Roadha Mihaaru
ގޯތި ލިބުމުން ބިންކޮޅު ދޫކޮށްލަންޖެހޭ ގޮތް ސާފުކޮށްދީފި

ގޯތި ލިބުނު މީހުންގެ ނަމުގައި އޮތް ބިންކޮޅު ދޫކޮށްލަން ޖެހޭނީ ގެދޮރު އަޅައި ނިމުމުން: މުއިއްޒު

20 ސެޕްޓެމްބަރ 2023

މާލޭގެ މީހުންނަށް ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެ އަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓަރީ ކޮށްފައި އޮތް ނަމަ އެ ތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް އުސޫލު އޭނާހެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ ގޮތް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ސާފުކޮށްދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގެ މީހުންނަށް ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެ އަށް ވުރެ ކުޑަ ބިމެއް ވިޔަސް ރަޖިސްޓަރީ ކޮށްފައި އޮތް ނަމަ އެ ތަނެއް ދޫކޮށްލަން ޖެހޭ ގޮތަށް މިހާރު ކަނޑައަޅާފައި އޮތް އުސޫލު އޭނާހެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ ގޮތް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ސާފުކޮށްދެއްވައިފި އެވެ.

ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަމުގައި އޮތް ބިންކޮޅު ދޫކޮށްލަން ޖެހޭ ޝަރުތު އުވާލަން މީގެ ކުރިން ވިދާޅުވި ވިދާޅުވުމާ ގުޅޭ ގޮތުން އާންމުންގެ ހުރި ޝަކުވާތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، މިހާރު އޮންނަ ގޮތުން ނަމަ ގޯތި ލިބޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބިންކޮޅު ދޫކޮށްލަން ޖެހޭ ކަމަށާއި އެއީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިހާރު ވެއްޖިއްޔާ ވާ ގޮތަކީ ތަނަކަށް ވަންނަން އެބަ ޖެހޭ. ގޯތި އަދި ފެންނާނަކަށް ނެތް، ކަނޑުގައި އޮތީ. އެހެން އޮއްވައި ރެޖިސްޓްރީ ލިބޭ ހިސާބުން ނޫނީ ލިޔުން ލިބޭ ހިސާބުން މި ޖެހެނީ ތިން މަސް ނުވަތަ މިހާ ކުޑަ މުއްދަތެއް ތެރޭގައި ބިންކޮޅު ދޫކޮށްލަން، އެއީ ރަނގަޅު ގޮތެއް ނޫނޭ. އެތައް އަހަރެއް ވިއޭ ތަނެއް ނުލިބި،" ކުރީގެ ދެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

ޕްލޭނަކީ ލިބުނު ގޯތީގައި ގެދޮރު ހަދައި ނިމި، އެ ތަނަށް ބަދަލުވެވޭ ވަރު ވުމުން ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށް ބަދަލުކުރުމުން ކަމަށް މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

"އެ ތަނުގައި ގެދޮރު އެޅި، އެ ގެދޮރަށް ވަދެވޭވަރުވީމާ މި ތަންކޮޅު ދޫކޮށްލަން ވީ. އޭގެ ކުރިން އެތަންކޮޅު ދޫކޮށްލާކަށް ނުޖެހޭނެ. ދައުލަތުގެ އެއްވެސް އިންޓްރެސްޓެއް ސަރުކާރުގެ އިންޓްރެސްޓެއް ނެތް މި ތަންކޮޅު ހޯދާކަށް. ކޮބައިތޯ އިންސާފު މިތަންކޮޅު އެހާ އަވަހަށް ހޯދަން އުޅުމުގެ،" މުއިއްޒު ވިދާޅުވި އެވެ.

މިގޮތަށް ބަދަލުކުރަން ވިސްނަނީ ގޯތިގެދޮރު ނުލިބި އެތައް ތަކުލީފެއްގައި އުޅެމުން ލިބުނު އުންމީދުގައި ކުލަ ނުޖެހެނުސް، ބިންކޮޅު އަތުލުން ދެކޮޅު ނުޖެހޭތީ ކަމުގައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ހާލަތު ބަދަލުވުމުން އެކަން ކުރުން ކަމަށެވެ.

ބިންކޮޅު ދައުލަތަށް ނެގުމުގައި ވެސް، މިހާރު އޮންނަ ގޮތާ ހިލާފަށް އެތަން އާއިލާގެ ދެން ތިބީ ވާރުތަވެރިންނަށް ދޫކުރާނީ ދައުލަތަށް އެއްވެސް ފީއަކާ ނެގުމަކާ ނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެއްޖެއްޔާ ވިއްކަނީތާ، ބެހެނިވެރިންނަށް މި ލިބެނީ ގަންނަން. އެ ތަންކޮޅަށް ވިއްކާނެ ކަމެއް ނެތް، ކޮންމެހެން ފައިސާ އަތުލާނެ ކަމެއް ނެތް. އެ ހަމަޖެހިފައި އޮތް އުސޫލުން ދޭނެ ގޮތް ހަމަޖައްސައިދޭނަން، އޭރުން އެ މައްސަލަ ހައްލުވީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ވެރިކަަމަށް ވަޑައިގެންނެވުމަށް ފަހު، މިހާރު ދޫކޮށްފައި ހުރި ގޯތިތައް ދޭން ނިންމާފައިވާ ބިންތައް ހަ މަސް ދުވަހާއި 12 މަސް ދުވަސްތެރޭގައި ގުޅިފަޅާއި ގިރާވަޅުފަޅާއި ފުށިދިއްގަރުފަޅާއި ހުޅުމާލެ ފަޅުގެ ބައި އެއްކޮށް ހިއްކައި ނިންމާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެތައް އަހަރެއް ފަހުން މާލެ ސަރަހައްދުން ގޯތި ދީ، ބިން ކަނޑައި އެއްބަސްވުމުގައި ސޮއިކުރަން ފެށިއިރު އޮތީ އެއްބަސްވުންތަކުގައި ސޮއިކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ކުރިން ލިބިފައިވާ ބިން ދޫކޮށްލުމުގެ ގާނޫނީ މަސައްކަތްތައް ފަށަން ޖެހޭ ގޮތަށެވެ.

އެކަމާ ގުޅިގެން ގޯތި ލިބުނު ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރުމާއެކު ސަރުކާރުން ވަނީ ބިން ދޫކޮށްލާން ޖެހޭ މުއްދަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރަށް އިތުރުކޮށްފަ އެވެ.