Roadha Mihaaru
ނޫސްވެރިންގެ ކަންބޮޑުވުމަށް މުއިއްޒުގެ އުއްމީދީ ޖަވާބު

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިންތިހާބީ ރައީސްގެ އުއްމީދީ ޖަވާބެއް

14 ނޮވެމްބަރ 2023

ދިވެހި ނޫސްވެރިންނާއި މީޑިއާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވައި މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް، އަންނަ ހުކުރު ދުވަހު އުފައްދާ އާ ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ނޫސްވެރިންނާއި މީޑިއާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވައި މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް، އަންނަ ހުކުރު ދުވަހު އުފައްދާ އާ ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

އިންތިހާބީ ރައީސް ވަނީ ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. މީޑިއާގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވި އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.

އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ބައިވެރިވެވަޑައިގަތެވެ.

ނޫސްވެރިންގެ ބައެއް ކަންބޮޑުވުންތައް

• މާލީ ގޮތުން ކުރިމަތިވާ ކޮންޖެހުންތައް

• ނޫސްވެރިންނަށް ޓްރެއިނިން ޕްރޮގްރާމްތައް ނެތުން

• ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ނެތުން

• ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވުން

• މައުލޫމާތު ހާމަކުރުމާގައި ހުރި މައްސަލަތައް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ނޫސްވެރިންނަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި މީޑިއާތަކާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ އަބަދު ވެސް ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އާ ސަރުކާރަކީ ދެފުށް ފެންނަ އަދި ހުރިހާ މައުލޫމާތެއް ތެދުވެރިކަމާ އެކު ނޫސްވެރިންނަށް ފޯރުކޮށްދޭނެ ސަރުކާރެކެވެ.

"ތިބޭފުޅުން ޔަގީންކުރަންވީ ކަމަކީ 17 ވަނަ ދުވަހު ފެށިގެން ދާ ސަރުކާރަކީ ތިބޭފުޅުންނާ އެކީގައި މީޑިއާގައި މަސައްކަތްކުރައްވާ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަކަށް، އެދިވަޑައިގަންނަވާ ހުރިހާ މައުލޫމާތުތަކެއް ދެއްވުމުގައި ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާނެ ސަރުކާރަކަށް ވެގެންދާނެ"

"ތިބޭފުޅުން ޔަގީންކުރަންވީ ކަމަކީ 17 ވަނަ ދުވަހު [އަންނަ ހުކުރު ދުވަހު] ފެށިގެން ދާ ސަރުކާރަކީ ތިބޭފުޅުންނާ އެކީގައި މީޑިއާގައި މަސައްކަތްކުރައްވާ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަކަށް، އެދިވަޑައިގަންނަވާ ހުރިހާ މައުލޫމާތުތަކެއް ދެއްވުމުގައި ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާނެ ސަރުކާރަކަށް ވެގެންދާނެ. އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބެޖެޓުގައި އަމިއްލަ މީޑިއާތަކަށް ފައިސާ ހިމަނަނީ

ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ކަނޑައެޅުމަކީ ކެމްޕެއިންގައި މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މަޖިލީހުގައި އެދިވަޑައިގަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ކަންކަން ހިމެނުއްވި އިރުގައި، މީޑިއާތަކަށް ފައިސާ ދޭނެ ވަކި ޕަސެންޓެއް އަދި ހިމަނާފައި ނުވާނެ ކަމަށެވެ. އެއީ މީޑިއާތަކުގެ އިސްވެރިންނާ އެކު އެކަމާ ގުޅޭ ގޮތުން ތަފުސީލީ ގޮތެއްގައި އަދި މަޝްވަރާ ކުރިވެފައި ނުވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް ބަޖެޓާއި ގުޅޭ ގޮތުން ބަޖެޓް ކޮމިޓީގައި މަޝްވަރާ ކުރާ އިރު، މަޖިލީހުގެ ތެރެއިން އެކަމަށް މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަދު ކަމަށާއި އެހެންވެ، އެކަމުގައި އެމްޑީޕީގެ މެމްބަރުން އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެއްބާރުލުން ދެއްވައިފި ނަމަ، މިފަހަރު ފާސްވާ ބަޖެޓުގެ ތެރޭގައި ވެސް އެކަމަށްޓަކައި ޖާގަ އުފެދިގެންދާނެ. އަޅުގަނޑުމެން ބޭނުން އެކަން ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މީޑިއާ ވިލެޖެއް ހަދައި، ހިލޭ ކިޔެވޭނެ ފުރުސަތު

ރޭގެ ބައްދަލުވުމުގައި މުއިއްޒު ވަނީ މީޑިއާތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި މީޑިއާ ވިލެޖެއް ތަރައްގީކޮށް، ނޫސްވެރިކަމާއި މީޑިއާގެ ރޮނގުން ހިލޭ މަތީ ތައުލީމު ހާސިލުކުރެވޭނެ ފުރުސަތުތައް ވެސް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކޮށްފައި ވާތީ އެވެ.

"ކުރިއަށް އޮތް ތަނުގައި އެކަމަށްޓަކާ މާލެ ސިޓީ، ގްރޭޓާ މާލޭ ރީޖަންގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުން، މީޑިއާ ވިލެޖެއް ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެކަމަށް މަގުފަހިކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ މީޑިއާގެ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކަށް ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުމަށް."