Roadha Mihaaru
ރައީސްގެ މޮރިޝަސް ސިޓީ ހޯދަން އިދިކޮޅުން ރައީސްއޮފީހަށް

ރައީސް، މޮރިޝަސްއަށް ފޮނުއްވި ސިޓީ ހޯދަން އިދިކޮޅުން ރައީސް އޮފީހަށް

07 ޖޫން 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދަން އިދިކޮޅުން ރައީސް އޮފީހަށް މިއަދު ހިނގައްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދަން އިދިކޮޅުން ރައީސް އޮފީހަށް މިއަދު ހިނގައްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ ރައީސްގެ ސިޓީ ހޯދަން އިދިކޮޅުގެ ޕާލަމަންޓްރީ ގްރޫޕުން ރައީސް އޮފީހަށް ދިޔައީ މިއަދު މެންދުރު 11:30 އަށް ކަމަށެވެ.

އެކަމަކު، ޕީޕީއެމާއި ޕީއެންސީއާ އެކު މިއަދު ރަސްމީ ބައްދަލުވުމަކަށް އެޕޮއިންޓްމަންޓަކަށް އެދިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޮރިޝަސްއަށް ރައީސް ސިޓީއެއް ފޮނުވި މައްސަލާގައި އިދިކޮޅުން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާ އެކު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު، އެ މައްސަލައިގެ ވޯޓާ ހަމައަށް ދިއުމުން، މަޖިލިސް ނިޒާމް ގެއްލުވާލައި ކުރިއަކަށް ނުގެންދިޔަ އެވެ.

އިދިކޮޅުން ރައީސް އޮފީހަށް މިއަދު ދިޔައީ، އެ މައްސަލައިގެ ވޯޓު ނެގުމާ މެދު ވަކި ގޮތެއް ނުނިމި ވަނިކޮށެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އެއީ އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.

މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.

"...ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އޮތީ ވެސް 241 ކޮމިޓީ ނުބޭއްވިގެން. 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު، އަޅުގަނޑު ޗެއާގައި އިތުރަށް އިންނަ ކަމުގައި ވަނީ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަން ވެސް މިހުރީ ގަސްދުކޮށްގެން،" އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.

އިޓްލޮސްގެ ނިންމުމުގައި ރައީސްގެ ސިޓީއާ ހަވާލާދީ ބުނެފައި އޮތީ މައްސަލައިގެ ބޭނުމަށް ބްލެނެހެއިމް ރީފްގެ ދިރާސާތައް ކުރަން ހިނގި ހަރަދުގެ ގޮތުގައި މަދުވެގެން 460،000 ޔޫރޯ ރާއްޖޭން ދައްކަން އަމުރު ކޮށްދިނުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ވާހަކަ އެވެ.

ސިޓީއާ ގުޅޭ ތުހުމަތުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި އޮތީ ގައުމުތަކުގެ ވެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުވާ ސިޓީ ސަރުކާރުން އާއްމުނުކުރިޔަސް އޭގައި ދިވެހިންނަށް ގެއްލުންވާނެ ވާހަކައެއް ނޯންނާނެ ކަަމަށެވެ. "އަޅުގަނޑު ފޮނުވި ސިޓީގައި ހުރި ވާހަކަ ހުކުމުގައި ތަފްސީލީ ގޮތެއްގައި އެބަހުރި. އަޅުގަނޑުމެން ކުރީގައި 2019 ވަނަ އަހަރު އެ މައްސަލައައީމާ ވޯޓުދިނީ ކީއްވެގެންކަން، އެއްވެސް ހާލެއްގައި ހުށަހެޅިފައި އޮތް ހުށަހެޅުމާ އިދިކޮޅަށް ދޭ ވޯޓެއް ނޫންކަން. އެއްވެސް ހާލެއްގައި ބައެއްގެ އިސްތިއުމާރުގެ ދަށުގައި ގައުމުތައް ތިބުމަކަށް އެއްވެސް އިރެއްގައި އަޅުގަނޑުމެން ތާއީދެއް ނުކުރަން. ނަމަވެސް އޭރު އަޅުގަނޑުމެންގެ ކްލެއިމެއް އޮތޭ އިޓްލޮސްގައި މޮރިޝަސް އިން ޗާގޮސްއަށް ކޮށްފައި އޮތް ކްލެއިމަކީ ކުރެވޭނެ ކްލެއިމެއް ނޫން ކަމަށް. އެހެންވީމަ އެއަށް ކުރާ ޕްރޮޓެސްޓެކޭ މިއީ. އެހެން ނަމަވެސް އޭގެ ފަހުން ނިންމައިފިއޭ މޮރިޝަސް އިން އެ ހުށަހަޅާފައި އޮތް ކްލެއިމް، ޗާގޮސްގެ މައްޗަށް އޮތް ކްލެއިމް ކުރެވޭނެއޭ، ތިމަންނަމެން ކުރިއަށް ގެންދާނަމޭ، އޭގެ މާނައަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެކޭ، އެ ވާހަކަ އަޅުގަނޑު ބުނެފައި އިންނާނީ،" ސިޓީގެ ވާހަކަތައް ތަފްސީލްކޮށްދެއްވައި ވިދާޅުވެފައިވެ އެވެ. "އެ މައްސަލަ އަތުވެއްޖިއްޔާ އަޅުގަނޑުމެން އަމަލުކުރާނީ މިގޮތަށޭ. އެއީ އިނގިރޭސިންގެ ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ."