Roadha Mihaaru
ކުދި ވިޔަފާރިތަކަށް ފުވައްމުލަކު ކައުންސިލުން ލޯނު ދެނީ

ކުދި ވިޔަފާރިތަކަށް ފުވައްމުލަކު ސިޓީ ކައުންސިލުން ލޯނު ދޭން ފަށައިފި

24 ޖުލައި 2023

ފުވައްމުލަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ސިޓީ ކައުންސިލުން ލޯނު ދޫކުރަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ސިޓީ ކައުންސިލުން ލޯނު ދޫކުރަން މިއަދު ފަށައިފި އެވެ.

މިއީ ކައުންސިލަކުން މިގޮތަށް އާންމުންނަށް ލޯނު ދޫކުރަން ފަށާ ފުރަތަމަ ފަހަރެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ ވެބްސައިޓްގައި ބުނި ގޮތުގައި، އެ ރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި މީހުންނަށް ހާއްސަ ކޮށްގެން މައިކްރޯ ފައިނޭންސް ސްކީމެއް ވަނީ އިފްތިތާހުކޮށްފަ އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކީމް އިފްތިތާހުކޮށްދެއްވީ، މޭޔަރު އިސްމާއިލް ރަފީގެވެ.

ފުވައްމުލަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ސިޓީ ކައުންސިލުން ލޯނު ދޫކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ސިޓީ ކައުންސިލުން ލޯނު ދޫކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

"މި ލޯނު ސްކީމްގެ މަގުސަދަކީ މި ސިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމާއި މި ސިޓީގެ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.

އެ ސްކީމްގެ ދަށުން 14 ދާއިރާއަކުން ލޯނު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއީ، އަތްތެރި މަސައްކަތާއި ބިއުޓީ އަދި މޭކަޕްކުރުމާއި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އާއި ފެހުމާއި ޓެކްސްޓައިލްސްގެ މަސައްކަތާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ކްރިއޭޓިވް އާޓްސް އާއި މިއުޒިކާއި ކުޅިވަރާއި ފިޓްނަސް އާއި މަސްވެރިކަމާއި އިލެކްޓްރިކަލް ވަޔަރިން އާއި މެއިންޓެނަންސާއި މެނުފެކްޗަރިން އާއި ދަނޑުވެރިކަމާއި ވެލްޑިން އާއި ކާޕެންޓްރީގެ މަސައްކަތާއި ޓޫރިޒަމް އަދި އަމިއްލަ އުފެއްދުންތަކަށެވެ.

ސިޓީ ކައުންސިލުން ބުނީ އަލަށް ފަށާ ވިޔަފާރިތަކަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މީހުންނަށް އެހީގެ ގޮތުގައި އެ ލޯނުގެ ދަށުން ގިނަވެގެން 50،000ރ. ދޭނެ ކަމަށެވެ. އެ ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ލޯނަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ލޯނާއި ގުޅޭ އިތުރު މައުލޫމާތު ކައުންސިލުގެ ވެބްސައިޓާއި ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.