Roadha Mihaaru
ފްލެޓް ލިސްޓު ބާތިލެއް ނުކުރަން: މިނިސްޓްރީ

ލިސްޓު ބާތިލެއް ނުކުރަން، އޭޖީގެ ލަފާއާ އެކު ދާނީ ކުރިއަށް: ހައުސިން މިނިސްޓްރީ

11 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތައް ދޫކުރި މީހުންގެ ލިސްޓު ބާތިލުކުރަން މި ސަރުކާރުން ނޫޅޭ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތައް ދޫކުރި މީހުންގެ ލިސްޓު ބާތިލުކުރަން މި ސަރުކާރުން ނޫޅޭ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް އެ ސަރުކާރުން ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

އެ ތަހުގީގުން ފާހަގަވީ ފްލެޓަށް ޝަރުތު ހަމަނުވާ 60 ޕަސެންޓް މީހުންނަށް ފްލެޓް ދޫކޮށްފައިވާ ކަމެވެ. އެއްވެސް މައްސަލައެއް ނެތީ އެންމެ 20 ޕަސެންޓް މީހުންގެ ކަމާއި ބާކީ ފްލެޓްތައް ދޫކުރި މީހުން ހުށަހަޅާފައިވާ ފޯމުތަކުގައި ވެސް މައްސަލަތައް ހުރިކަން ފާހަގަވި އެވެ.

އެކަމަކު ފްލެޓްތަކަށް ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އޭސީސީ އިން މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އަށް ފޮނުވާފައިވާއިރު އެކަމާ ގުޅިގެން އާންމުންގެ މެދުގައި ދަނީ އެކި ގޮތްގޮތަށް ވާހަކަ ދެއްކެވެމުންނެވެ.

އެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒު "މިހާރު" އަށް ވިދާޅުވީ ފްލެޓް ލިސްޓު ބާތިލުކުރަން މިނިސްޓްރީން ނިންމާފައި ނުވާ ކަމަށެވެ.

"ރޭގައި އަޅުގަނޑުމެން ނެރުނު ބަޔާނުގައި ވެސް ނެތެއް ނޫންތޯ ފްލެޓް ލިސްޓު ބާތިލުކުރީއޭ. އޭޖީގެ ލަފާއާ އެކު އަޅުގަނޑުމެން މިދަނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

އޭސީސީން ތަހުގީގުކުރި ލިސްޓުގައި ވެސް ދިރިއުޅުމުގެ ހާލަތު ބަލާފައި އޮތް ގޮތެއް ސާފުނުވާތީ އެކަމާ ގުޅިގެން ސުވާލު ކުރުމުން ފާއިޒު ވިދާޅުވީ، ފްލެޓްތަކަށް ކުރިމަތިލި ބައެއް މީހުންގެ ގޭގެ އަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހައުސިން މިނިސްޓްރީގެ ފަރާތުން ޒިޔާރާތްކޮށް، ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އެކަމަކު، ބައެއް ގެތަކަށް ގޮސް ހާލަތު ނުބަލާތީ އެކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން މިނިސްޓްރީގައި އުޅުނު މީހުން ވެސް އެބައުޅޭ. އެހެންވީމާ މައުލޫމާތު ސާފުކުރިއިރު އެބަ އެނގޭ ބައެއް ގެތަކަށް ދިޔަކަން. މިނިސްޓްރީން ބަލަންވާ ކަންކަން ވެރިފައި ކޮށްފައި އޭރު ދީފައި އެ އޮތީ،" ފާއިޒު ވިދާޅުވި އެވެ.

ފަހި ދިރުއުޅުން ކޯޕަރޭޝަނުން ހަދާ ފްލެޓްތައް. މިތަނުގައި ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހި ދިރުއުޅުން ކޯޕަރޭޝަނުން ހަދާ ފްލެޓްތައް. މިތަނުގައި ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ. އެ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު އޭސީސީން ހައުސިން މިނިސްޓްރީ އަށް ލަފާ ދިނީ ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލާގައި ރޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ. އެ ލިސްޓުގައިވާ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި ލިސްޓެއް ކަމަށްވާތީ އެ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ވެ އެވެ.

އެ ފްލެޓްތަކުގެ މައްސަލާގައި އާންމުންގެ ފަރާތުން ވެސް ވަނީ ފްލެޓް ދިނުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ.