Roadha Mihaaru
ގޮއިދޫގައި ހޮސްޕިޓަލެއް އަޅައިދޭން ރައީސްގެ ވައުދެއް

ގޮއިދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށްދޭން ރައީސްގެ ވައުދެއް

21 އޯގަސްޓް 2023

ބ. ގޮއިދޫގައި ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ކަމަށް، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބ. ގޮއިދޫގައި ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ކަމަށް، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގޮއިދޫގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދު އާއި ފެހެންދޫގެ މީހުން މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ސިއްހީ ހިދުމަތް ބޭނުންވާ ކަމަށެވެ.

"ގޮއިފުޅަފެހެންދޫގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މިހާރު މި ރަށުގައި ހުރި، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކޮށްދޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ގޮއިދޫގައި ވެސް މި ސަރުކާރުން ފެށި ކަންކަން ނިމެމުން އަންނަ ކަމަށާއި އެކަމަކު ހައްލު ކުރަން ޖެހޭ ކަންކަން ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެ ރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަ ކަމަށާއި އެކަން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބ. ގޮއިދޫގައި މިއަދު ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ-- ފޮޓޯ: އެމްޑީޕީ

ބ. ގޮއިދޫގައި މިއަދު ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ-- ފޮޓޯ: އެމްޑީޕީ

"މިހާރު މި ރަށުގައި އެންމެ ބޮޑަށް ހައްލު ކުރަން ޖެހިފައި އޮތް ކަމަކީ ކަރަންޓުގެ މައްސަލަ. މިހާރު ލަސްވެސް ވެއްޖެ ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަން. ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި، ވަރަށް އަވަހަށް ހައްލު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

"މީހުން ދިރިއުޅޭ ސަރަހައްދުން ބޭރަށް އިންޖީނުގެ ބަދަލުކޮށް ރަނގަޅު ފެންވަރުގެ ކަރަންޓޫ ލިބޭ ގޮތް ހެދުމަށް، އަމަލީ ގޮތުން ފަށައިގަންނާނަން."

އޭގެ އިތުރުން މިހާރު އޮތް ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަކަށް، ހެދުމާއި ޒުވާނުންނަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކޮށްދެއްވަން ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.