Roadha Mihaaru
ރާއްޖޭގެ ތަރައްގީއަށް ޗައިނާ އެހީވާނެކަމުގެ ޔަގީންކަން

ރާއްޖޭގެ ތަރައްގީގެ ޕްލޭނަށް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ޝީ ދެއްވައިފި

11 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް އެކުލަވާލައްވާފައިވާ ތަރައްގީގެ ޕްލޭނަށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ޝީ ޖިންޕިން ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް އެކުލަވާލައްވާފައިވާ ތަރައްގީގެ ޕްލޭނަށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ޝީ ޖިންޕިން ދެއްވައިފި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއްޔެ ވަނީ ޝީ އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ޝީ ވަނީ ބެލްޓް އެންޑް ރޯޑްގެ ދަށުން ރާއްޖެ އާ ގުޅިގެން "ހައި ކޮލިޓީ" މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަދި އިގުތިސޯދާއި، ވިޔަފާރި، އިންވެސްޓްމަންޓް، ޑިޖިޓަލް އަދި ގްރީން އިކޮނޮމީ ފަދަ ގިނަ ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެއިތުރުން، ޝީ ވިދާޅުވި ގޮތުގައި ދިވެހި ދަރިވަރުންނަށް ޗައިނާގައި މަތީ ތައުލީމު ހާސިލުކުރުމުގެ އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމުގެ އިތުރުން، ޗައިނާ އާއި ރާއްޖެއާ ދެމެދު ޑައިރެކްޓު ފްލައިޓުތައް އިތުރުކުރުމަށް ޗައިނާގެ ސަރުކާރުގެ އެއްބާރުލުން ލިބޭނެ އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ގައުމަކަށް ޗައިނާ ވުމަކީ، ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ އަލިގަދަ ރަމްޒެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.

"ވަން ޗައިނާ ޕޮލިސީ" އަށް ރާއްޖޭން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، އެ މަނިކުފާނު ވަނީ ބެލްޓް އެންޑް ރޯޑްގެ ދަށުން ހިންގި ސިނަމާލެ ބުރިޖު ފަދަ މަޝްރޫއުތައް ފާހަގަކުރައްވައިފަ އެވެ.

އެއާ އެކު، އާ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ބެލްޓް އެންޑް ރޯޑްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ބައްދަލުވުމަށްފަހު، ތަފާތު 20 ދާއިރާއަކުން ރާއްޖެ އާއި ޗައިނާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުންތަކުގައި ވަނީ ސޮއި ކުރެވިފަ އެވެ.

އިއްޔެ ސޮއި ސޮއިކުރެވުނު އެމްއޯޔޫތަކުގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަން ހިމެނެ އެވެ.

އޭގެ އިތުރުން ކާރިސާތައް މަދުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އެމްއޯޔޫ އަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި ސޯޝަލް ހައުސިން އާއި އެއާޕޯޓް ތަރައްގީ ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ދެ ގައުމުން ސޮއިކުރި އެވެ.

ދިވެހި ސަރުކާރުގެ އިސް ވަފުދަކާ އެކު ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ވަޑައިގަތީ ފުޖިއާން ޕްރޮވިންސަށެވެ. އެ ތަނުގައި ރާއްޖޭގެ ފަރާތުން ބޭއްވި އިންވެސްޓްމަންޓް ފޯރަމް އެ މަނިކުފާނު އިފުތިތާހު ކޮށްދެއްވި އެވެ.

އެ ފޯރަމްގައި ރައީސް ވަނީ އެ މަނިކުފާނުގެ އިގުތިސޯދީ ތަސައްވަރުގައި ހިމެނޭ ރަސްމާލެ، ވެލާނާ އެއާޕޯޓު ބޮޑުކުރުމާއި ތިލަފުށީގައި ޕޯޓު އެޅުން ފަދަ ގިނަ މަޝްރޫއުތައް ޗައިނާއަށް ހުޅުވާލައްވައިފަ އެވެ.

އެއާ އެކު، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއަށް ޗައިނާ ވުމަށް އެ މަނިކުފާނު ވަނީ އެ ފޯރަމްގައި ދައުވަތު ދެއްވައިފަ އެވެ.