Roadha Mihaaru
ގައުމުތަކުން ޣައްޒާއަށް އެހީވުން ހުއްޓާނުލަން ގޮވާލައިފި

ގައުމުތަކުން ޣައްޒާއަށް އެހީވުން ހުއްޓާނުލަން އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

29 ޖެނުއަރީ 2024

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި، އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް އދ. އިން ހާއްސަކޮށްފައި ޖަމިއްޔާ (އުންރުވާ) ގެ މުވައްޒަފުންތަކެއް ބައިވެރިވި ކަމުގެ ތުހުމަތާ އެކު ގައުމުތަކުން އެ ޖަމިއްޔާއަށް އެހީވުން ހުއްޓާލާފައި ވާތީ އެކަން އެގޮތަށް ނުކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓިއޯ ގުޓަރެސް ގޮވާލައްވައިފި އެވެ.

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި، އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް އދ. އިން ހާއްސަކޮށްފައި ޖަމިއްޔާ (އުންރުވާ) ގެ މުވައްޒަފުންތަކެއް ބައިވެރިވި ކަމުގެ ތުހުމަތާ އެކު ގައުމުތަކުން އެ ޖަމިއްޔާއަށް އެހީވުން ހުއްޓާލާފައި ވާތީ އެކަން އެގޮތަށް ނުކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓިއޯ ގުޓަރެސް ގޮވާލައްވައިފި އެވެ.

"މި ސީރިއަސް ތުހުމަތާ އެކު އެ ގައުމުތަކުގެ ކަންބޮޑުވުން އަޅުގަނޑަށް ގަބޫލުކުރެވޭ. މިއީ އަޅުގަނޑު ވެސް ނުހަނު ކަންބޮޑުވާ ތުހުމަތެއް ... އަޅުގަނޑު އެދެނީ އުންރުވާ އަށް ފައިސާ ދިނުން ހުއްޓާލާފައިވާ ގައުމުތަކުން ކުރިއެކޭ އެއްގޮތަށް އެހީވެ އުންރުވާގެ މަސައްކަތް ނުހުއްޓު ކުރިއަށްދާނެ ގޮތެއް ފަހިކޮށްދިނުން،" ގުޓަރެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

އުންރުވާ އަށް އެހީވުން ބޮޑެތި ބައެއް ގައުމުތަކުން ހުއްޓާލީ އެ ޖަމިއްޔާގެ ބައެއް މުވައްޒަފުން، އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގައި ބައިވެރިވެފައިވާ ކަމަށް ކުރި ތުހުމަތާ އެކުގަ އެވެ. މި ތުހުމަތާ އެކު އުންރުވާ އިން ވަނީ އެތައް މުވައްޒަފުންނެއް ވަކިކޮށް، ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

އިޒްރޭލުން ބުނަމުން ދަނީ އުންރުވާ އަކީ އިޒްރޭލަށް ހަމަލާ ދޭން ބޭނުންކުރާ ނިވަލަކަށް ވެގެން ނުވާނެ ކަމަށާއި އެ ޖަމިއްޔާގެ މަސައްކަތް ހުއްޓުވާނެ ކަމަށެވެ.

"މި މުވައްޒަފުންނާ މެދު ކުރި ތުހުމަތުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކެއް ހުންނާނެ،" ގުޓަރެސް ވިދާޅުވި އެވެ.

"އެކަމަކު އުންރުވާ އަށް، އެންމެ ނުރައްކާ ހާލަތުގައި ވެސް، މަސައްކަތްކޮށްދޭ އެތައް ހާސް އަންހެނުންނާއި ފިރިހެނުންނަށް ޖުމްލަކޮށް މިކަމުގައި އަދަބެއް ދީގެން ނުވާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ގުޓަރެސް ވިދާޅުވީ އުންރުވާގެ 12 މުވައްޒަފަކާ މެދު ޝައްކު އުފެދިފައިވާ ކަމަށާއި އެ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކުރާނެ ކަމަށެވެ.

ހަމާސް އިން މިދިޔަ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމުން، ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 26،000 އަށް ވުރެ ގިނަ މީޙުން ޝަހީދުވެފަ އެވެ. --އޭއެފްޕީ