Roadha Mihaaru
އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި އަށް ގައުމެއް

އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި އަށް ގައުމުގެ އިއްތިހާދެއް

09 އޯގަސްޓް 2023

ބެލިމް، ބްރެޒިލް (އޯގަސްޓް 9) - ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި ގުޅިގެން މަސައްކަތް ކުރުމަށް، އެމޭޒަން ސަރަހައްދުގެ ގައުމުތަކުން، އިއްޔެ ގަރާރެއްގައި ސޮއިކޮށް އެކަމަށް މަސައްކަތް ފަށައިފި އެވެ.

ބެލިމް، ބްރެޒިލް (އޯގަސްޓް 9) - ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި ގުޅިގެން މަސައްކަތް ކުރުމަށް، އެމޭޒަން ސަރަހައްދުގެ ގައުމުތަކުން، އިއްޔެ ގަރާރެއްގައި ސޮއިކޮށް އެކަމަށް މަސައްކަތް ފަށައިފި އެވެ.

އެމޭޒަންގެ ހިމާޔަތުގައި ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވައިލި ގަރާރުގައި ސޮއިކުރީ، އެ ޖަންގަލި ހިއްސާކުރާ އަށް ގައުމު ކަމަށްވާ، ބޮލީވިޔާ، ބްރެޒީލް، ކޮލަމްބިޔާ، އިކުއެޑޯރް، ގުޔާނާ، ޕެރޫ، ސުރިނާމް އަދި ވެނެޒުއޭލާ އެވެ. މި ގަރާރުގައި ސޮއިކޮށް ފާސްކުރީ، ބްރެޒީލްގައި އިއްޔެ ފެށި، އެމޭޒަން ކޯޕަރޭޝަން ޓްރީޓީ އޯގަނައިޒޭޝަން (އޭސީޓީއޯ)ގެ މެމްބަރު ގައުމުތަކުގެ ވެރިންގެ މަހާސިންތާގަ އެވެ.

އެމޭޒަން ގަރާރުގެ ބައިވެރިން ބުނި ގޮތުގައި އެ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ނިންމީ، އިއާދަ ނުކުރެވޭ މިންވަރަށް އެމޭޒަން ޖަންގަލި ހަލާކުވުމުގެ ކުރިން، އެ ޖަންގަލި ހިމާޔަތްކުރުމުގެ ބޭނުމުގަ އެވެ. އެ ގައުމުތަކުން ބުނި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ހިއްސާކުރާ ގައުމުތަކުން އެކަނި މަސައްކަތް ކޮށްގެން އެޖަންގަލި ހިމާޔަތެއް ނުކުރެވޭނެ އެވެ.

އެ ޖަންގަލި ހަލާކުވެ ސުންނާފަތިވަމުން ދަނީ އެތައް ގައުމުތަކަކުން ކުރާ ކަންތައްތަކެއްގެ ސަބަބުން ކަމަށްވާއިރު، އެމޭޒަން ހިއްސާވާ ގައުމުތައް އެކަނި މަސައްކަތް ކޮށްގެން އެ ޖަންގަލި ހިމާޔަތް ނުކުރެވޭނެ ކަމަށް ވެސް އެ ގަރާރުގެ ބައިވެރިން ބުނެ އެވެ.

އެ ސަބަބަށްޓަކައި މި އަށް ގައުމުން ގޮވައިލީ، އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށެވެ. އެ ގައުމުތައް ސޮއިކުރި ގަރާރުގައިވާ ގޮތުގެ މަތިން، އެމޭޒަން ޖަންގަލީގެ ހިމާޔަތުގައި ކުރަންޖެހިފައިވާ އެންމެ ބޮޑު މަސައްކަތަކީ، ގަވާއިދާ ޚިލާފަށް ގަސް ކެނޑުން ހުއްޓުވުމާއެކު، އެމޭޒަން ޖަންގަލީގެ ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތް ކުރުމެވެ.

ގަރާރެއްގައި ސޮއިކުރި ނަމަވެސް، އެމޭޒަން ޖަންގަލި ހިމާޔަތްކުރުމާ ގުޅޭ ގޮތުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުންނާއި އެ ސަރަހައްދުގެ އަސްލު ވަޒަންވެރިންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް އެ ގަރާރުގައި ހިމަނައިފައެއް ނުވެ އެވެ. އެ ގޮތުން، ގަވާއިދާ ޚިލާފަށް ގަސް ކެނޑުމުގެ އަމަލުތައް 2030ގެ ނިޔަލަށް ހުއްޓުމަކަށް ގެނައުމަށް ބްރެޒިލުން ވެފައިވާ ވައުދާއި، ތެޔޮ ހޯދުމަށް އެމޭޒަން ޖަންގަލީގައި ކުރާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ކޮލަމްބިއާ އިން ވެފައިވާ ވައުދު ވެސް ހިމަނާފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި އެމޭޒަން ގަރާރުގައި، ޖަންގަލިން ގަސް ކެނޑުން ހުއްޓުވުމުގެ މައްސަލަ ދޫކޮށްލާފައިވަނީ އެކަމާ މެދު އެ ގައުމަކުން ގެންގުޅޭ އަމިއްލަ ސިޔާސަތެއް ތަންފީޒުކުރާ ގޮތަށެވެ.

އެމޭޒަން ގަރާރު އެކުލަވައިލުމާއި އެ ގަރާރުގައި ގައުމުތައް ބައިވެރިކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ، ބްރެޒީލްގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް އެވެ. ބްރެޒިލްގެ ތިމާވެށި ރައްކާތެރިކުރުމަށް އޭނާ ކުރައްވާ މަސައްކަތަށް ބައިނަލްއަގުވާމީ މުޖްތަމައުގައި މިހާރު ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވެ އެވެ.

އެމޭޒަން ޖަންގަލިން ގަވާއިދާ ޚިލާފަށް ގަސް ކެނޑުމުގެ އަމަލުތައް 2030ގެ ނިޔަލަށް ހުއްޓުމަކަށް ގެނައުމަށް ބްރެޒިލުން ވެފައިވާ ވައުދަކީ ވެސް އޭނާގެ އިސްނެންގެވުމެކެވެ. އެވައުދާ އެއްގޮތަށް އަމަލުކުރުމަށް އެމޭޒަން ސަރަހައްދުގެ އެހެން ގައުމުތައް އެއްބަސްކުރުވުމަށް ވެސް ރައީސް ލޫލާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެމޭޒަން ގައުމުތަކުގެ މަހާސިންތާ އިން އެ ގަރާރު ފާސްކުރި ދުވަހު، ޔޫރަޕިއަން ޔޫނިއަންގެ ކްލައިމެޓް އޮބްޒަވޭޓަރީން ބުނެފައިވަނީ، މިދިޔަ ޖުލައި މަހަކީ މިހާތަނަށް ދުނިޔޭގެ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސް ކަމަށެވެ. އޭސީޓީއޯގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ލޫލާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ މައްސަލަ މާ ބޮޑަށް ވެސް ނުރައްކާތެރި ވެއްޖެ ކަމަށެވެ.