21-14 އިން ބަލިވެފަ އެވެ. އިންޑިއާގެ ޝްރެޔަންޝް ޖެއިސްވާލް އަތުން 21-19، 21-15 އިން ނިބާލް ބަލިވި އިރު، އިބްރާހިމް އަލީ ހައިޝަމް ވަނީ 21-5، 21-10 އިން އިންޑިއާގެ އަރްޔާ ބިވްޕާޓަކީ އަތުން ބަލިވެފަ އެވެ.