Roadha Mihaaru
ރާއްޖެ އާއި ތައިލެންޑުން ވައިގެ ދަތުރުތައް ފުޅާ ކުރަނީ

ވައިގެ ދަތުރުތައް ފުޅާ ކުރަން ރާއްޖެ އާއި ތައިލެންޑުން އަންނަ މަހު މަޝްވަރާތައް ފަށަނީ

09 ފެބުރުއަރީ 2017

ރާއްޖެ އާއި ތައިލެންޑާ ދެމެދު އުދުހޭ އެއާލައިންތަކުގެ އަދަދު އިތުރުކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް އަންނަ މަހު ފަށަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖެ އާއި ތައިލެންޑާ ދެމެދު އުދުހޭ އެއާލައިންތަކުގެ އަދަދު އިތުރުކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް އަންނަ މަހު ފަށަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓަރު އަރުހަމް ތާމިޕަތުޔަޕައިސިތު މިއަދު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެ އަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ފުރުސަތު ތައިލެންޑުގެ ކޮންމެ އެއާލައިނަކަށް ވެސް އޮތްކަން ޒަމީރު ފާހަގަކުރެއްވި އެވެ. އަދި ތައިލެންޑުގެ ގައުމީ އެއާލައިން، ތައި އެއާވޭސް ފަދަ އެއާލައިންތަކުން ރާއްޖެ އަށް ދަތުރުތައް ފަށައި، ދެ ގައުމުގެ ދެމެދު މިހާރަށް ވުރެ ފަސޭހަ އިން ދަތުރު ކުރެވޭނެ ގޮތްތައް ހަމަޖެހެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"... ތައިލެންޑަކީ ދިވެހި ވިޔަފާރިވެރިން އެންމެ ގިނަ އިން ދާ އަދި ހަލާކުވާ ޒާތުގެ މުދާ ރާއްޖެ އަށް އެންމެ ގިނަ އިން އެތެރެ ކުރާ އެއް ގައުމުކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ. އަދި ތައިލެންޑުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިއުމާއި ބޭސްފަރުވާ އަށް ތައިލެންޑަށް ދާ ދިވެހިންގެ އަދަދު އިތުރުވަމުން އައުމަކީ ވެސް ފާހަގަކޮށްލެވޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ،" ބަޔާނުގައިވެ އެވެ.

މިނިސްޓަރު ޒަމީރު (ވ-4) އާއި ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓަރު އަރުހަމް (ކ-3) މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓަރު ޒަމީރު (ވ-4) އާއި ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓަރު އަރުހަމް (ކ-3) މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މީގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން މީހުން ތަމްރީނު ކުރަން ތައިލެންޑުން މިހާރު ދޭ ފުރުސަތުތަކުގެ އަދަދު އިތުރު ކޮށްދީ، ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ މައި އެއާޕޯޓުގައި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް ދާއިމީ ސްލޮޓެއް ހަމަޖައްސައި ދިނުމަށް މިނިސްޓަރު ޒަމީރު އެދިވަޑައިގެންނެވި އެވެ.

އެ ހުރިހާ ކަމެއް ހިމެނޭ، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދެ ގައުމުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެެއް އެކުލަވާލަން ތައިލެންޑުގެ މިނިސްޓަރު ހުށަހެޅުއްވި އެވެ. އަދި އެކަމާ ބެހޭ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފަށަން ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި އެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު ސީދާ ދަތުރުތައް މިހާރު ކުރަނީ ބެންކޮކް އެއާވޭސް އިން އެކަންޏެވެ. އެކަމަކު، ސިންގަޕޫރުގެ ބައެއް އެއާލައިންތަކާއި އެހެން ބައެއް ސަރަހައްދީ އެއާލައިންތައް މެދުވެރިކޮށް، އެކި ގައުމުތަކުގައި ޓްރާސިޓް ކުރުމަށް ފަހު ތައިލެންޑަށް ދެވެ އެވެ.

ތައިލެންޑުގެ ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި، އެ ގައުމުގެ މިނިސްޓަރު އެދިވަޑައިގެންނެވި އެންމެ މުހިއްމު ކަމަކީ، ބަޔާނުގައިވާ ގޮތުން، ސީޕްލޭންގެ ހިދުމަތް ތައިލެންޑުގައި ފަށަން ރާއްޖޭން އެހީތެރި ވެދިނުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ސީޕްލޭންގެ އޮޕަރޭޝަންގައި ރާއްޖޭން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން ހުސެން ޖަލީލާއި ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި، މިނިސްޓަރު ޒަމީރު ވަނީ ސިވިލް އޭވިއޭޝަނާއި މޯލްޑިވިއަންގެ ފަންނީ އެހީތެރިކަން ތައިލެންޑަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އެ ދާއިރާ އިން ވެސް ދެ ގައުމުގެ ކުންފުނިތަކުން ގުޅުން ބަދަހި ކުރެވޭނެ ފުރުސަތުތައް ހޯދައި ދިނުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ އާއި ތައިލެންޑާ ދެމެދު އުފައްދާފައިވާ ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން މިދިޔަ އަހަރު ކުރިއަށް ދަނީ.-- ފައިލް ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ އާއި ތައިލެންޑާ ދެމެދު އުފައްދާފައިވާ ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން މިދިޔަ އަހަރު ކުރިއަށް ދަނީ.-- ފައިލް ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓް ކުރަނީ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ. އޭގެ އިތުރުން، ގައުމީ އެއާލައިނުން ވެސް ވަނީ ސީޕްލޭންގެ އޮޕަރޭޝަންތައް ފަށައިފަ އެވެ. ޓީއެމްއޭގައި 45 ސީޕްލޭން އޮންނައިރު، މޯލްޑިވިއަން އިން 10 ސީޕްލޭން ގެންގުޅެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން، އިކޮނޮމިކް މިނިސްޓްރީން ތައިލެންޑުގެ ކޮމާސް މިނިސްޓަރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށްފައި ވާއިރު، ދެ ގައުމުގެ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހި ކުރަން މިދިޔަ އަހަރު ވަނީ ރަސްމީ ވާހަކަތައް ވެސް ބާއްވައިފަ އެވެ.

ތައިލެންޑުން ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރެ އެވެ. އޭގެ ތެރޭގައި އަންނައުނާއި ފޭރާން ފަދަ އެއްޗެހި ހިމެނޭއިރު، ރާއްޖޭން މިދިޔަ އަހަރު ބޭރު ކުރި މުދަލުގެ އެންމެ ބޮޑު ބައެއް (33 ޕަސެންޓް) ވެސް ހިއްސާ ކުރަނީ ތައިލެންޑުގެ މާކެޓެވެ.