Roadha Mihaaru
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ

ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ: ވަލީ އަހުދު

21 ސެޕްޓެމްބަރ 2023

އިޒްރޭލާއި ސައޫދީއާ ދެމެދު ގުޅުން އުފެއްދުމަށް އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން، ސައޫދީ އަރަބިއްޔާ މިހާރު އަންނަނީ ދުވަހުން ދުވަހަށް އިޒްރޭލާ ގާތްވަމުން ކަމަށް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޒްރޭލާއި ސައޫދީއާ ދެމެދު ގުޅުން އުފެއްދުމަށް އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން، ސައޫދީ އަރަބިއްޔާ މިހާރު އަންނަނީ ދުވަހުން ދުވަހަށް އިޒްރޭލާ ގާތްވަމުން ކަމަށް ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ޗެނަލް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ގަލްފުގެ އެހެން ބައެއް ގައުމުތައް ވެސް އިޒްރޭލާ އެކުގައި ގުޅުން ގާއިމުކުރަމުން އަންނަ އިރު ސައޫދީން އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އިޒްރޭލާ އެކުގައި ސައޫދީން ގުޅުން އުފެއްދުމަށް އެމެރިކާ އިން ވަރަށް ބޮޑަށް ބާރު އަޅަމުން އަންނަ ކަމަށް ވެސް ވަލީ އަހުދު ވިދާޅުވި އެވެ.

ގަލްފުގެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ އިޒްރޭލާއި ސައޫދީއާ ދެމެދު ގުޅުން ގާއިމުކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އިޒްރޭލާއި އެމެރިކާ އަކީ ވެސް އެމެރިކާގެ ވަރަށް ބޮޑު އަސްކަރީ އެހީތެރިކަމެއް ލިބޭ ދެ ގައުމެވެ.

ސައޫދީ އަރަބިއްޔާއާ އިން އިޒްރޭލާއި ގުޅުން ގާއިމުކުރުމަށް ބާރުއަޅައި އެމެރިކާ އިން ކުރަމުން އަންނަ މަޝްވަރާތަކަށް ސައޫދީން ވަނީ އެހެން ކަންތައްތަކެއް ވެސް އިތުރުކޮށް، އެ ކަންކަމާ މެދު ވެސް މަޝްވަރާ ކުރަން ފަށައިފަ އެވެ. އެ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ނުކުތާއަކީ، އިޒްރޭލުން ފަލަސްތީނާ މެދު މިހާރު ގެންގުޅެމުން އަންނަ ހަރުކަށި ސިޔާސަތުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމެވެ.

މި މަޝްވަރާތަކުގެ އެންމެ މުހިންމު އަނެއް ނުކުތާއަކީ، ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދިނުމެވެ. ސައޫދީން އިތުރު ކުރި ތިން ވަނަ ކަމަކީ، މަދަނީ ކަންކަމުގައި ބޭނުން ކުރުމަށް ނިއުކްލިއާ އިންޖީނުގެއެއް އުފެއްދުމުގައި އެމެރިކާ އިން ސައޫދީ އަށް އެހީތެރިވުމެވެ.

"އޭގެ ތެރެއިން ވެސް ފަލަސްތީނުގެ މައްސަލައަކީ އަހަރެމެންނަށް ވަރަށް މުހިންމު މައްސަލައެއް. އެ މައްސަލަ ހައްލުކުރަން އަހަރެމެން ބޭނުން. އަހަރެމެންނަށް މިކަމުގައި ކުރިއަށް ދެވެނީ ކިހާ ހިސާބަކަށްތޯ ބަލަމާ ހިނގާ. އަހަރެމެން މި އުންމީދު ކުރަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބޭ ފަދަ ހިސާބަކަށް ދެވޭނެ ކަމަށް،" ވަލީ އަހުދު މުހައްމަދު ވިދާޅުވި އެވެ.

އިޒްރޭލާ އެކުގައި ގުޅުން ގާއިމުކުރުމުގެ ކުރިން، އިޒްރޭލުން ފަލަސްތީނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ވަލީ އަހުދު ވިދާޅުވި އިރު، ސައޫދީން އެންމެ ފަހުން އާންމުކުރި އެ ގައުމުގެ ޗާޓާ މެދު އިޒްރޭލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. މި ހަފުތާގެ ކުރީކޮޅު ސައޫދީން އާންމުކުރި އަދި އެ ގައުމުގެ ސްކޫލްތަކާއި ރަސްމީ ހުރިހާ އިދާރާތަކެއްގައި ވެސް ބޭނުންކުރުމަށް އަންގާފައިވާ ޗާޓުގައި، އެ ގައުމުގެ އިމުގެ ވަށައިގެންވާ ގައުމުތަކުގެ ތެރޭގައި އިޒްރޭލެއް ނެތެވެ.

އޭގެ ބަދަލުގައި ސައޫދީން އަލަށް ތައްޔާރުކުރި ޗާޓުގައި އެ ގައުމުގެ ހުޅަނގު-އުތުރުގައި އޮތީ ޖޯޑަން އެވެ. އަދި ޖޯޑަންގެ ހުޅަނގުން އޮތީ ފަލަސްތީނެވެ. މި މައްސަލައިގައި އިޒްރޭލުން ރުޅި އަންނަނީ، އިޒްރޭލުގެ ދައުލަތް ކަމަށް ހަދައިގެން އުޅޭ ބިން، ފަލަސްތީނުގެ ނަމުގައި ފާހަގަކޮށް، އިޒްރޭލުގެ ނަން، ސައޫދީގެ ޗާޓުގައި ނުވެސް ނެތުމުންނެވެ.