Roadha Mihaaru
ޗެމްޕިއަން ބަނޑޮސް އަތުން ރީތި ރަށަށް ފުރިހަމަ މޮޅެއް

ޗެމްޕިއަން ބަނޑޮސް އަތުން ރީތި ރަށަށް ފުރިހަމަ މޮޅެއް

07 ޖުލައި 2023

މިހާރު ކުރިއަށްދާ އިންޓަ އޮފީސް ރިސޯޓް ޗެމްޕިއަންސް ލީގު ވޮލީބޯޅަ މުބާރާތުގައި، އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް ކުޅުނު ފުރަތަމަ މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ އިންޓަ އޮފީސް ރިސޯޓް ޗެމްޕިއަންސް ލީގު ވޮލީބޯޅަ މުބާރާތުގައި، އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް ކުޅުނު ފުރަތަމަ މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

އިއްޔެ ކުޅުނު މެޗުގައި ރީތި ރަށުން ސެޓްތައް ގެންދިޔައީ 26-24، 25-20 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީރި ރަށުގެ އަލީ ހުޒާމް (ހުޒާންޓޭ) އެވެ.

ޒޯން 1 ގައި ވާދަކުރި މި ދެޓީމު ވަނީ ޒޯން ޗެމްޕިއަންޝިޕްގައި ތިން ފަހަރު މަތިން ބައްދަލު ކޮށްފަ އެވެ. އެ ތިން ކުރިމަތިލުމުގައި ވެސް ކާމިޔާބު ހޯދީ ބަނޑޮހެވެ.

މުޅި އެކު ހަތަރު ޓީމާ އެކު ބުދަ ދުވަހު ފެށި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަނަންތަރާ ކިހަވައް މޯލްޑިވްސް އާއި ވައްކަރު މޯލްޑިވްސް އެވެ.

ފުރަތަމަ ސެޓު 25-21 އިން އަނަންތަރާ ގެންގޮސްފައި ވަނިކޮށް ވައްކަރުން މެޗު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ގުރުންގް ވިދުރާގެ މޮޅު ކުޅުމާ އެކު ފަހަތުން އަރައި 29-27، 28-26 އަދި 25-23 އިން ޖެހިގެން އައި ސެޓުތައް ކާމިޔާބު ކޮށްގެންނެވެ.

ޗެމްޕިއަންސް ލީގުގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. ބަނޑޮހުގައި ކުޅޭ މެޗުގައި، ބަނޑޮހާއި އަނަންތަރާ ބައްދަލުކުރާއިރު، ރީތި ރަށުގައި ކުޅޭ މެޗުގައި ރީތި ރަށުން ނުކުންނާނީ ވައްކަރާ ދެކޮޅަށެވެ.

ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، މި ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފައިނަލްގެ އަނެއް ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނައަށްދާ ޓީމު ކުޅޭ ސެމީ ފައިނަލް މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ.