Roadha Mihaaru
އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކަކީ އޮޕަންހައިމާ

އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކްއަކަށް "އޮޕަންހައިމާ" ވެއްޖެ

17 ސެޕްޓެމްބަރ 2023

ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކް ފިލްމަކަށް ކްރިސްޓޮފާ ނޯލަންގެ "އޮޕަންހައިމާ" ވެއްޖެ އެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކް ފިލްމަކަށް ކްރިސްޓޮފާ ނޯލަންގެ "އޮޕަންހައިމާ" ވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހަފުތާގެ ނިޔަލަށް "އޮޕެންހައިމާ" އަށް ވަނީ ބޮކްސް އޮފީހުގައި 950 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. މިދިޔަ ޖުލައި މަހުގެ 21 ގައި ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމު ވަނީ ބޮކްސް އޮފީހުގެ ބޮޑު ރެކޯޑެއް ހަދައިފަ އެވެ.

ބަޔޮޕިކް ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން ކުރިން އެ މަގާމުގައި އޮތީ 2019 ވަނަ އަހަރުގެ އޮސްކާގައި އެންމެ މޮޅު ފިލްމަކަށް ހޮވުނު "ބޮހިމިއަން ރެޕްސޮޑީ" އެވެ. އެ ފިލްމަށް ވަނީ 910.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

"އޮޕަންހައިމާ" ބިނާކޮށްފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށެވެ. މި ފިލްމުގައި ރޮބާޓް އޮޕެންހައިމާގެ ރޯލު ކުޅެނީ ކިލިއަން މާފީ އެވެ.

މި ފިލްމަށް އާންމުންނާއި ކްރިޓިކުން ތައުރީފު އޮހުނެވެ.

ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ މެޓް ޑޭމަން، އެމިލީ ބްލަންޓް، ރޮބަޓް ޑައުނީ ޖޫނިއާ، ފްލޮރެންސް ޕޫ، ޖެކް ކުއައިޑް، ބެނީ ސަފްޑީ، ރަމީ މަލެކް، ޑޭން ޑީހާން، ޖޯޝް ހާނެޓް، މެތިއު މޮޑައިން، ކެނެތު ބްރަނައި، ޑޭވިޑް ކްރަމްހޯލްޓްޒް، މައިކަލް އެންގްރާނޯ އަދި އޮލްޑެން އެރިންރައިކް އެވެ.