Roadha Mihaaru
އެންއާރުސީ ނޫސްވެރިންނަށް ދައްކާލައިފި

ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު ނޫސްވެރިންނަށް ދައްކާލައިފި

08 ޖެނުއަރީ 2024

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ) ފުރަތަމަ ފަހަރަށް މިއަދު ނޫސްވެރިންނަށް ދައްކާލައިފި އެވެ.

އިފްރާޒް އަލީ ކ. ހިންމަފުށިން އިފްރާޒް އަލީ

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ) ފުރަތަމަ ފަހަރަށް މިއަދު ނޫސްވެރިންނަށް ދައްކާލައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ މި ސެންޓަރު ފަރުމާކޮށްފައިވާ ގޮތާއި މިތަނުގައި ހުރި ވަސީލަތްތަކާ އަދި މިތަނުން ދޭ ހިދުމަތްތަކާއި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ވެސް ވަނީ ނޫސްވެރިންނަށް ކިޔައިދީފަ އެވެ. މި ސެންޓަރަކީ 2022 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ތަނެކެވެ.

އެންއާރުސީގައި ހަތަރު ބްލޮކެއް ހުރެ އެވެ. އެއީ އަންހެނުންނާއި އަންހެން ކުދިންނަށް އެއް ބްލޮކާއި ފިރިހެނުންނަށް ވަކި ބްލޮކާއި 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް ވަކި ބްލޮކެކެވެ. އަދި އެއް އާއިލާއަކަށް އެއްކޮށް ތިބެވޭނެ ބްލޮކެއް ވެސް ހުރެ އެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ).-- ފޮޓޯ: މިހާރު

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ).-- ފޮޓޯ: މިހާރު

އެންއާރުސީގެ ޑިރެކްޓާ ޖެނެރަލް އަންވަރު ނައީމް ވިދާޅުވީ މި ސެންޓަރުން އެއް ފަހަރާ 72 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މިތަނުގައި ތިބޭ މީހުން 24 ގަޑިއިރު މޮނީޓާ ކުރެވޭނެ ގޮތަށް ސެކިއުރިޓީ ޗެކް ޕޯސްޓުތައް ހަދާފައިވާ ކަމަށާއި އަދި ސަވައިލެންސް ސިސްޓަމް ވެސް ހަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަނަށް ގެންނަ މީހުންނަށް ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކައުންސެލިން ރޫމްތަކާއި ކުލާސްރޫމްތައް ހުރެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ރޫމްތަކާއި ލައިބްރަރީ އާއި އެކި ކަހަލަ ހުނަރު ދަސްކޮށް ޕްރޮގްރާމްތައް ހިންގުމަށް ވެސް ރޫމްތައް ހަދާފައިވެ އެވެ. އަދި އަމިއްލަ އަށް ކައްކައިގެން ކެވޭނެ އިންޒާމު ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ.

އަންވަރު ވިދާޅުވީ މިތަނަށް ގެންނަ މީހުންނަށް ދީނީ ހޭލުންތެރިކަމާއި ނަފުސާނީ އަދި އިޖުތިމާއީ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގާ ކަމަށެވެ.

އޭނާ ވިދާޅުވީ މިތަނަށް ގެންނަ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށާއި ތައުލީމު އުނގަންނައިދިނުމަށް ހިންމަފުށީ ސްކޫލްގެ ޓީޗަރުން މި ސެންޓަރުގައި ކްލާސްތައް ނަގައިދޭ ކަމަށެވެ. އަދި ކުދިންގެ އުމުރާ ގުޅޭ ގްރޭޑަކާ އެއް ލެވެލް އަށް ތައުލީމު އުނގެނުމުން، އެ ރަށު ސްކޫލަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ)ގެ ޑިރެކްޓާ ޖެނެރަލް އަންވަރު ނައީމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: އަރީހު / ދެން އެމްވީ

ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކ. ހިންމަފުށީގައި ހަދާފައިވާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ)ގެ ޑިރެކްޓާ ޖެނެރަލް އަންވަރު ނައީމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: އަރީހު / ދެން އެމްވީ

އަންވަރު ވިދާޅުވީ ހަނގުރާމަ ކުރާ ސަރަހައްދުތަކުގައި ތިބި ދިވެހިން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން، އެ ސެންޓަރަށް އެކަން އެންގުމުން އެންމެ ފުރަތަމަ އެއީ ދިވެހިންކަން ޔަގީންކުރުމަށް އެމީހުންގެ ޑީއެންއޭ ޓެސްޓް ހަދާ ކަމަށެވެ. އަދި ދިވެހިން ކަން ޔަގީންވުމުން އެމީހުން ރާއްޖެ ގެނެސް، އެ ސެންޓަރުގައި ބައިތިއްބައިގެން 30 ދުވަހުގެ އެސެސްމަންޓެއް ވެސް ހަދާ ކަމަށް އޭނާ ބުންޏެވެ.

"ދެން ކޯޓަށް އެ އެސެސްމަންޓް ހުށަހަޅައި ކޯޓުން ކަނޑައަޅާ މުއްދަތަކަށް އެމީހުންގެ ރިހެބިލިޓޭޝަން ޕްރޮގްރާމް މިތަނުގައި ހިންގާނީ،" އޭނާ ވިދާޅުވި އެވެ.

މި ސެންޓަރުގައި ކުރިން ވެސް ފަސް މެމްބަރުންގެ އާއިލާއަކަށް ވަނީ ރިހެބިލިޓޭޝަން ފަރުވާ ދީފަ އެވެ. އެއީ އަންހެނަކާއި ހަތަރު ކުޑަކުދިންނަށެވެ.

އަަންވަރު ވިދާޅުވީ އަހަރެއްހާ ދުވަހު ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ފަހު، މިދިޔަ އަހަރު އެ އާއިލާ މުޖުތަމައު އަށް ނެރެފައިވާ ކަމަށެވެ. އަދި ފަސް އަހަރު ވަންދެން އެމީހުންގެ ހާލަތު މި ސެންޓަރުން މޮނީޓާކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންއާރުސީ އަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ބަޔާންކުރާ ކަހަލަ ހަނގުރާމަވެރި ސަރަހައްދުތަކުން ނުވަތަ އެ ކަހަލަ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، އަނބުރާ ރާއްޖެ އަންނަ/ގެނެވޭ މީހުން މުޖުތަމައު އަށް ދިއުމުގެ ކުރިން ރިހެބިލިޓޭޝަން އަދި ރިއިންޓެގްރޭޝަން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ މަރުކަޒެވެ.

އެ މަރުކަޒުގައި ފަރުވާ ދޭނީ "ވިކްޓިމް" އެއްގެ ގޮތުގައި ކަނޑައެޅޭ މީހުންނަށެވެ.