Roadha Mihaaru
ލަކްސް ހޯމް ފެސްޓު ކުރިއަށް ދަނީ

ލަކްސް ހޯމް ފެސްޓު ކުރިއަށް ދަނީ

06 މާޗް 2024

ޓާޓާ ހައުސިންއިން ރާއްޖޭގައި ހަދަމުންދާ ދެ އެޕާޓްމަންޓު ކޮމްޕްލެކްސް ޕްރޮމޯޓުކުރުމުގެ ގޮތުން ފެށި "ލަކްސް ހޯމް ފެސްޓު" ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓާޓާ ހައުސިންއިން ރާއްޖޭގައި ހަދަމުންދާ ދެ އެޕާޓްމަންޓު ކޮމްޕްލެކްސް ޕްރޮމޯޓުކުރުމުގެ ގޮތުން ފެށި "ލަކްސް ހޯމް ފެސްޓު" ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ ޓާޓާ ހައުސިންގެ ހެޑް އޮފީހުގައި މިހާރު ކުރިއަށްދާ މި ފެސްޓުގައި އެ ކުންފުނިން މާލޭގައި ހަދަމުންދާ ދެ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، "ލަކްޒަވަން" އާއި "ލަކްޒެރާ"ގެ މައުލޫމާތުތައް ލިބޭނެ އެވެ. އަދި މި ތަނުން މި އެޕާޓްމަންޓު ކޮމްޕްލެކްސް ގަންނަ ފަރާތްތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، އެޕާޓްމަންޓަށް ބޭނުންވާ އިތުރު ފަރުނީޗަރު ހޯދުމަށް 25000ރ. އާ ހަމައަށް ރެއިންބޯއިން ވިޔަފާރިކުރެވޭ ވައުޗަރެއް ލިބޭނެ އެވެ.

މި ފެސްޓު ކުރިއަށް ދަނީ ގާކޮށީގައި ހުންނަ ޓާޓާގެ ހެޑް އޮފީހުގައި ހެނދުނު 10 އިން ހަވީރު 6 އަށެވެ.

ސޯސަންމަގު ކުރީގެ ނާދީ ހުރި ބިމުގައި ހަދަމުން އަންނަ ލަގްޒަރީ އިމާރާތުގެ އެޕާޓުމެންޓުތައް ހުންނާނެ ގޮތް ފެންނަ 'މޮކްއަޕް' އެޕާޓުމެންޓު މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. މި އެޕާޓްމަންޓު ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޓާޓާއިން ބުނި ގޮތުގައި ލަކްޒެރާއިން އެޕާޓްމަންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އާއި އެޗްޑީއެފްސީ މެދުވެރިކޮށް މިހާރު ލޯނު ނެގޭނެ އެވެ.

ޓާޓާއިން މާލޭގެ ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ހަދަމުންދާ ލަގްޒެރާ އާއި މަޖީދީ މަގުގައި ކުރީގެ އޯޑިއޯން ހުރި ތަނުގައި ހަދަމުންދާ ލަގްޒަވަން އަކީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު، އިމާރާތުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ، ފުރިހަމަ ލަގްޒަރީ ދިރިއުޅުމެއްގެ ތަޖުރިބާ ލިބޭނެ އެޕާޓްޓުމަންޓުތަކެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

ލަގްޒަވަންގައި ހިމެނެނީ އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓުމެންޓުތަކުގެ އިތުރުން ތިން ކޮޓަރީގެ އެޕާޓުމެންޓާއި 1+3 ކޮޓަރީގެ އެޕާޓުމެންޓުތަކެވެ. ލަގްޒެރާ އެޕާޓްމަންޓު ކޮމްޕްލެކްސްގައި ހިމެނެނީ 1+3 ކޮޓަރީގެ 72 އެޕާޓުމެންޓެވެ. މި ދެ އެޕާޓްމަންޓުގައި ވެސް ޕާކު ކުރާނެ ސަރަހައްދާއި ހިތް ފަސޭހަ ރޫފް ޓޮޕެއް ހުރެ އެވެ. އޭގެ އިތުރުން ވެސް މި ދެ ތަނުގައި ގިނަ އެމެނިޓީސްތަކެއް ހިމެނެ އެވެ.

މި ދެ އިމާރާތުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާއިރު ލަގްޒެރާ އިމާރާތުގައި މިހާރު ކުރިއަށް ދަނީ އަށް ވަނަ ފަންގިފިލާގެ ސްލެބް ކާސްޓިން މަސައްކަތެވެ.

މި އެޕާޓްމަންޓު އިމާރާތްތަކުން ލިބެން ހުންނާނެ ހިދުމަތްތަކާއި، އެޕާޓްމަންޓުތަކުގެ މައުލޫމާތުތައް ލަކްސް ހޯމް ފެސްޓްއިން ލިބޭނެ އެވެ.

ޓާޓާއިން މި ދިޔަ އަހަރުގެ ފަހުކޮޅު ވެސް "ލަކްސް ހޯމް ފެސްޓު"ގެ ނަމުގައި ހަރަކާތެއް ބޭއްވި އެވެ. އެ ހަރަކާތަށް އާއްމުންގެ ހޫނު ތަރުހީބެއް ލިބުނެވެ.