Roadha Mihaaru
މޮޑްރިޗަށް އާއެއްބަސްވުމެއް ނޫން، ރެއާލްގެ ކޯޗުކަށްވާން

މޮޑްރިޗަށް ހުށަހެޅީ އާ އެއްބަސްވުމެއް ނޫން، ރެއާލްގެ ކޯޗުކަމުގެ ވަޒީފާއެއް

21 ފެބުރުއަރީ 2024

މެޑްރިޑް (ފެބްރުއަރީ 21) - ރެއާލް މެޑްރިޑާ އެކު ލުކަ މޮޑްރިޗް، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވުމުން، އާ ކޮންޓްރެކްޓްގެ ބަދަލުގައި ކްލަބްގެ ކޯޗިން ޓީމުގެ ވަޒީފާއެއް ހުށަހަޅައިފި އެވެ.

މެޑްރިޑް (ފެބްރުއަރީ 21) - ރެއާލް މެޑްރިޑާ އެކު ލުކަ މޮޑްރިޗް، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވުމުން، އާ ކޮންޓްރެކްޓްގެ ބަދަލުގައި ކްލަބްގެ ކޯޗިން ޓީމުގެ ވަޒީފާއެއް ހުށަހަޅައިފި އެވެ.

މޮޑްރިޗަށް އާ އެއްބަސްވުމެއް ދޭކަށް އެ ކްލަބަކުން އަދި ނުވިސްނަ އެވެ. އެކަމަކު މި ސީޒަނަށް ފަހު، ކޯޗު ކާލޯ އަންޗެލޮޓީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން، މީގެ ދެ މަސް ކުރިން އޭނާ ވަނީ މޮޑްރިޗަށް ހުށަހަޅައިފަ އެވެ.

އެ ހުށަހެޅުމާ މެދު މޮޑްރިޗް ޝުކުރުވެރިވާކަން، އަންޗެލޯޓީގެ ގާތުގައި ހާމަކޮށްފައިވާ ކަމަށް މިޑީއާތަކުން ބުނެ އެވެ.

ކްރޮއޭޝިއާގެ ކެޕްޓަނުކަން ވެސް ކުރާ މޮޑްރިޗާ ގާތް ގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ، ދި އެތުލެޓިކްއިން ބުނީ އަންޗެލޮޓީގެ ހުށަހަޅުމަށް ޝުކުރުވެރިވާކަން އޭނާ ހާމަކޮށްފައި ވަނީ ޑިޕްލޮމެޓިކްކޮށް ކަންކަން ގެންދިއުމުގެ ގޮތުން ކަމަށެވެ.

"އެއީ ސީދާ ނޫނެކޭ ނުބުނެ، ގުޅުން ނުކެނޑި ކުރިއަށް ދެވޭނެ ޖަވާބެއް،" މޮޑްރިޗްގެ ގާތް މީހާއާ ހަވާލާދީ އެތުލެޓިކްގައި ލިޔެފައި ވެއެވެ.

ސައުދީ އަރަބިއާގެ އައް ނަސްރަށް ބަދަލުވުމުގެ ފުރުސަތު މިދިޔަ މަހު މޮޑްރިޗަށް ހުށަހެޅި އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅޭ ޓީމުން ހުށަހެޅި އަގުބޮޑު އެއްބަސްވުން އޭނާ ދޫކޮށްލީ އެވެ.

މި އަހަރު ސެޕްޓެމްބަރުގައި 39 އަހަރު ފުރޭ މިޑްފީލްޑަރު ކުރިން ބުނެފައި ވަނީ އޭނާ ރިޓަޔާ ކުރަން ބޭނުން ވަނީ ރެއާލްގައި ކަމަށެވެ. މިހާރު އުމުރުން މަތިވެފައި ވުމުން އަދި އެ ޓީމުގައި ފެންވަރު ރަނގަޅު ޒުވާން މިޑްފީލްޑަރުން ހިމެނޭތީ އޭނާ އަށް ފުރަތަމަ 11 ގައި ކުޅެން ލިބޭ ފުރުސަތުތައް މަދެވެ.

ފުރުސަތު ލިބުނު ގިނަ މެޗުތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ މޮޑްރިޗް ވަނީ ރެއާލްގައި ތަފާތު ދައްކައިފަ އެވެ. އޭގެ އެންމެ މުހިންމު މެޗަކީ މި ސީޒަނުގެ ފުރަތަމަ އެލްކްލެސިކޯ މެޗެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ ރެއާލަށް ބާސެލޯނާގެ މައްޗަށް މެޗު ކާމިޔާބުކޮށް ދިނުމުގައި އޭނާ މުހިންމު ހިއްސާއެއްވި އެވެ. ރެއާލުން ލީގުގައި ކުޅުނު 25 މެޗުގެ ތެރެއިން 20 މެޗުގައި މޮޑްރިޗް ކުޅެފައި ވުމުން 2018 ގައި ބެލޮންޑިއޯ އެވޯޑް ހޯދި ކުޅުންތެރިޔާ ގަބޫލު ކުރަނީ ފުޓްބޯޅަ ދަނޑުގައި ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ އަށް ވާދަ ކުރެވޭނެ ކަމަށެވެ.

ޓޮޓްނަމް ހޮޓްސްޕާސްއިން 2012 ގައި ރެއާލްއަށް ބަދަލުވި މިޑްފީލްޑރުގެ ކުރިމަގާ ބެހޭގޮތުން އަންޗެލޮޓީއާ ދާދި ފަހުން ސުވާލު ކުރުމުން އޭނާ ބުނީ، މޮޑްރިޗްގެ ކުރިމަގާ ބެހޭގޮތުން ގޮތް ނިންމުން އޮތީ އޭނާ އަމިއްލަ އަތް މަތީގައި ކަމަށެވެ.

"އަހަރެން ކުރިން ވެސް ބުނިހެން ލުކަ އަކީ ފުޓްބޯޅައިގެ ލެޖެންޑެއް، ރެއާލް މެޑްރިޑްގެ ލެޖެންޑެއް. އަންނަ ސީޒަނަށް އޭނާގެ ކުރިމަގާ މެދު ނިންމުންތައް ނިންމުން އޮތީ އޭނާ އަތްމަތީގައި،" އަންޗެލޮޓީ ބުނެފައި ވެއެވެ.