Roadha Mihaaru
އީފާސްގެ އޯޓީޕީ ނުލިބޭ މައްސަލަ ބޮޑުވެއްޖެ

އީފާސްގެ އޯޓީޕީ ނުލިބޭ މައްސަލަ ބޮޑުވެއްޖެ

05 ނޮވެމްބަރ 2023

ސަރުކާރުގެ އިދާރާތަކުން އާންމުންނަށް އެކި ހިދުމަތްތައް ދިނުމަށް ބޭނުންކުރަމުން އަންނަ އީފާސް ޕޯޓަލް އަށް މިއަދު ވަރަށް ބާރުބޮޑުވެ، އޯޓީޕީ ނާންނަ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުގެ އިދާރާތަކުން އާންމުންނަށް އެކި ހިދުމަތްތައް ދިނުމަށް ބޭނުންކުރަމުން އަންނަ އީފާސް ޕޯޓަލް އަށް މިއަދު ވަރަށް ބާރުބޮޑުވެ، އޯޓީޕީ ނާންނަ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ދައުލަތުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް، އީފާސް މެދުވެރިކޮށް ސަރުކާރުގެ އެކި އިދާރާތަކަށް އެކި ކަންކަމުގައި ފޯމު ހުށަހަޅަން ޖެހެ އެވެ. ނަމަވެސް، މިއަދު ހެނދުނުން ފެށިގެން އީފާސް ބޭނުންކުރުމުގައި އާންމުންނަށް ވަނީ އެކި ދަތިތަކާ ކުރިމަތިވެފަ އެވެ.

ބެލެވޭ ގޮތުގައި އީފާސްގެ މައްސަލަތަކެއް ދިމާވެގެން އުޅެނީ، ވިނަރެސްގެ ނުވިކި ހުރި ފްލެޓްތައް ވިއްކާލަން މިއަދު ހެނދުނު ހުޅުވުމާލުމާއި މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް މިއަދު ހުޅުވާލުމާ އެކު އެެއް ފަހަރާ ގިނަ ބަޔަކު އެ ޕޯޓަލް އަށް ވަންނަމުން ދާތީ އެވެ.

"މިހާރު"ން ބެލިއިރު، އީފާސްގެ ޕޯޓަލްގެ އޯޓީޕީ އެކްސްޕެއާވުމުގެ ކުރިން ނުލިބެ އެވެ. ފޯނު ނަންބަރަށް ލިބެނީ ވެސް ވަރަށް ލަހުންނެވެ. ބައެއް ފަހަރު، އެކްސްޕެއާ ވުމުގެ ކުރިން އީމެއިލް އަށް އޯޓީޕީ ލިބެ އެވެ. ބައެއް ފަހަރު ނުލިބެ އެވެ.

އޯޓީޕީގެ މައްސަލަ އާއި ލޮގިން ވުމަށް ގިނަ ވަގުތު ނެގުމާއި ފޯމު ހުށަހަޅަން އުޅުމުގެ ތެރޭގައި ޕޯޓަލް ކްރެޝްވާ ކަމަށް ވެސް ވެ އެވެ.

ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އީފާސްގެ އޯޓީޕީގެ ފޮނުވަނީ ދިރާގުގެ އޯޓީޕީ ސާވިސް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް، މިއަދު އެ ހިދުމަތަށް މައްސަލައެއް ދިމާވެގެން އޯޓީޕީ ފޮނުވުމުގައި ދަތިތަކެއް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިރާގާ ގުޅިގެން އެ މައްސަލަ ހައްލުކުރަން މި އަންނަނީ މަސައްކަތް ކުރަމުން. މިއަދު އިރާދަކުރެއްވިއްޔާ އެ މައްސަލަ ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހައުސިން ސްކީމްތަކަށް ފޯމު ހުށަހެޅުމަށް އީފާސް ލޮގިން މެދުވެރިކޮށް ޕޯޓަލްތަކަށް ވަނުން ވަރަށް ބޮޑަށް އިތުރުވެ، އީފާސްގެ ލޯޑު ވަނީ ބޮޑުވެފަ އެވެ. މިދިޔަ ތިން ދުވަހުގެ ތެރޭގައި އެންމެ ބާރުބޮޑުވީ ވެސް ސަރުކާރުގެ ގެދޮރުވެރިޔާ ޕޯޓަލް އަށެވެ.