Roadha Mihaaru
ނަތީޖާ އަނބުރާލަން ރެއާލްގެ އުކުޅު އަންޗެލޮޓީގެ ދުލުން

ފަހަތުންއަރައި ރެއާލުން ނަތީޖާ އަނބުރާލާ އުކުޅު އަންޗެލޮޓީ ކިޔައިދީފި

28 ޖެނުއަރީ 2024

ކެނަރީ އައިލެންޑް (ޖެނުއަރީ 28) - ފަހަތުން އަރައި ރެއާލް މެޑްރިޑުން މެޗުގެ އަނބުރާލަން ބޭނުން ކުރާ އުކުޅު، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ކިޔައި ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކެނަރީ އައިލެންޑް (ޖެނުއަރީ 28) - ފަހަތުން އަރައި ރެއާލް މެޑްރިޑުން މެޗުގެ އަނބުރާލަން ބޭނުން ކުރާ އުކުޅު، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ކިޔައި ދީފި އެވެ.

ސްޕެނިޝް ލީގުގައި ރޭ، ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗު ވެސް ރެއާލުން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 ންނެވެ.

ލަސްޕަލަމްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ހާވިއާ މުނޯޒް ލީޑް ނަގައި ދީފައި ވަނީކޮށް ފަހަތުން އަރައި ރެއާލް އަށް ނަތީޖާ އަނބުރާލަ ދިނީ ވިނީޝިއުސް ޖޫނިއާ އާއި އައުރޭލިއަން ޗުއަމެނީ އެވެ. އެއީ މި ސީޒަންގައި އެ ކްލަބުން ފަހަތުން އަރައި މޮޅުވި އަށްވަނަ މެޗެވެ.

ފަހަތުން އަރައި ބޮޑެތި މެޗުތައް ވެސް ރެއާލުން ކާމިޔާބުކޮށްފައި ވެއެވެ. ލީގުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗާއި ނިމިދިޔަ ސްޕެނީޝް ސުފަ ކަޕްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ވެސް ރެއާލް ކާމިޔާބު ހޯދީ ފަހަތުން އަރަ އެވެ.

"މިއީ އަހަރެމެން އަތުގައި އޮތް ވަރަށް ބޮޑު ވަސީލަތެއް؛ މޯޓިވޭޓެ ވެފައި އޮންނަ ބެންޗު ޓީމެއް އޮތުން. ގިނަ ފަހަރަށް [ބެންޗުން އަރާ ކުޅުންނަށްތެރިން] ދަނޑަށް ނުކުންނައިރު ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ޓީމުގެ ގޭމަށް. އެވަރުގެ ކުޅުންތެރިން ބެންޗުން އަރަން ތިބީ ވެސް. މިއީ އަހަރެމެންގެ އަތުގައި އޮތް ވަސީލަތެއް، އަހަރމެން ބޭނުންވަނީ އެ އެޑްވާންޓޭޖް ނަގަން،" ރެއާލުން މެޗުތަކުގައި ފަހަތުން އަރައި ނަތީޖާ ނެރުމަށް މަގުފަހިވާ ސަބަބާ ބެހޭގޮތުން އަންޗެލޮޓީ ބުންޏެވެ.

"އެކަމަކު އަބަދު ހުރިހާ މެޗެއްގައި އެކަމެއް ނުވާނެ. އަހަރެމެންގެ މި އޮތް ބެންޗަށް ބަލާލާފައި މެޗެއް ބަދަލުކުރަން ވަރަށް ގިނަ ފުރުސަތުތަކެއް އެބައޮތް. ބެންޗުގައި ތިބޭ ކުޅުންތެރިން ވެސް ތިބެނީ އެކަމަށް ވަރަށް މޯޓިވޭޓްވެފަ."

ރޭގެ މެޗުގައި ރެއާލް ކުޅުނީ މި ސީޒަނުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ފޮތުގައި ފާހަގަ ވެފައިވާ ޖޫޑެ ވެލިހަމް ނުލަ އެވެ. ދެ ކާޑު ހަމަވުމުގެ ސަބަބުން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.

ލަސްޕަލަމްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުން މޮޅުވުމުން، ރެއާލް އަށް ތާވަލުގެ އެއްވަަނައިގައި ހަމަޖެހިލައިގެން އޮވެ ވޭނެ އެވެ. އަދި ކުރިއަށް އިތް ގެޓާފޭ މެޗަށް ދާއިރު އެ ޓީމަށް އޮތީ ހިތްހަމަޖުމެވެ. އެ މެޗުގައި ބެލިންހަމް އަށް ކުޅެވޭނެ އެވެ.