މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅުން ހުރި ހުރިހާ ކަމެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމުން ވެސް ދާއިމީ ލިސްޓުގައި ހިމެނޭ ފުރަތަމަ 4،000 ފްލެޓް ދޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ލިޔުން ދޭން ރޭ ފަށައިފި އެވެ.
16 ނޮވެމްބަރ 2023
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅުން ހުރި ހުރިހާ ކަމެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމުން ވެސް ދާއިމީ ލިސްޓުގައި ހިމެނޭ ފުރަތަމަ 4،000 ފްލެޓް ދޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ލިޔުން ދޭން ރޭ ފަށައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފްލެޓް ލިބޭ މީހުންނާ އެކު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަދި ފަހުން ކަމަށެވެ. މިހާރު ސޮއިކުރަމުން އަންނަނީ އެ މީހަކަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ އެއްބަސްވުމުގައި ކަމަށް ވިދާޅުވި އެވެ.
މީހުންނަށް ލިބޭ ފްލެޓްތައް ހައުސިން މިނިސްޓްރީން ކަނޑައެޅިއިރު ރޭ ޔެސް ޓީވީން ލައިވްކޮށް ދައްކަމުން ދިޔަ އެވެ.
ފްލެޓް ލިބޭ މީހުންނަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެފްޑީސީން ފޮނުވި "ލިބޭ ފްލެޓް ކަނޑައަޅާ އެއްބަސްވުމުގައި" ވަނީ އެ މީހަކަށް ލިބޭ ފްލެޓްގެ ނަންބަރާއި ބާވަތް ވެސް ހިމަނައިފަ އެވެ. އަދި މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް އެ ލިޔުމުގައިވެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ޝަކުވާއާ އެކު ދިޔަ މީހުން ހައުސިން މިނިސްޓްރީގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ލިޔުން ފޮނުވާފައި ވަނީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު ސޮއިކުރައްވަ އެވެ. އަދި ފްލެޓް ލިބޭ މީހާ ވެސް އެ ލިޔުމުގައި ސޮއިކުރަން ޖެހެ އެވެ.
ލިބޭ ފްލެޓް ކަނޑައަޅައި ލިޔުން ދެމުން ދަނީ ފްލެޓް ދިނުމާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން މިނިސްޓްރީ އަށް ރޭ އަންގާފައި ވެސް ވަނިކޮށެވެ. އޭސީސީގެ އެންގުމާ ހިލާފަށް މިނިސްޓްރީން ވަނީ ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން ރޭ މެންދަމު 3:30 ވަންދެން ކުރިއަށް ގެންގޮސްފަ އެވެ.
ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އޭސީސީން އެންގީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު، އެންމެ ފަހުގެ ނުވަތަ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ރޭ އާންމުކޮށްފައި ވެސް ވަނިކޮށެވެ.
އޭސީސީގެ ތަހުގީގަށް ފާހަވެފައި ވަނީ އެނގިފައިވާ ގޮތުގައި، ފްލެޓަށް ޝަރުތު ހަމަވާ ބައެއް މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވުމާއި ފޯމުތައް އިވެލުއޭޓް ކުރި އިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައި ހުރުމެވެ. އޭގެ އިތުރުން ބައެއް މީހުން ހުށަހެޅި މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވެން އޮތް ނަމަވެސް އެކަން ވެސް ނުކުރާކަން އޭސީސީގެ ތަހުގީގަށް ފާހަގަވި ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ލިބޭ މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައި ވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ. އަދި އޭގެ ތެރެއިން ބާކީވާ ފްލެޓްތައް ދެނީ 75 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ.
ގެދޮރުވެރިޔާ ފްލެޓުތަކުގެ ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ މެއިންޓެނަންސްގެ 1،000ރ. ގެ ފީއާ އެކު 8،000ރ. އެވެ. އަދި ދެ ކޮޓަރީގެ އަގަކީ މެއިންޓެނަންސް ފީއާ އެކު 6،000ރ. އެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި
ފްލެޓް ލިސްޓު ބާތިލެއް ނުކުރަން: މިނިސްޓްރީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
"ދައުރު ނިމުމުގެ ކުރިން ފްލެޓްތަކުގެ ލިޔުން ދޭނެ"
ގެދޮރުވެރިޔާ ފްލެޓްތައް އާންމުންނަށް ދައްކާލަނީ
3 ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700އެއްހާ ޝަކުވާ
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ