Roadha Mihaaru
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް

ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް

10 ޖެނުއަރީ 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ހަދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ހަދައިފި އެވެ.

އެމްއޭސީއެލް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެ އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް 925 އަށް އަރާފައިވާ ކަމަށެވެ. މީގެ ކުރިން އެއް ދުވަހެއްގެ މަތިން އެއާޕޯޓުގެ ޓްރެފިކް މޫވްމަންޓް އެރީ 861 އަށެވެ. އެހެންވެ އަލަށް ހެދި ރެކޯޑުގައި މިވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޓަނޭޝަނަލް 104 ދަތުރާއި ޑޮމެސްޓިކް 116 ދަތުރާއި ސީޕްލޭން 672 ދަތުރާއި ޖެޓްތަކުގެ 33 ދަތުރުކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ، އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ހެދި އިރު މިއީ މިހާތަނަށް އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ގިނަ ސީޕްލޭން ދަތުރުގެ މޫވްމަންޓް ރެކޯޑު ކުރެވުނު ފަހަރު ކަމަށެވެ. ކުރިން ސީޕްލޭން ޓްރެފިކް މޫވްމަންޓުގެ ރެކޯޑުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހެވެ. އެ ދުވަހު ރެކޯޑުކޮށްފައިވަނީ 659 މޫވްމަންޓެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، އެއާޕޯޓަށް މިފަދަ ކާމިޔާބީއެއް ލިބުނީ، އެއާޕޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރަކީ ޑިސެމްބަރާއި ޖެނުއަރީ މަހެވެ. އެ ދެ މަހުގެ އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް އެމްއޭސީއެލް އިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.