Roadha Mihaaru
މާލޭގެ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދަނީ

މާލޭގެ މިސްކިތްތައް ސާފުކޮށް ބަލަހައްޓަން ދިވެހިން ހޯދަނީ

22 ފެބުރުއަރީ 2024

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ކައުންސިލުން ނިންމައިފި އެވެ.

ކުރިން ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުން އައި އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ނިންމީ މިދިޔަ ހަފުތާގެ ކައުންސިލް ބައްދަލުވުމުގަ އެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިހާރު ގިނައީ ބިދޭސީންނެވެ.

އެ ބައްދަލުވުމުގައި ނިންމީ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދުމަށެވެ. ބިދޭސީން ނަގާނީ ދިވެހިން ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށް ވެސް ނިންމި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު ކައުންސިލަށް ޑްރައިވަރުންނާއި މިސްކިތްތައް ފޮޅައި ސާފުކުރަން މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެ މަސައްކަތްތަކަށް ދިވެހިން ނެގުމަކީ އެންމެ އިސްކަންދީގެން ކުރައްވާނެ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ މި މަސައްކަތްތަކަށް ހުސް ދިވެހިން ނަގައިގެން މަސައްކަތް ކުރުން. ނަމަވެސް ދިވެހިން ނުލިބޭ ހަލަތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބިދޭސީން ނަގައިގެން ކުރިއަށް ގެންދިއުން،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ބިދޭސީން ނަގަން ޖެހޭނެ ހާލަތަކީ، މޭޔަރު ވިދާޅުވި ގޮތުގައި، ކައުންސިލްގައި ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދިނުން ހުއްޓުމެވެ.

މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ދިވެހިން ހޯދަން މަސައްކަތް ނުކޮށް ބިދޭސީން ނަގާ ކަމަށެވެ. އެއީ އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ހާލަތެއްގައި ބޭނުމެއް ނޫން ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބިދޭސީންލައިގެން މަސައްކަތްތައް ކުރުވާކަށް. ދިވެހިން ނަގަން އިއުލާންކޮށް މަސައްކަތް ކޮށްގެން ވެސް ނުލިބިއްޖެ ނަމަ ކައުންސިލްގެ ބޯޑަށް ހުށަހަޅައިގެން ބިދޭސީން ނަގަން އަޅުގަނޑު އެދެނީ،" ޒަމީރު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ) ކަންބޮޑުވުން ފާޅުކުރެއްވީ މުވައްޒަފުންގެ ގޮތުގައި ނަގާ ބިދޭސީންގެ ކެއުމާއި ހުރުމުގެ ހަރަދަށް މަދުވެގެން 10،000ރ. ހޭދަވާ ކަމަށް ވިދާޅުވެ އެވެ.

ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އެކަމަށް ތާއީދު ކުރައްވައި އާޒިމް ވިދާޅުވި ގޮތުގައި ބިދޭސީން ގެންގުޅެން 7،500ރ. އާއި 10،000ރ. އާ ދެމެދުގެ ހަރަދެއް ހިނގަ އެވެ. އާމްދަނީ ލިބޭނެ އެ މަގު ދިވެހިންނަށް ފަހިކޮށްދޭން ޖެހޭތީ، އެ ވަޒީފާތަކަށް ދިވެހިން ނަގަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސްކިތް ސާފުކުރާ މީހަކަށް މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް ޖެހޭނެ 10،000 ރުފިޔާ. މި ހަފްތާ ތެރޭގައި އަޅުގަނޑުމެން އިއުލާން ކުރާނަން. އަޅުގަނޑުމެން މި ބަލަނީ ރަނގަޅު މުސާރައެއް ދީގެން ދިވެހިން ނަގައިގެން އެކަން ކުރަން،" އާޒިމް ވިދާޅުވި އެވެ.

"ހަމަ އެއްވެސް ގޮތެއް ނެތިއްޔާ ނޫނީ އަޅުގަނޑުމެން ބޭރު މީހަކު ނުނަގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން."

ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ކައުންސިލްގެ ވަޒީފާއަކަށް ދިވެހިން ނުލިބިއްޖެ ނަމަ އެ ނުލިބުނު ހާލަތު ބަޔާންކޮށް ކައުންސިލަށް ހުށަހެޅުމަށް ފަހު ކައުންސިލްގެ ހުއްދައަކާ އެކު ނޫނީ އެއްވެސް ބިދޭސީއަކު ނުނެގުމަށެވެ.