Roadha Mihaaru
ބޮޑު ޝިޕިންލައިންތަކެއް ރަތްކަނޑުގެ ދަތުރު ހުއްޓާލައިފި

ޖަޕާނުގެ ބޮޑު ތިން ޝިޕިންލައިނަކުން ރަތްކަނޑުގެ ދަތުރުތައް މެދުކަނޑާލައިފި

18 ޖެނުއަރީ 2024

ރަތްކަނޑުގައި ހޫތީ ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވުމުން، ޖަޕާންގެ ބޮޑު ތިން ޝިޕިންލައިނަކުން އެ ކަނޑުން ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ރަތްކަނޑުގައި ހޫތީ ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވުމުން، ޖަޕާންގެ ބޮޑު ތިން ޝިޕިންލައިނަކުން އެ ކަނޑުން ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

"މި ކުންފުނިން އޮޕަރޭޓްކުރާ ހުރިހާ ބޯޓެއް ރަތްކަނޑުގައި ދަތުރު ނުކުރާ ގޮތަށް މިހާރު ވަނީ ނިންމާފައި،" ނިޕޯން ޔުސެންގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުންޏެވެ.

އެންވައިކޭ ލައިންގެ ނަން ވެސް ބޭނުންކުރާ މި ޝިޕިންލައިން އިން ބުނީ މިއީ ފަޅުވެރިންގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެހެން ދެ ޝިޕިންލައިނެއް ކަމަށްވާ ކަވަސާކީ ކިސެން އަދި މިޓްސުއި އޯ.އެސް.ކޭ ލައިންސް އިން ވަނީ ރަތްކަނޑުގައި ދަތުރުކުރުން މި ވަގުތަށް ހުއްޓާލައިފަ އެވެ.

"އަޅުގަނޑުމެން އޮޕަރޭޓްކުރާ އުޅަނދުތަކުގެ ތެރެއިން ރަތްކަނޑަށް ވަންނަން ދަތުރުކުރާ ހުރިހާ އުޅަނދަކަށް މިހާރު ވާނީ ގަލްފް އޮފް އަދަން އަށް ނުވަނުމަށް،" މިޓްސުއި އޯ.އެސް.ކޭގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ކަވަސާކީ ކިސެން ކައިޝާންގެ ތަރުޖަމާނު ގޯރޯ ކިޓަމޫރާ ވިދާޅުވީ އެ ޝިޕިންލައިނުން ވެސް ރަތްކަނޑުގައި އުޅަނދުތައް އޮޕަރޭޓް ނުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މި ވަގުތު އެ ކުންފުނީގެ އެއްވެސް އުޅަނދެއް ރަތްކަނޑު ކައިރީގައި ނެތް ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހު ވެސް ޖަޕާނުގެ ކޮންޓެއިނާ ތިން ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ އޯޝަން ނެޓްވޯކް އެކްސްޕްރެސް އިން ވަނީ ރަތްކަނޑުގައި ދަތުރުކުރުން ހުއްޓާލައިފަ އެވެ.

ނޮވެމްބަރު މަހު ހޫތީން ވަނީ އިޒްރޭލުގެ ވިޔަފާރިވެރިއެއްގެ ބޯޓެއް ކަމަށް ބުނެ ބޯޓެއް އަތުލައިގަނެ ޔަމަން ކައިރިއަށް ގެންގޮސްފަ އެވެ. މިއީ ދަތުރުތައް ހުއްޓާލި ނިޕޯން ޔުސެން އިން އޮޕަރޭޓްކުރި އުޅަނދެކެވެ. ކުންފުނިން ބުނީ މިއަދާ ހަމަޔަށް ވެސް ބޯޓާ ބެހޭ ގޮތުން އަދިފަޅުވެރިންނާ ބެހޭ ގޮތުން ވެސް އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.

އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށް ބުނެ ހޫތީން އުޅަނދުތަކަށް ހަމަލާ ދޭތީ އެކަން ހުއްޓުވަން އެމެރިކާ އާއި އިނގިރޭސި ވިލާތުން އަންނަނީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދުގައި ހުރި އަސްކަރީ ތަންތަނަށް ހުކުރު ދުވަހުން ފެށިގެން ހަމަލާ ދެމުންނެވެ. މިއާ އެކު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް މުޅި ސަރަހައްދަށް ފުޅާވެ ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އޭޝިއާ އާއި ޔޫރަޕާ ދެމެދު އޮންނަ ރަތްކަނޑުން، ބައިނަލްއަގުވާމީ ވިޔަފާރީގައި ހިމެނޭ މުދަލުގެ 12 ޕަސެންޓް އުފުލަ އެވެ. ރަތްކަނޑަށް ނާރައި ދަތުރުކުރާ ނަމަ ޖެހޭނީ އެފްރިކާގެ އެންމެ ދެކުނުކޮޅުން ވަށާލާފައި ދާށެވެ. އެހެން ދަތުރު ބަދަލުކުރުމުން ދަތުރު ދިގުވެ މުދާ އުފުލުގެ ހަރަދު އެތައް ގުނައެއް ބޮޑުވެ އެވެ. --އޭއެފްޕީ