Roadha Mihaaru
ރައްޔިތުންނަށް މަންފާ ލިބޭ ކަމެއްގެ ހުރަހަކަށް ނުވާނަން

ރައްޔިތުންނަށް މަންފާ ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނަން: މޭޔަރު އާޒިމް

22 ޖެނުއަރީ 2024

މާލެ ރައްޔިތުންގެ ލާބަ އާއި މަންފާލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވެ، އެފަދަ ކަންކަމުގައި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެެއްވި އާދަމް އާޒިމް ދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ރައްޔިތުންގެ ލާބަ އާއި މަންފާލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވެ، އެފަދަ ކަންކަމުގައި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރެެއްވި އާދަމް އާޒިމް ދެއްވައިފި އެވެ.

އާ މޭޔަރާއި މެމްބަރުން ހުވާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ހިންގާ ކަންކަމުގައި މޭޔަރުގެ ހައިސިއްޔަތުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މޭޔަރު އިންތިހާބުގެ ކެމްޕެއިން މެނިފެސްޓޯގައިވާ ކަންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ ކަންކަން ކުރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވާ. މެނިފެސްޓޯގައިވާ ކަންކަން ކުރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު. އަޅުގަނޑު ޔަގީން ކުރަނީ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް،" އާ މޭޔަރު ވިދާޅުވި އެވެ.

ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ލާމަރުކަޒީ ނިޒާމެއް ތަރުތީބު ވެފައި ވަނީ މައި ސަރުކާރުގެ މަދަދާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިނގާ ނިޒާމެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުރެ އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަޅުގަނޑުގެ އިހުތިސޯސްގެ ތެރެއިން އެ ދެވެން އޮތް އެއްބާރުލުމާއި އެހީތެރިކަން އަރުވައިގެން. މިއީ ލާމަރުކަޒީ ގާނޫނު ދަންނަ ހަމަ އާއި ލަމަ،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އަލިއަޅުވާލައްވައި، އާޒިމް ވަނީ އުތުރު ތިލަފަޅުގައި އެމްޑީޕީ ސަރުކާރުން ފަށަން ތައްޔާރުވި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.