Roadha Mihaaru
ބްރެޒިލް ފެޑެރޭޝަންގެ ރައީސް، އަންޗެލޮޓީގެ އުންމީދުގައި

ބްރެޒިލް ފެޑެރޭޝަންގެ ރައީސް ހުންނެވީ އަންޗެލޮޓީގެ އިންތިޒާރުގައި

15 ޖޫން 2023

މެޑްރިޑް (ޖޫން 15) - ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ ގެންދެވޭނެ ކަމުގެ އުންމީދު ދޫކޮށް ނުލާ ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޖޫން 15) - ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ ގެންދެވޭނެ ކަމުގެ އުންމީދު ދޫކޮށް ނުލާ ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ.

ރެއާލް މެޑްރިޑާ އެކު އަންޗެލޮޓީގެ ކޮންޓްރެކްޓުގައި ބާކީ އެއް ސީޒަން އެބަ އޮތެވެ. އަދި ކޮންޓްރެކްޓަށް އިހުރިރާމުކޮށް އޭނާ ކްލަބުގައި މަޑުކުރާނެ ކަން އަންޗެލޮޓީ ވަނީ މީގެ ކުރިން ހާމަ ކޮށްފަ އެވެ. މިއާ އެކު ވެސް ރޮޑްރިގޭޒް ހުރީ އަންނަ އަހަރުގެ ޖުލައި ގައި އަންޗެލޮޓީގެ ކޮންޓްރެކްޓް ހަމަވަންދެން އިންތިޒާރު ކުރަން ވެސް ތައްޔާރަށެވެ. ނަމަވެސް އެކަމާ މެދު އޭނާއަށް އަމިއްލައަށް ގޮތެއް ނުނިންމޭނެ ކަމަށް ވެސް ރޮޑްރިގޭޒް ވިދާޅުވި އެވެ.

"ކޮންޓްރެކްޓް ހަމަވަންދެން 2024 އަންނަންދެން މަޑުކުރުމަކީ އަހަރެން އެކަނި ނިންމޭނެ ކަމެއް ނޫން. އަހަރެން ޖެހޭނެ ބޯޑް މެމްބަރުންނާ ކުޅުންތެރިންނާ ވެސް މަޝްވަރާ ކޮށް އެމީހުންގެ ހިޔާލުތައް އަޑުއަހަން. އެމީހުންގެ ހިޔާލު ހޯދަން ޖެހޭނެ. ގޮތެއް ނިންމާނީ ކުޅުންތެރިންގެ ވިސްނުން ހުރިގޮތެއް ވެސް ބެލުމަށް ފަހު،" ރޮޑްރިގޭޒް ވިދާޅުވި އެވެ.

"އަހަރެމެންގެ ސާފު މަގުސަދެއް އެބަ އޮތް. އެއީ އަންޗެލޮޓީ ގެނައުން. އަހަރެން ސްޕެއިންގައި މަޑުކުރާނަން ޖޫން 18 އަންނަންދެން. ދެ މީޓިންއެއް ވަރު ތާވަލް ކޮށްފައި ވާނެ. އެއީ ސީދާ އަންޗެލޮޓީއާ ބައްދަލުކުރަން ކަމެއް ހާމަ ކުރެވޭކަށް ނެތް. އުންމީދަކީ އަހަރެން ބްރެޒިލް އަށް ދާއިރު އަންޗެލޮޓީއާ ގުޅޭ ތަފްސީލީ މެސެޖެއް ހިފައިގެން ދިޔުން."

"އެންޓި-ރޭސިޒަމް" ކެމްޕޭން ލޯންޗު ކުރުމަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ރޮޑްރިގޭޒް ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ޑީޕީއޭ

"އެންޓި-ރޭސިޒަމް" ކެމްޕޭން ލޯންޗު ކުރުމަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ރޮޑްރިގޭޒް ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ޑީޕީއޭ

ރޮޑްރިގޭޒް ވިދާޅުވީ އަންޗެލޮޓީ އަކީ ހަމައެކަނި މޮޅު ކޯޗެއް ނޫން ކަމަށާއި އޭނާ އަކީ ގިނަ ކުޅުންތެރިން ވެސް އެކުގައި މަސައްކަތް ކުރަން ބޭނުންވާ މެނޭޖަރެއް ކަމަށެވެ.

"ގުރޫޕެއް އެންމެ ފުރިހަމައަށް މެނޭޖް ކުރަން އޭނާ ދަނޭ. އޭނާގެ ދަށުން ކުޅުނު ކުޅުންތެރިން އޭނާ މަތިން ހަނދާން ކުރޭ، އަދި އެއީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ކަމަށް އެމީހުން ގަބޫލު ކުރޭ. މިހާރުގެ ޒުވާން ކުޅުންތެރިން ވެސް އޭނާގެ ކޯޗުކަމުގައި ކުޅެން ބޭނުންވޭ. މި ފެންވަރުގެ ކޯޗަކީ ދުނިޔޭގެ އެންމެ ބޮޑު ގައުމީ ޓީމަށް އެންމެ އެކަށީގެންވާ ކޯޗު،" ސްޕެއިންގައި "އެންޓި-ރޭސިޒަމް" ކެމްޕޭން ލޯންޗު ކުރުމަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ރޮޑްރިގޭޒް ވިދާޅުވި އެވެ.

މިހާތަނަށް ފަސް ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް މިދިޔަ އަހަރުގެ ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ. އެއާ ގުޅިގެން އޭރު ކޯޗުކަމުގައި ހުރި ޓީޓޭ މަގާމުން އިސްތިއުފާ ދިން ފަހުން ވަގުތީ ގޮތުން ޓީމަށް އިރުޝާދު ދެނީ އެގައުމުގެ ޒުވާން ޓީމުގެ ކޯޗު، ރަމޯން މެނޭޒެސް އެވެ.