Roadha Mihaaru
ލަންކާ/މެލޭޝިއާގައި ދިވެއްސާއި އިސްލާމް އަލުން ފަށަނީ

ރާއްޖޭން ބޭރުގައި ދިވެހި/އިސްލާމް ކިޔަވައިދިނުން އޮތީ ހުއްޓިފައި، އަންނަ ހަފްތާގައި އަލުން ފަށަނީ

08 ފެބުރުއަރީ 2024

ސްރީ ލަންކާ އަދި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭން ފެށުމަށް ފަހު އެކަން އޮތީ ހުއްޓިފައި ކަމަށާއި އަންނަ ހަފްތާގައި ކިޔަވައިދޭން އަލުން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްރީ ލަންކާ އަދި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭން ފެށުމަށް ފަހު އެކަން އޮތީ ހުއްޓިފައި ކަމަށާއި އަންނަ ހަފްތާގައި ކިޔަވައިދޭން އަލުން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެއްސާއި އިސްލާމް މީގެ ކުރިން ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ވެސް ކިޔަވައިދިނެވެ.

ތ.އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވަފައިވާ ދަތުރުފުޅުގައި އެ އަތޮޅު ވަންދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ދިވެހިން ގިނައިން އުޅޭ ބައެއް ގައުމުތަކުގައި މީގެ ކުރިން ދިވެހި/އިސްލާމް ކިޔަވައިދެމުން ދިޔަ ނަމަވެސް މިދިޔަ ސަރުކާރުގައި އަޅާލުން ކުޑަވުމުން އެކަން އޮތީ ހުއްޓިފައި ކަމަށެވެ.

"އަންނަ ހަފްތާ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފައްޓައިގެން ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ކުރިން ވެސް އޮތް ޕްރޮގްރާމެއް. ނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން، ވަރަށް އިހުއްސުރެ ލަންކާގައި ވެސް އޮތް ޕްރޮގްރާމް އޮތީ ހުއްޓިފައި. މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވެސް އޮތީ ހުއްޓިފައި."

ރާއްޖެއިން ބޭރުގައި ދިވެހި ދަރިވަރުން ތިބި އިތުރު ގައުމުތަކުގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭން މި އަހަރު ފަށާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ގުރުއާން އުނގެނުމާއި ދިވެހި އާދަކާދައާއި ސަގާފަތް ކިޔަވައިދޭން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.