Roadha Mihaaru
ފީނަން ފީއެއް ނަގާތީ ޑައިވަރުން އިހުތިޖާޖަށް

ފުވައްމުލަކު ކައިރިއަށް ފީނަން ފީއެއް ނަގާތީ ޑައިވަރުން އިހުތިޖާޖަށް

23 ޖުލައި 2023

ފުވައްމުލަކުގެ ޑައިވިން ޕޮއިންޓުތަކަށް ފީނުމަށް ސިޓީ ކައުންސިލަށް ފީއެއް ދައްކަން ޖެހޭ ގޮތަށް ގަވާއިދެއް ހެދުމުން، އެކަމާ ހިތްހަމަނުޖެހިގެން ޑައިވަރުން އިހުތިޖާޖަށް މިއަދު ނުކުމެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގެ ޑައިވިން ޕޮއިންޓުތަކަށް ފީނުމަށް ސިޓީ ކައުންސިލަށް ފީއެއް ދައްކަން ޖެހޭ ގޮތަށް ގަވާއިދެއް ހެދުމުން، އެކަމާ ހިތްހަމަނުޖެހިގެން ޑައިވަރުން އިހުތިޖާޖަށް މިއަދު ނުކުމެއްޖެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިދިޔަ މަހު އަށެއްގައި ގެޒެޓުކުރި، ޓޫރިޒަމްގެ ބޭނުމަށް އެ ރަށުގައި ޑައިވްކުރާ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓަރީވުމުގެ ގަވާއިދުއިވާ ގޮތުން އަންނަ މަހުން ފަށިގެން ރަޖިސްޓަރީކޮށް، އެ ގަވާއިދުގައި ކަނޑައަޅާފައިވާ ފީ ދައްކަން ޖެހޭނެ އެވެ.

އެ މައްސަލާގައި ފުވައްމުލަކު ޑައިވިން އެސޯސިއޭޝަނާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން އަންނަނީ މިއަދުން ހެނދުނުން ފެށިގެން ސިޓީ ކައުންސިލުގެ އިދާރާގައި އިހުތިޖާޖުކުރަމުންނެވެ.

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން އާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން ސިޓީ ކައުންސިލުގެ އިދާރާގެ ބޭރުގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން އާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން ސިޓީ ކައުންސިލުގެ އިދާރާގެ ބޭރުގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ޒަފަރު އަލީ "މިހާރު" އަށް ވިދާޅުވީ، ޑައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޓީ ކައުންސިލުން ޑައިވަރުންނާއި އާންމުންނާ ވެސް އެއްވެސް މަޝްވަރާ ކުރުމެއް ނެތި މި ގަވާއިދު އެކުލަވާލުން ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ފީއަކީ ވެސް ނުބައްދަލު އަގުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑައިވިން އެސޯސިއޭޝަނަކާއި ޑައިވިން ސްކޫލްތަކަކާ މަޝްވަރާއެއް ނުކުރޭ. ކައުންސިލުން ހިތަށް އެރި އަގެއް ކަނޑައެޅީ،" އޭނާ ވިދާޅުވި އެވެ.

"ކައުންސިލު ވާން ޖެހޭނީ ރެގިއުލޭޓަރަކަށް، ސޭފްޓީގެ ކަންކަން ބަލާ ބަޔަކަށް. އެކަމަކު އެކަމެއް ވެސް ނުވޭ."

ޒަފަރު ވިދާޅުވި ގޮތުގައި، ޑައިވިން ސްކޫލްތަކުން އެ ވިޔަފާރިކުރަނީ އިކޮނޮމިކް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނަގައި، ދައްކަން ޖެހޭ ފީތައް ވެސް ދައްކައިގެންނެވެ. ޖީއެސްޓީ އާއި ސަރުކާރުގެ އެހެން ޓެކްސްތައް ވެސް ދައްކަ އެވެ. އެހެންވެ، ކައުންސިލުން އަދި އިތުރު ފީއެއް ނަގަން ފެށުމުން އެއީ އެ ވިޔަފާރިކުރާ މީހުންނަށް މާލީ ބޮޑު ބުރައަކަށް ވުމުގެ ކަންބޮޑުވުން އެބައޮތެވެ.

ޑައިވިން އެސޯސިއޭޝަނުން އެދެނީ އެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސާލައި، އިސްލާހު ގެނައުމަށް ސިޓީ ކައުންސިލުން ޑައިވަރުންނާ އެކު މަޝްވަރާކުރުމަށެވެ.

"އެކަމަކު އަދި އެއްވެސް ކައުންސިލަރަކާ މަޝްވަރާއެއް ކުރެވޭ ގޮތެއް ނުވޭ،" ޒަފަރު ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް ކަނޑައަޅާފައިވާ އަގުތައް

• ބޭރުގެ އުޅަނދުތަކުން ދާ މީހަކަށް 15 ދުވަހަށް 200 ޑޮލަރު (3،084ރ.)

• ސަފާރީ އުޅަނދުތަކާއި އެހެން ރަށްރަށުގެ ޑައިވިން ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 55 ޑޮލަރު (848.1ރ.)

• ފުވައްމުލަކު ޑައިވް ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 20 ޑޮލަރު(308.4ރ.)

ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކަނޑައަޅާފައިވާ އަގުތައް

• ބޭރުގެ އުޅަނދުތަކުން ދާ މީހަކަށް، 15 ދުވަހަށް 200 ޑޮލަރު (3،084ރ.)

• ސަފާރީ އުޅަނދުތަކާއި އެހެން ރަށްރަށުގެ ޑައިވިން ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 20 ޑޮލަރު(308.4ރ.)

• ފުވައްމުލަކު ޑައިވް ސްކޫލްތަކުން ދާ މީހަކަށް، 15 ދުވަހަށް 20 ޑޮލަރު(308.4ރ.)

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން އާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން ސިޓީ ކައުންސިލުގެ އިދާރާގެ ބޭރުގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން

ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން އާއި އެ ރަށުގައި ހިންގަމުން އަންނަ ޑައިވިން ސްކޫލްތަކުގެ މީހުން ސިޓީ ކައުންސިލުގެ އިދާރާގެ ބޭރުގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފުވައްމުލަކު ޑައިވިން އެސޯސިއޭޝަން

ރަޖިސްޓްރީނުކޮށް، އަދި މި ފީތައް ނުދައްކާ ނަމަ 5،000ރ. އާއި 8،000ރ. އާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

އެ މައްސަލާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.

ފުވައްމުލަކުގައި 10 ވަރަކަށް ޑައިވިން ސްކޫލް ހިންގަ އެވެ. އެ ރަށް ކައިރިއަށް ޑައިވް ކުރުމަށް ވަރަށް ގިނަ ސަފާރީ އުޅަނދުތައް ވެސް ދެ އެވެ.

އެ ރަށުގެ ޓައިގާ ޝާކް ޕޮއިންޓަކީ ވަރަށް ގިނަ ބަޔަކު ޑައިވްކުރަން ދާ ސަރަހައްދެކެވެ. އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ސަރަހައްދެވެ.