Roadha Mihaaru
ސައުތު ކާފްގެ ޗެމްޕިއަންކަން ކްރޮސްރޯޑްސް އަށް

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ސައުތު ކާފްގެ ޗެމްޕިއަންކަން ކްރޮސްރޯޑްސް އަށް

14 އޯގަސްޓް 2023

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގައި މާލެ އަތޮޅުގެ ދެކުނުގެ ރިސޯޓްތައް ކުޅޭ "ސައުތު ކާފް" ޒޯނުގެ ފައިނަލްގައި 1-0 އިން އޮޒެން ލައިފް މާދޫ ބަލިކޮށް ކްރޮސްރޯޑްސް މޯލްޑިވްސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގައި މާލެ އަތޮޅުގެ ދެކުނުގެ ރިސޯޓްތައް ކުޅޭ "ސައުތު ކާފް" ޒޯނުގެ ފައިނަލްގައި 1-0 އިން އޮޒެން ލައިފް މާދޫ ބަލިކޮށް ކްރޮސްރޯޑްސް މޯލްޑިވްސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ކްރޮސްރޯޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ކްރޮސްރޯޑްސް އެވެ. އެޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގައި ޝިފާޒް އާދިލް ޖަހައިދިން ގޯލުންނެވެ. ދެވަނަ ހާފުގައި ކްރޮސްރޯޑްސް އަށް ލީޑު ފުޅާ ކޮށްދިނީ އިސްމާއިލް ވަހީދެވެ. ކްރޮސްރޯޑްސްގެ ކީޕަރު ކުރިއަށް އަރާހުރި ވަގުތު، އޮޒެން ލައިފްގެ ކީޕަރު ކުރިއަށްއ ފޮނުވާލި ބޯޅައިން ފަރަގު ކުޑަ ކުރި ނަމަވެސް މާ ގިނައިރެއް ނުވެ އިސްމާއިލް ވަހީދު ވަނީ ކްރޮސްރޯޑްސް އަށް ތިންވަނަ ގޯލެއް ޖަހައިދީފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮސްރޯޑްސް އަށް ދެ ގޯލު ކާމިޔާބު ކޮށްދިން އިސްމާއިލް ވަހީދެވެ. ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ސައުތު ކާފް ޒޯނުގެ ރަނަރަޕް އޮޒެން ލައިފް.-- ފޮޓޯ: ޓެކާސް

ސައުތު ކާފް ޒޯނުގެ ރަނަރަޕް އޮޒެން ލައިފް.-- ފޮޓޯ: ޓެކާސް

ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްރޮސްރޯޑްސްގެ ޝިފާޒް އާދިލް އާއި މުހައްމަދު ރަޝީދު އަދި ހަސަން ލައުހުގެ އިތުރުން އޮޒެން ލައިފްގެ ހުސެއިން ޝިހާމް އާއި މުހައްމަދު އައްޒާމެވެ. އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ފަސް ގޯލު ކާމިޔާބު ކުރި ހާޑްރޮކް މޯލްޑިވްސްގެ އައިމަން އިލްޔާސް އެވެ.

މިއާ އެކު ކްރޮސްރޯޑްސް މޯލްޑިވްސް މިވަނީ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީގައި އެޓީމު ނުކުންނާނީ މެއި މަހު ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓާ ދެކޮޅަށެވެ.

މުބާރާތުގައި ދެން އޮންނާނީ މާލެ އަތޮޅުގެ އުތުރުގެ ރިސޯޓްތައް ވާދަކުރާ "ނޯތު ކާފް" ޒޯނެވެ. މި ޒޯންގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.

ނޯތު ކާފްގެ ޗެމްޕިއަނުން ވެސް ސެމީ ފައިނަލަށް ދަތުރު ކުރާނެ އެވެ. މި ޒޯނުގެ ޗެމްޕިއަނުން ސެމީގައި ނުކުންނާނީ ނ. އަތޮޅުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.

ވެލާ އައިލެންޑު ސެމީ އަށް ދަތުރު ކުރީ، ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅުގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.