Roadha Mihaaru
ވަކި މީހަކަށްޓަކައި ވޯޓުލާކަށް ދީނުގައި ބާރެއް ނާޅާ

ވަކި މީހަކު ބުނީތީ ވަކި މީހަކަށް ވޯޓުލާކަށް ދީނުގައި ބާރެއް ނާޅާ

26 އޯގަސްޓް 2023

މުޖުތަމައުގެ މަސްއޫލިއްޔަތުތަކަށް އިސްކުރެވޭ މީހުންނަކީ ވަކި ޝަރުތުތަކެއް ހަމަވާ ވަކި ސިފަތަކެއްގެ ވެރި ބަޔަކު ކަމުގައި ވާން ޖެހެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި ގޮތުން އެންމެ މުހިންމު އަދި އަސާސީ ދެ ސިފައަކީ ގާބިލުކަމާއި އަމާނާތްތެރިކަމެވެ. އެހެނީ ނޯކަރެއްގެ ގޮތުގައި މޫސާގެފާނު އިޚުތިޔާރުކުރެއްވުމުގައި ޝުޢައިބުގެފާނުގެ ދަރިކަނބަލަކު އެންމެ އިސްކަންދެއްވި ދެ ސިފައަކީ ވަރުގަދަ ކަމާއި އަމާނާތްތެރިކަމެވެ. (އަލް ޤިޞަޞް 26) އަދި ޔޫސުފުގެފާނު މިސްރުގެ ޚަޒާނާގެ ވެރިއަކަށް ޝަރުތު ހަމަވާކަން ބަޔާން ކޮށްދެއްވުމަށްޓަކައި ފާހަގަކުރެއްވި ދެ ސިފައަކީ އެކަމާ ގުޅޭ ކަންތައްތައް ދެނެވަޑައިގަތުމާއި އެކަމަށް ރައްކާތެރިވާނެ ކަމެވެ. (ޔޫސުފް 55)

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

މުޖުތަމައުގެ މަސްއޫލިއްޔަތުތަކަށް އިސްކުރެވޭ މީހުންނަކީ ވަކި ޝަރުތުތަކެއް ހަމަވާ ވަކި ސިފަތަކެއްގެ ވެރި ބަޔަކު ކަމުގައި ވާން ޖެހެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި ގޮތުން އެންމެ މުހިންމު އަދި އަސާސީ ދެ ސިފައަކީ ގާބިލުކަމާއި އަމާނާތްތެރިކަމެވެ. އެހެނީ ނޯކަރެއްގެ ގޮތުގައި މޫސާގެފާނު އިޚުތިޔާރުކުރެއްވުމުގައި ޝުޢައިބުގެފާނުގެ ދަރިކަނބަލަކު އެންމެ އިސްކަންދެއްވި ދެ ސިފައަކީ ވަރުގަދަ ކަމާއި އަމާނާތްތެރިކަމެވެ. (އަލް ޤިޞަޞް 26) އަދި ޔޫސުފުގެފާނު މިސްރުގެ ޚަޒާނާގެ ވެރިއަކަށް ޝަރުތު ހަމަވާކަން ބަޔާން ކޮށްދެއްވުމަށްޓަކައި ފާހަގަކުރެއްވި ދެ ސިފައަކީ އެކަމާ ގުޅޭ ކަންތައްތައް ދެނެވަޑައިގަތުމާއި އެކަމަށް ރައްކާތެރިވާނެ ކަމެވެ. (ޔޫސުފް 55)

މި ދެ އާޔަތުގައި ތަފާތު ލަފުޒުތައް ބޭނުންކުރެވިފައި ވިއަސް ހަގީގަތުގައި ދެ ހާލަތުގައި ވެސް އެ އިޝާރާތް ކުރެވެނީ ގާބިލުކަމާއި އަމާނާތްތެރި ކަމަށެވެ.

މިކަން މި ގޮތަށް އޮތް ނަމަވެސް މަގާމުތަކަށް މީހުން އިސްކުރުމުގައި އެހެން ކަންކަމަށް ބައެއް ފަހަރު އިސްކަން ދެވެ އެވެ. އިންތިޚާބުތަކުގައި މީހަކަށް ވޯޓު ދިނުމަކީ އަސްލުގައި މަގާމަކަށް މީހަކު އައްޔަން ކުރުމެކެވެ. މިކަން މިހެން އޮތް ނަމަވެސް ވޯޓު ދިނުމުގައި ވަކި ޕާޓީއަކަށް ނިސްބަތް ވާތީ ނުވަތަ ގާތްތިމާގެ ކަމުގެ ގުޅުމެއް އޮތީތީ ނުވަތަ ރައްޓެއްސަކަށް ވީތީ ނުވަތަ މާއްދީ އެހީތެރިކަމެއް ލިބުނީތީ ނުވަތަ އެފަދަކަމެއް ލިބެން އޮތީތީ ނުވަތަ އެހެން މީހަކު ދައްކާ ބިރަށް ބޯލަނބާތީ ނުވަތަ ޒާތީ ގޮތުން އޮންނަ ރުޅިވެރިކަމެއް ނުވަތަ ހަސަދައެއް ފިލުވާލަން ބޭނުންވާތީ ނުވަތަ ވަކި މީހަކު ބުނީތީ ވަކި މީހަކަށް ވޯޓު ދެވެ އެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ "މުސްލިމުންގެ ކަމަކަށް މަސްއޫލުވެރިއެއްގެ ގޮތުގައި ވަކި މީހަކު ހަމަޖައްސާއިރު އެކަމަށް އެ މީހާ އަށް ވުރެ އެކަށޭނަ އެހެން މީހަކު ހުއްޓައި އަނެކާ އަށް އެކަން ހަވާލުކުރުމަކީ ﷲ އާއި ރަސޫލާ އާއި މުއުމިނުންނަށް ވެވޭ ޚިޔާނަތެކެވެ." (އަލްޙާކިމް).

ވީމާ އިންތިޚާބުތަކުގައި އެންމެ ގާބިލު އަމާނާތްތެރިޔާ އަށް ވޯޓު ދިނުމަކީ އަމާނަތެކެވެ. މި އަމާނާތް ސައްހަ ގޮތުގައި އަދާކުރާ ނަމަ ވޯޓުދޭ ކޮންމެ މީހަކު ވެސް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ތިމާގެ ކުރިމަތީގައި ވަކި މީހަކު އިޚުތިޔާރު ކުރަން ފުރުސަތުތައް ހުރި އިރު އޭގެ ތެރެއިން ގާބިލުކަމާއި އަމާނާތްތެރިކަމުގައި އެންމެ އެކަށީގެންވަނީ ކާކުތޯ ބެލުމެވެ. އެހެނީ ކަންކަމަށް އިސްކުރާ މީހުންގެ ކިބައިގައި ގާބިލުކަމާއި އަމާނާތްތެރިކަމުގެ ސިފަ ހުރެއްޖެ ނަމަ ރަނގަޅު އެހެން ހުރިހާ ސިފަތަކެއް ހުންނާނެތީ އެވެ.

އެންމެ ފުރަތަމަ ގާބިލުކަމުގެ ސިފަ އަށް ބަލާއިރު ވަރުގަދަ އަދި ކަންކަން ދަންނަ މީހަކަށް ("ޤަވިއްޔު" އަކަށް ނުވަތަ "ޢަލީމު" އަކަށް) ވުމަށްޓަކައި އިލްމު ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ދުނިޔޭގައި ކަންކަން ހިނގާ ގޮތް އެނގުމާ އެކު ހިކުމަތްތެރިކަމާ އެކު ކަންކަން ކުރަން ދަންނަ މީހަކަށް ވާންޖެހެ އެވެ. އެ މީހަކު އެ ކަމަކަށް އިސްކުރެވޭ ކަމެއްގެ ޚާއްސަ އިލްމު ވެސް ލިބިފައި ހުންނަން ޖެހެ އެވެ. މިސާލަކަށް އިސްލާމީ ދައުލަތެއްގެ އެންމެ އިސް ވެރިޔަކަށް މީހަކު އައްޔަންކުރާ ނަމަ އެކަމަށް އެންމެ ގާބިލު މީހާ ކަމުގައި ވާނީ އެކަމަށް ކުޅަދާނަ، ކުފޫ ހަމަވާ މީހާ އެވެ. މިކަން ފުރިހަމަވުމަށްޓަކައި އިލްމީ ގޮތުން ގާބިލު މީހަކަށް ވާން ޖެހެ އެވެ.

ނަމަވެސް ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ "މުސްލިމުންގެ ކަމަކަށް މަސްއޫލުވެރިއެއްގެ ގޮތުގައި ވަކި މީހަކު ހަމަޖައްސާއިރު އެކަމަށް އެ މީހާ އަށް ވުރެ އެކަށޭނަ އެހެން މީހަކު ހުއްޓައި އަނެކާ އަށް އެކަން ހަވާލުކުރުމަކީ ﷲ އާއި ރަސޫލާ އާއި މުއުމިނުންނަށް ވެވޭ ޚިޔާނަތެކެވެ." (އަލްޙާކިމް).

ވެރިޔަކަށް އިޚުތިޔާރުކުރާ މީހާގެ ކިބައިގައި އިލްމީ ގޮތުން ހުންނަން ޖެހޭ ގާބިލު ކަމާ މެދު އިސްލާމީ އިލްމުވެރިން ވިދާޅުވެފައިވަނީ މާތްﷲގެ ޚިލާފަތު ދެމެހެއްޓުމަށް އިސްކުރެވޭ މީހަކީ އިސްލާމީ ޢަޤީދާގެ މަތީގައި މުޖުތަމައު ދަމަހައްޓައިދެވޭ ވަރުގެ އިލްމު ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އިބްނު ޚަލްދޫންގެ ނަޒަރުގައި އިލްމީ ގޮތުން ގާބިލުވުމަކީ، މާތްﷲގެ ހުކުމްތައް ތަންފީޒު ކުރަން އެނގޭ މީހަކު ކަމުގައި ވުމެވެ. ޢަބްދުލްޤާދިރުލް ބަޣްދާދީ ވިދާޅުވެފައިވަނީ ހަލާލު ހަރާމް ހުކުމްތަކުގައި މުޖުތަހިދުންގެ ފެންވަރާ ހަމައަށް ދީނީ އިލްމު ނޭނގޭ ނަމަ އިލްމުވެރިވީ ކަމަށް ނުބެލެވޭނެ ކަމަށެވެ. އަބޫބަކުރުލް ބާޤިއްލާނީ ވިދާޅުވެފައިވަނީ މުސްލިމުންގެ ޤާޟީއަކަށް އެނގެން ޖެހޭ މިންވަރަށް ހާކިމަށް ދީނީ އިލްމު އެނގެންޖެހޭނެ ކަމަށެވެ.

އަލްއަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި އިސްލާމީ އުންމަތުގެ އެންމެ އިސް ވެރިޔާ، ކީރިތި ނަބިއްޔާ، ސިފަ ކުރެވިފައިވަނީ އެކަލޭގެފާނަކީ، އެކަލޭގެފާނަށް ތަބާވާ މީހުންނަށް ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރާ، އަދި އެންމެހާ ރަނގަޅު ކަންތައް ހަލާލު ކުރައްވައި އެންމެހައި ނުބައި ކަންކަން ހަރާމް ކުރައްވާ ބޭކަލެއްގެ ގޮތުގަ އެވެ. މި ކަންކަމަކީ އިލްމާ ނުލައި ކުރެވޭނެ ކަންކަމެއް ނޫނެވެ. ޢަލީގެފާނު ވިދާޅުވެފައި ވެ އެވެ. "އޭ މީސްތަކުންނޭވެ! މި ކަމަށް (އެބަހީ ވެރިކަމަށް) އެންމެ އައުލާވެގެންވާ މީހަކީ މިކަމަށް އެންމެ ވަރުގަދަ އަދި މާތްﷲގެ އަމުރުތައް އެންމެ ރަނގަޅަށް ދަންނަ މީހާ އެވެ." ރަސްކަލެއްގެ ގޮތުގައި، މާތްﷲ، ޠާލޫތު ފޮނުއްވެވި ހިނދު ގައުމުގެ މީހުން ވެރިކަމަށް ކުފޫހަމަވުމުގެ މިންގަނޑެއްގެ ގޮތުގައި މުދާވެރިކަން ބެލި ނަމަވެސް ﷲ އެންގެވީ އޭނާ އަށް އިލްމާއި ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިގެންވާ ކަމަށެވެ. (އަލްބަޤަރާ 247)

އިސްލާމީ މުޖުތަމައެއްގައި ތަރައްގީގެ މަގުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވެ ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައުގެ ގިޔާދަތު އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދަން އެނގޭ ވެރިކަމެއް އޮވެގެންނެވެ. އެހެނީ އެފަދަ މުޖުތަމައެއްގެ އާންމު ފިކުރުތަކާއި ތަރައްގީގައި އަޅާ ހުރިހާ ފިޔަވަޅުތަކާއި މި ހުރިހާ ކަމެއްގެ ގިއުގަނޑަކީ އިސްލާމީ ޝަރީއަތް ކަމަށް ވުމެވެ. އިންސާނުން ހަދާ ގާނޫނުތަކުގެ ކުރިމަތީގައި މަގު އޮޅިގެން ނުގޮސް އިސްލާމީ އުސޫލުތަކާ ހަމަތައް ހިފެހެއްޓޭނީ އަދި ބިމުގެ ޚަލީފާކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ފަސޭހަވާނީ ވެސް އޭރުންނެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ހިރިޔާ ސްކޫލް ކައިރީގައި ބަޔަކު ކިއޫ ހަދައިގެން.---ފައިލް ފޮޓޯ: މިހާރު

އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ހިރިޔާ ސްކޫލް ކައިރީގައި ބަޔަކު ކިއޫ ހަދައިގެން.---ފައިލް ފޮޓޯ: މިހާރު

ކަންކަމަށް އިސްކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ދެ ވަނަ ޝަރުތަކީ އަމާނާތްތެރިކަމެވެ. މިގޮތުން އަމާނާތްތެރިއަކަށް ("އަމީން" އަކަށް ނުވަތަ "ޙަފީޡް" އަކަށް) ވުމަށްޓަކައި އެތައް ސިފަތަކެއް ފުރިހަމަވާން ޖެހެ އެވެ. އެހެނީ އަމާނާތްތެރިކަމުގެ މާނައިގެ ތެރޭގައި އެންމެ ފުރަތަމަ ތެދުވެރިކަން ހިމެނޭނެ އެވެ. ވާހަކަ ދެއްކުމުގަ އާއި މުއާމަލާތު ކުރުމުގަ އާއި ވައުދުތައް ފުއްދުމުގައި ތެދުވެރިއަކަށް ވާން ޖެހޭނެ އެވެ. އަދުލުވެރިވާން ޖެހޭނެ އެވެ. އަދި ކިއެއްތަ، އަދުލުވެރިކަމަކީ ވެރިންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިންމު ސިފައެކެވެ. އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މާތްﷲ އަމުރު ކުރައްވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށެވެ. ދެން އެ އަށް ފަހު އަމުރު ކުރައްވަނީ ހުކުމް ކުރާ ނަމަ އަދުލުވެރިކަމާ އެކު ހުކުމް ކުރުމަށެވެ. ވެރިންނަށް ކިޔަމަންވުމަށް މާތްﷲ އަމުރު ކުރައްވާފައިވާ އާޔަތް ވަނީ މި އާޔަތާ ޖެހިގެންނެވެ. މިއިން ދޭހަވަނީ ވެރިންނަށް ރައްޔިތުން ކިޔަމަންވުމަށް ވުރެ ކުރިން ވެރިން ރައްޔިތުންނަށް އަދުލުވެރިވާން ޖެހޭ ކަމެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހެއްގެ އަތުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ފާހަގަ ޖަހަނީ.---ފައިލް ފޮޓޯ: މިހާރު

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހެއްގެ އަތުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ފާހަގަ ޖަހަނީ.---ފައިލް ފޮޓޯ: މިހާރު

އަމާނާތްތެރިކަމުގެ ސިފަ ފުރިހަމަވުމަށްޓަކައި މާތް ސުލޫކެއްގެ ވެރިއެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ. އެހެނީ ރިވެތި އަޚުލާގުގެ މަތީ ހުރުމަކީ މާތްﷲ އަށް އަމާނާތްތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ބަހާއި ޢަމަލާ އެއްގޮތްވުމަކީ ވެސް އަމާނާތްތެރިވުމުގެ ތެރޭ ހިމެނޭ ކަމެކެވެ. ހަމަ އެފަދައިން މަސްއޫލިއްޔަތު އުފުލުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރޭ ހިމެނޭ ކަމެކެވެ. ވަކިން ޚާއްސަކޮށް މާތްﷲގެ އަމުރުފުޅުތައް މި ބިންމަތީ ތަންފީޒު ކުރުމުގައި އަމާނާތްތެރިވުން ވަރަށް މުހިންމެވެ. އެހެނީ އެއީ ﷲ އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށް ހުށަހެޅުއްވުމުން އެ ތަކެއްޗަށް އެ ވަރުގެ ބޮޑު ބުރައެއް ނުއުފުލޭނެތީވެ އެކަން ގަބޫލު ނުކުރުމުން އިންސާނުން އަމިއްލަ އަށް އުފުއްލި އަމާނަތަކަށް ވާތީ އެވެ. ވީމާ މި ކަންކަމަށް ބަލާއިރު އެނގެނީ އަމާނާތްތެރިކަން ފުރިހަމަ ކުރެވޭނީ އެއާ ގުޅުން ހުރި އެހެން ހުރިހާ އަޚުލާގީ ސިފަތަކެއް ވެސް އެ މީހެއްގެ ކިބައިގައި ހަމަވުމުން ކަމެވެ.

މި ބަޔާންކުރި ހުރިހާ ސިފަތައް ފުރިހަމަވާ މީހަކު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން ދެން އޮންނާނީ މި ދެންނެވި ސިފަތަކާ އެންމެ ގާތް ކުރާ މީހަކު ކަނޑައެޅުމެވެ. މި ކަމުގައި ކުރިން އިޝާރާތްކުރި ފަދަ މި ކަމާ ގުޅުން ނެތް އެހެން ކަންކަމަށް އިސްކަން ދީގެން ނުވާނެ އެވެ. އެހެންކަމުން އެ މީހެއްގެ އިޖުތިހާދުން ބަލާއިރު އެންމެ އެކަށީގެންވާ މީހާ ކަމަށް ގަބޫލު ނުކުރެވޭ މީހަކަށް ވޯޓު ދޭން އެހެން ފަރާތްތަކުން ކިތަންމެ ގިނަ ފިއްތުންތަކެއް އަޔަސް އެ އަށް ތަބާވާކަށް ނުޖެހޭނެ އެވެ. އޭގެ ތެރޭގައި މައިންބަފައިން ނުވަތަ އަނބިފިރިން މިފަދަ ކަމަކަށް އެދުނު ނަމަވެސް އެ އަށް ތަބާވުން ވެސް ލާޒިމެއް ނުވާނެ އެވެ. އެހެނީ އެ ފަރާތްތަކުގެ އަމުރަށް ތަބާވުން އިސްލާމްދީނުގައި އޮންނަނީ މުތުލަގުކޮށް ކަމަށް ނުވާތީ އެވެ. ކަންކަމަށް މީހުން އިސްކުރުމަކީ ﷲ އާއި ރަސޫލާ އާއި މުއުމިނުންނަށް އަމާނާތްތެރިވުމުގެ ތެރޭ ހިމެނޭ ކަމެއް ކަމަށް ވާތީ އެވެ. މީގެ އިތުރުން ވޯޓަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ އެ މީހެއްގެ އެކަނި ހައްގެއް ކަމަށް ވާތީ އެވެ.