Roadha Mihaaru
އޭދަފުށީގެ ހިދުމަތްތެރިޔާ އަހުމަދު އަލީ ނިޔާވެއްޖެ

އޭދަފުށީގެ ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އަހުމަދު އަލީ ނިޔާވެއްޖެ

30 ޑިސެމްބަރ 2023

ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެ އެވެ.

މެދުރާއްޖޭގެ ތެރޭގައި އެންމެ ކާމިޔާބު އެއް ސްކޫލުގެ ގޮތުގައި އެ އަތޮޅު ތައުލީމީ މަރުކަޒު ހެދުމަށްޓަކައި އެންމެ ބުރަ މަސައްކަތް ކުރެއްވި އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިއަދު އެވެ.

މެންދުރު 12:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އޭނާ ވަނީ ހިތުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން އެންޖިއޯ ޕްލާސްޓީ ވެސް ހައްދަވައިފަ އެވެ.

އެ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް، އަދި އަހުމަދަށް އަލީ އަށް ބޮޑުބޭބެ ވިދާޅުވާ، އަހުމަދު ރަފީއު "މިހާރު" އަށް ވިދާޅުވީ ތައުލީމީ ވަރުގަދަ ބްރޭންޑަކަށް އޭދަފުށީ ހެއްދެވުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވީ އަހުމަދު އަލީ ކަމަށެވެ. އޭނާ ވަނީ އެ ރަށު ސްކޫލުގެ ޓީޗަރުކަމުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ އަތޮޅު ދަރަވަންދޫ އަދި ގދ. ގައްދޫ ސްކޫލުގައި ވެސް މަސައްކަތްކުރެއްވި އެވެ.

"ދޮންބޭބެއާ އެކީގައި ވިިއްސަކަށް އަހަރު މަސައްކަތް ކުރެވުނު އެކުގައި. ވަރަށް ހިދުމަތްތެރި ބޭފުޅެއް އެއީ. ވަރަށް ކައިރިން ފެނުނު އެ މަސައްކަތްތައް." ރަފީއު ވިދާޅުވި އެވެ.

ވަޒީފާއިން މުސްކުޅި ކުރާ އުމުރު، 65 އަހަރު ވުމުން މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު ހުންނެވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމްގަ އެވެ. އޭރު ތައުލީމީ ދާއިރާއަށް ވަނީ 43 އަހަރު ހިދުމަތްކުރައްވައިފަ އެވެ.

އަހުމަދުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.