Roadha Mihaaru
އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން އުޅުނިން: ޓްރަމްޕު

އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން އުޅުނިން: ޓްރަމްޕު

18 ސެޕްޓެމްބަރ 2023

އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލެވޭތޯ އުޅުނީ، ވަކި މީހަކު ބުނެގެން ނޫން ކަމަށާއި އެއީ އަމިއްލަ އަށް ކުރަން އުޅުނު ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލެވޭތޯ އުޅުނީ، ވަކި މީހަކު ބުނެގެން ނޫން ކަމަށާއި އެއީ އަމިއްލަ އަށް ކުރަން އުޅުނު ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ޗެނަލް އެންބީސީން އިއްޔެ ދެއްކި "މީޓް ދަ ޕްރެސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ 2020ގެ ރިއާސީ އިންތިޚާބު ނިމި ނަތީޖާ އިއުލާންކުރުމާ އެކު، އިންތިޚާބު ނާކާމިޔާބުވިކަން އޭނާގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވި ކަމަށެވެ. ނަމަވެސް، އިންތިޚާބުގައި ކާމިޔާބު ލިބުނު ކަމަށް ދައުވާކޮށް އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލެވޭތޯ މަސައްކަތް ކުރީ، އޭނާގެ އަމިއްލަ ނިންމެވުމެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވައިލެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް އިއުތިރާފްވި އިރު، 2020ގެ ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި، ޓްރަމްޕުގެ މައްޗަށް، އޮގަސްޓް 1، 2023 ގައި ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.

ސްޕެޝަލް ކައުންސެލް ޖެކް ސިމިތު އިސްވެ ހުންނަވައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޓްރަމްޕުގެ މައްޗަށް އުފުލި ޖިނާއީ ދައުވާގައި، ތަފާތު ހަތަރު ކުށެއް ހިމަނާފައިވެ އެވެ. އެ ހަތަރު ކުށަކީ؛ ދައުލަތަށް އޮޅުވައިލުމަށް ރޭވުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުން، އަދި އަނެކުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުމުގެ ކުށެވެ.

މި ދައުވާގައި ސްޕެޝަލް ކައުންސެލް ޖެކް ސިމިތު ވިދާޅުވެފައިވަނީ، އިންތިޚާބުގައި ކާމިޔާބު ލިބުނީ ޓްރަމްޕަށް ކަމަށް އޭނާ ދައުވާ ކުރެއްވި އިރު، އެއީ ދޮގު ދައުވާއެއްކަން ޓްރަމްޕަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އަދި އޭނާ އެ ދޮގު ދައުވާ ފަތުރަމުން ދިޔައީ، އިންތިޚާބުން ބަލިވިކަން ސާފުކޮށް އޭނާގެ ގާނޫނީ ޓީމުގެ ފަރާތުން ބުނެދީފައި އޮއްވާ ކަމަށް ވެސް، ދައުވާގައި ބުނެފައިވެ އެވެ.

"ތަފާތު މީހުންގެ ވާހަކަތައް އަހަރެން އަޑު އެހިން. އެ ހުރިހާ އެންމެންގެ ވާހަކަތައް އަޑުއެހުމުން އަހަރެންނަށް ގަބޫލުކުރެވުނީ އިންތިޚާބު އޮތީ އޮޅުވާލާފައި ކަމަށް. އަހަރެން އެހީ ކާކުގެ ވާހަކަތަކެއް ކަން އެނގޭތަ؟ އަހަރެން އެހީ އަހަރެންގެ އަމިއްލަ ނަފްސުގެ އަޑު. ކަންތައް ހިނގައި ދިޔަ ގޮތް އަހަރެން ދުށިން،" އެންބީސީ އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕު ވިދާޅުވި ގޮތުގައި އިންތިޚާބުން ނާކާމިޔާބުވި ކަމަށް ވިދާޅުވި ގާނޫނީ ވަކީލުންގެ ވާހަކަތައް އޭނާ ގަބޫލު ނުކުރެއްވީ އެ ވަކީލުންނަށް އޭނާ އިހްތިރާމް ނުކުރައްވާތީ އެވެ.

"އެ އެންމެންނަކީ ވެސް އުޖޫރަ ދީގެން ގެންގުޅުނު ވަކީލުން. ދުވަހަކު ވެސް އެމީހުންނާ ބައްދަލުވެފައެއް ނުވާނެ. އެމީހުންގެ ފަރާތުން ލިބެނީ ލަފައެއް. އެންމެ ފަހުން އެނގުނީ އެމީހުންނަކީ ރީނޯސް (ރިޕަބްލިކަން ޕާޓީ އަށް ތާއީދުކުރާ މީހުން) ކަން. ނޫނީ އެމީހުންނަކީ އެ ދާއިރާގައި އެހާ ރަނގަޅު ބައެއް ނޫން. ގިނަ މައްސަލަތަކުގައި އެމީހުން އެހާ ރަނގަޅެއް ނޫން،" ޓްރަމްޕު ވިދާޅުވި އެވެ.

"އެހެންވީމާ އެމީހުންނަށް އަހަރެން އިހުތިރާމެއް ނުކުރަން. އެކަމަކު އެހެން ގާނޫނީ ވަކީލުންނަށް އަހަރެން އިހްތިރާމް ކުރަން. އިންތިޚާބުގެ ނަތީޖާ އޮތީ އޮޅުވާލައިފައޭ ބުނި ގާނޫނީ ވަކީލުންނަށް އަހަރެން އިހްތިރާމް ކުރަން."

އިންތިޚާބުން ނާކާމިޔާބުވުމާ އެކު، އިންތިޚާބުގެ ނަތީޖާ އޭނާއާ އެއްކޮޅަށް ފުރޮޅައިލެވޭތޯ އެކި ގޮތްގޮތުން ޓްރަމްޕު މަސައްކަތް ކުރެއްވި އެވެ. އެ ގޮތުން ޓްރަމްޕު، ޖޯޖިއާ ސްޓޭޓްގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްބާގާ އަށާއި އެ ސްޓޭޓްގެ އެހެން އިސް ވެރިއަކަށް ގުޅުއްވައި، ވޯޓުތައް އަލުން ގުނައި، އިންތިޚާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓު އިތުރު ކޮށްދެއްވުމަށް، ޓްރަމްޕު އެ ދެ ބޭފުޅުންނަށް ފިއްތުންތައް ކުރިމަތިކުރެއްވި އެވެ.

މި މައްސަލަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޚާއްސަ ކޮމިޓީން ތަހުގީގު ކުރުމުން އެނގުނު އަނެއް ކަމަކީ، އިލެޓޯރަލް ކޮލެޖް ވޯޓުގެ ވަގު ވޯޓުތަކެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށާއި އެމެރިކާގެ ގައުމީ އަރުޝީފަށް ފޮނުވުމަށް ވެސް، ޓްރަމްޕުގެ ކެމްޕޭން ޓީމުން މަސައްކަތް ކުރި ކަމެވެ. އެކަމަށް ކެމްޕޭން ޓީމުން މަސައްކަތް ކުރީ، އެކަމަކީ ގާނޫނާ ޚިލާފު ބޮޑު ކުށަކަށް ވެދާނެ ކަމަށް، ގާނޫނީ ޓީމުން ލަފާދީ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކަން ވެސް ތަހުގީގުން ސާބިތުވި އެވެ.

އެ ތަހުގީގަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޖެނުއަރީ 6، 2021 ގައި، ޓްރަމްޕުގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ހުންނެވީ ޓްރަމްޕެވެ. އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ބައިވެރިވި އެންމެން ވެސް އަމަލުކުރީ ޓްރަމްޕުގެ އިރުޝާދުތަކަށް ކަމަށާއި، ޓްރަމްޕުގެ އެ އަމަލުތައް އެގޮތަށް ނުބެހެއްޓެވި ނަމަ، އެ ދުވަހު އެ ހިނގި އެއްވެސް ކަމެއް ނުހިނގީސް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.