Roadha Mihaaru
ރޮނާލްޑޯގެ ހިއްސާއާ އެކު އައްނަސްރު ޗެމްޕިއަންސް ލީގަށް

އިތުރު ވަގުތުގެ ގޯލުތަކުން ރޮނާލްޑޯގެ އައް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގަށް

23 އޯގަސްޓް 2023

ރިޔާދު (އޭޕްރީލް 23) - ދުބާއީގެ ޝަބާބު އަލް އަހްލީ ކްލަބް 4-2 އިން ބަލިކޮށް އައް ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (އޭޕްރީލް 23) - ދުބާއީގެ ޝަބާބު އަލް އަހްލީ ކްލަބް 4-2 އިން ބަލިކޮށް އައް ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ސައުދީ ޕްރޯ ލީގުގެ ދެވަނައިގައި ނިންމުމުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ނަސްރަށް ޖެހުނީ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން ޕްލޭއޮފް ކުޅޭށެވެ.

ރޭ ކުޅުނު ޕްލޭއޮފް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ވެސް ޝަބާބު އަލް އަހްލީ އޮތީ ކުރީގަ އެވެ. ނަމަވެސް އިތުރު ވަގުތު ކުޅެން ނުޖެހި ނަސްރުން ވަނީ ފަހު ވަގުތު ކާމިޔާބުކުރި ގޯލުތަކުން މެޗު ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ޖާގަ ޔަގީންކޮށްފަ އެވެ.

މާސެލޯ ބްރޯޒޮވިޗް ނެގި ކޯނަރަކުން ބްރެޒިލް ސްޓްރައިކަރު ޓަލިސްކާ މެޗުގެ 11 ވަނަ މިނިޓުގައި ނަސްރަށް ލީޑު ނަގައިދީފައި ވަނިކޮށް މާ ގިނައިރެއް ނުވެ ޔަހްޔާ އަލް ގައްސާނީ ވަނީ ޝަބާބް އަލް އަހްލީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އެޓީމަށް ލީޑު ނަގައިދިނީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ގޯލު ޖަހައިގެންނެވެ.

ބްރޯޒޮވިޗް (ވ) ނަސްރަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބްރޯޒޮވިޗް (ވ) ނަސްރަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނަސްރުން ނަތީޖާ އެއްވަރު ކުރީ 88 ވަނަ މިނިޓުގައި ޑިފެންޑަރު ސުލްތާން އަލް ގަންނާމް ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗު ކާމިޔާބު ކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓު ތެރޭ ދެ ގޯލު ޖަހައިގެންނެވެ. ނަސްރުން ލީޑު ނެގީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ޓަލިސްކާ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި އެންމެ ފަހު މިނިޓުގައި ބްރޯޒޮވިޗް އެޓީމުގެ ހަތަރުވަނަ ގޯލު ޖެހީ ރޮނާލްޑޯ ދިން ޕާހަކުންނެވެ.

ޔޫރަޕްގެ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކޮށް، ގޯލު ޖެހުމުގެ އެތައް ރެކޯޑެއް ހަދާފައިވާ ރޮނާލްޑޯ، އަންނަ މަހު ފަށާ މި ސީޒަންގެ އޭޝިއާގެ ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެވެ. ނަސްރުގެ އިތުރުން ސައުދީ އަރަބިއްޔާގެ އަލް ހިލާލާއި އަލް ފައިހާ އަދި އަލް އިއްތިހާދު ވެސް ޗެމްޕިއަންސް ލީގު ކުޅޭނެ އެވެ.

އޭއެފްސީ މުބާރާތްތަކުގައި މި ސީޒަނުން ފެށިގެން ބިދޭސީ ހަ ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދޭއިރު، އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އޭޝިއާގެ ކުޅުންތެރިއަކަށް ވާން ޖެހެއެވެ.

ނަސްރު ޓީމުގައި މި ސީޒަންގައި ބިދޭސީ އަށް ކުޅުންތެރިން ކުޅެ އެވެ. އަށް ކުޅުންތެރިންނަކީ ވެސް އޭޝިއާއިން ބޭރު ކުޅުންތެރިންނެވެ. އެއީ ޕޯޗުގަލްގެ ރޮނާލްޑޯ އާއި އޮޓޭވިއޯ، ބްރެޒިލްގެ ޓަލިސްކާ އާއި އެލެކްސް ޓެލޭސް، ކްރޮއޭޝިއާގެ ބްރޮޒޮވިޗް، ސެނެގާލްގެ ސަޑިއޯ މާނޭ އަދި އައިވަރީ ކޯސްޓުގެ ސީކޫ ފޮފާނާ އާއި ގިސްލައިން ކޮނާން އެވެ.

މި ސީޒަންގައި ސައުދީ ލީގު ފެށުމުގެ ކުރިން އޮތް ޔޫއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބު ކުރި ނަސްރު، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ލީގުގެ ފުރަތަމަ މޮޅެއް ހޯދަން އެޓީމުން ހުކުރު ދުވަހުގެ ރޭ އަލް ފާތިހް އާ ދެކޮޅަށް ނުކުންނާނެ އެވެ.