Roadha Mihaaru
އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި

އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި

27 ޑިސެމްބަރ 2023

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން، އެ އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން، އެ އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅައިފި އެވެ.

އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމާވާން ބާކީ ހަ މަސް އޮއްވައި އިންތިހާބު އަވަސްކޮށް 45 ދުވަހުގެ ތެރޭގައި ބާއްވަން އެފްއޭއެމުން ނިންމީ މި މަހު 17 ވަނަ ދުވަހު އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މިއަދުގެ މެންދުރު ފަހު 2 ޖެހުމުގެ ކުރި އެވެ.

އިންތިހާބުގައި ވާދަކުރައްވަން، މިދިޔަ ނޮވެމްބަރު މަހު އިއުލާން ކުރި ތޯރިގު، މިއަދު ފޯމު ހުށަހެޅީ، މާޒިޔާ އާއި ޓީސީ ސްޕޯޓްސް އަދި ވެލެންސިއާގެ ނޮމިނޭޝަނާ އެކު އެވެ.

އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓަކު ފޯމު ހުށަހަޅަން ޖެހޭނީ ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް ލިބިގެން ކަމަށް އެފްއޭއެމުން ބުނެ އެވެ.

މިއީ، އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ކުރިމަތިލެއްވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސް ކަމަށް އޭނާ ކުރިމަތިލީ، ޖޫން 2016 ގައި ބޭއްވި އިންތިހާބުގަ އެވެ.

އެ އިންތިހާބުގައި ސޯލް ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ރައީސް ކަމަށް އިންތިހާބުވި ނަމަވެސް އޭނާ އަށް މަގާމުގައި ދެމި ހުރެވުނީ ހަތަރު މަހު އެވެ.

އެފްއޭއެމްގެ އޭރުގެ ޖެނަރަލް ސެކްރެޓަރީ އަދި މިހާރުގެ ރައީސް ބައްސާމް، ޖެނަރަލް ސެކްރެޓަރީގެ މަގާމުން ވަކި ކުރުމުގައި އެކްސްކޯއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ބުނެ، އެކްސްކޯގެ ފަސް މެންބަރަކު އެއް ފަހަރާ އިސްތިއުފާ ދީ ޓޮމްގެ ރައީސްކަމުގެ ބާރު ކަނޑުވައިލި އެވެ.

ޖެނަރަލް ސެކްރެޓަރީ އައްޔަން ކުރަނީ ރައީސް ކަނޑައަޅާ ނަމެއް އެކްސްކޯއިން ފާސް ކުރުމަށް ފަހު އެވެ. އަދި މަގާމުން ވަކި ކުރެވޭނީ ވެސް އެކްސްކޯ އަށް ހުށަހަޅައި ފާސްކޮށްގެންނެވެ. ޖެނަރަލް ސެކްރެޓަރީ ކަމުން ބައްސާމް ވަކި ކުރިކަން ޓޮމް އެންގީ އެކްސްކޯއިން ފާސް ނުކޮށެވެ.

ނޮވެމްބަރު 2016 ގައި އަލުން ބޭއްވި އިންތިހާބުގައި ޓޮމްއާ ވާދަ ކުރައްވައި ބައްސާމް ފުރަތަމަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވި އެވެ. އެ އިންތިހާބުގައި ދަގަނޑޭ ވެސް އޭރު ޓޮމް އަށް ތާއީދު ކުރި އެވެ.