Roadha Mihaaru
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!

ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!

23 ޖެނުއަރީ 2024

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން 22 މިނިސްޓްރީއެއްގައި މި ވަގުތު ވެސް 154 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. ރައީސް އޮފީހުގައި ނައިބުންގެ ފެންވަރުގައި ތިއްބެވި ނުވަ ބޭފުޅުންނާ އެކު، ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 163 އަށް އަރަ އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500ރ. އެވެ. އޭގެ އިތުރުން، 15،500ރ.ގެ އެލަވަންސާއެކު، ޑެޕިއުޓީ މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ.

އެ ރޭޓުން ބަލާ ނަމަ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އުފެދުނު އާ ސަރުކާރުން، ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 69.4 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

ޑެޕިއުޓީ މިނިސްޓަރުން އެންމެ ގިނައީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި 15 ޑެޕިއުޓީން އެބަތިއްބެވެ. ދެ ވަނަ އަށް ނައިބުން ގިނަ ކަމަށް ދައްކަނީ ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސްގަ އެވެ. އެ ކޮންމެ މިނިސްޓްރީއެއްގައި 12 ޑެޕިއުޓީން އެބަތިއްބެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުގައި މި ވަގުތު ވެސް 77 ސްޓޭޓް މިނިސްޓަރުން އެބަތިއްބެވެ. އެ ފެންވަރުގެ އިތުރު އަށް ބޭފުޅަކާއި ރައީސް އޮފީހުގައި ތިއްބެވި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ ހަ ބޭފުޅަކާއެކު، ސްޓޭޓް މިނިސްޓަރުންގެ އަދަދު ވެސް 91 އަށް އަރާފައިވެ އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން 15،000ރ. ގެ އެލަވަންސަކާއެކު މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 4.2 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 51 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން 100 އިން މައްޗަށް އެރިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު އެ އަދަދު ހުރީ 48 ގަ އެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ 38 އެވެ.

މިއީ، މި ފަހުގެ ތާރީހެއްގައި މިނިސްޓަރުންގެ ފެންވަރުގައި ވެސް އެންމެ ގިނަ ބޭފުޅުން އައްޔަންކުރެއްވި ސަރުކާރެވެ. ބާވީސް މިނިސްޓަރުންގެ އިތުރުން، އެ ފެންވަރުގެ 20 މިނިސްޓަރުންނާއެކު، މި ސަރުކާރުގައި މި ވަގުތު 42 މިނިސްޓަރުން އެބަތިއްބެވެ.

ކުރީ ސަރުކާރުގައި މިނިސްޓަރުންގެ ފެންވަރުގައި ތިއްބެވީ ހަތް ބޭފުޅެކެވެ.

މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި 66،000ރ. ލިބިވަޑައިގަންނަވަ އެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް ވުރެ މަތީގެ މަގާމުތަކުގައި މި ވަގުތު 300 އެއްހާ ބޭފުޅުން އެބަތިއްބެވެ. އޭގެ އިތުރަށް، ސަރުކާރުން ވަނީ ޕޮލިޓިކަލް ޑިރެކްޓަރު އަދި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި މަގާމެއް އުފައްދައިފަ އެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ފޯނު ނުނަންގަވާތީ ސިޔާސީ މަގާމުތަކާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

ނަމަވެސް، އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އެއީ ރައީސް އޮފީހުގެ މަގާމުތައް ހިމަނައިގެންނެވެ.