Roadha Mihaaru
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ

ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަނީ

20 ނޮވެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.

އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރި މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުން ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އޮތީ އިއުލާން ކުރައްވައިފަ އެވެ. އެ އަޑުއެހުން މާދަމާ މެންދުރު ބާއްވަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

އެ އަޑުއެހުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ޔާމީން މިވަގުތު ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.