އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
24 ފެބުރުއަރީ 2024
އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ވަރުގަދަ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ ކުންފުންޏަކުން މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތަށް ވަންނާނެ،" ސައީދު ވިދާޅުވި އެވެ.
"އެކަން އެ ހިސާބަށް ދިޔައިމަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އެންމެ ލަސްވެގެން ޖުލައި މަސް ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް އެ ވިޔަފާރި މިތަނުގައި ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫއު ވާނީ ރާއްޖޭގައި ހިންގާ އިގުތިސާދީ އެންމެ ވަރުގަދަ އެއް މަސައްކަތަށެވެ.
ހއ. ހޯރަފުށިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދިނުމަށް ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާ މެދު ވަކި ގޮތެއް ސަރުކާރުން އަދި ނުނިންމާ ކަމަށް ސައީދު މިދިޔަ ޑިސެމްބަރު މަހުގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ ސަރުކާރުން އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދޭން އެއްބަސްވީ ގަތަރުގެ ކުންފުންޏަކާއި އެސްޓީއޯއާ ދެމެދުގަ އެވެ.
"އެ އެމްއޯޔޫގައި ސޮއި ކުރީ އެސްޓީއޯއާ އެކު. އެއްވެސް މަސައްކަތެއް ހުއްޓާލާފައެއް ނުވާނެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ގޮތަކީ ކޮބައިތޯ، އޭގައި އަދި ސަރުކާރުން ގޮތެއް ނުނިންމާ. އެމްއޯޔޫ ހަމަ އެކްޓިވް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" ސައީދު ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދަން ނިންމާފައިވެ އެވެ.
ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ނަމަވެސް މި ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.
ސައީދު މިއަދު ވިދާޅުވި ގޮތުގައި، މި ހިދުމަތް ފެށުމާ އެކު މި ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑު ފައިދާއެއް ވާނެ އެވެ.
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރު ބަޔަކަށް
އައިހަވަން މާސްޓަ ޕްލޭނަށް 10 ފަރާތެއް ކުރިމަތިލައިފި
134 ބާވަތެއްގެ އަގު މޮނިޓާ ކުރާނަން: ސައީދު
ހޯރަފުށީގެ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
ދެމެހެއްޓިނިވި މަޝްރޫއުތަކަށް 500 މިލިއަން ޑޮލަރު
އާ ދާއިރާތަކުން އިގްތިސާދު ފުޅާކުރަން އުއްމީދެއް
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް