Roadha Mihaaru
ގޯތިތައް ދޫކޮށްފައި ހުރި ގޮތުން އުނދަގޫތަކެއް!

ބައެއް ގޯތިތައް މަގުތަކާއި ފެނާއި ނަރުދަމާގެ ސާވިސް ލައިނަށް ވެސް އަރާ، އެ ސަރަަހައްދު އަލުން ތަރުތީބު ކުރަނީ

18 މާޗް 2024

ހުޅުމާލެ 2 އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާއި އެހެންކަމުން އެ ގޯތިތައް ދޫކުރެވޭނީ އެ މަގުތަކާއި ގޯޅިތައް އަލުން ތަރުތީބުކޮށްގެން ކަމަށް އެޗްޑީސީ އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުޅުމާލެ 2 އިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާއި އެހެންކަމުން އެ ގޯތިތައް ދޫކުރެވޭނީ އެ މަގުތަކާއި ގޯޅިތައް އަލުން ތަރުތީބުކޮށްގެން ކަމަށް އެޗްޑީސީ އިން މިއަދު ބުނެފި އެވެ.

ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކުރި އެވެ. އެ ތަންތަނުން 9،000 ގޯތި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ.

އެޗްޑީސީ އިން މިއަދު އާންމުކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ ގޯތި ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަަމަށާއި އަދި ބައެއް ގޯތިތަކުގެ އިން ފާރު ރޭނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް، ސިރާޖު ވިދާޅުވި ގޮތުގައި ހުޅުމާލެ 2 އިން ދޫކޮށްފައިވާ ބައެއް ގޯތިތައް ހަވާލު ކުރުމަށް ހުރަސްތަކެއް އެބަ ހުއްޓެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ބައެއް ގޯތިތައް ހުރީ މަގުތައް ހުރަސްކޮށްފައި ކަމަށާއި އެ މަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ވިޔުގަ ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރަހައްދުގެ ބައެއް ގޯތިތައް ދޫކޮށްފައި އެބަހުރި މަގުތަކަށް އަރާ ގޮތަށް. މިފަދަ ތަންތަން އެބަ ޖެހޭ އަލުން ރީލޮކޭޓް ކުރަން. މި ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބު ކޮށްގެން ނޫނީ މި ސަރަހައްދުގެ ގޯތިތައް ކަނޑައަޅާ ގޯތިތައް ދޫކުރެވޭނެ ގޮތެއް ނޯންނާނެ،" ސިރާޖު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކެއް: އެ ގޯތިތައް ދޫކޮށްފައިވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިންގެ މަތިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކެއް: އެ ގޯތިތައް ދޫކޮށްފައިވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިންގެ މަތިން

ބައެއް ގޯތިތައް ދޫކޮށްފައި ހުރީ ސިރާޖު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ސާވިސް ލައިން އަށް ވެސް އަރާ ގޮތަށެވެ. ފެނާއި ނަރުދަމާގެ ނެޓްވޯކް ތެރެއަށް އަރާ ގޮތަށް ވަރަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެ ގޯތިތައް ދޫކުރުމުގެ ކުރިން އެ ނެޓްވޯކް ވެސް ރީލޮކޭޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަަހައްދުގެ ވީޑިއޯއެއް ދެއްކިއިރު، ނެޓްވޯކްގެ މައްޗަށް އަރާ އެއް ގޯތީގައި އިން ފާރު މިހާރު ވެސް ރާނާފައިވާ މަންޒަރު ފެނެ އެވެ.

"ރީލޮކޭޓް ކުރުމުގެ މަސައްކަތް ސެޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން މި ދަނީ ކުރަމުން. މި ނެޓްވޯކްއާ ގުޅިފައިވާ އާންމު ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ރޭވުންތެރިކަމާ އެކު ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ މި ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ދޫކުރުމަކީ ވަރަށް ދަތި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ބައެއް ގޯތިތައް ދޫކޮށްފައި ހުރީ ބޮޑެތި ހިލަ އަދި ވެލި ފުނިތައް ޖަހާފައި އަދި ކޮންސްޓްރަކްޝަން ސާމާނު ޖަމާކޮށްފައި ހުރި ސަރަހައްދަކުން ކަމަށާއި އެ ތަންތަން ވެސް ސާފުކޮށްގެން ނޫނީ އެ ގޯތިތައް ނުދެވޭނެ ކަމަށެވެ.

"އިން ވަކިކޮށް ގޯތިތައް ދޫކުރަން ދިމާވާ ގޮންޖެހުންތައް ނައްތާލައި ހުރަސްތައް ހައްލުކޮށް ގޯތި އޭގެ ވެރިންނަށް ހަވާލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ސިރާޖު ވިދާޅުވި އެވެ.

މީގެކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް އެކި ފަހަރު މަތިން މި ކަންކަން ފާހަގަކޮށް، ގޯތިތައް ދޫކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށް ވިދާޅުވެ، ކުރީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެއްވެސް އިންޗިއެއް، އެއްވެސް ވެލި ފުކެއްހާ މިންވަރު ވެސް އުނި ނުކޮށް ހުރިހާ ގޯއްޗެއް އޭގެ ހައްގުވެރިންނަށް ދޫކުރާނެ ކަމަށެވެ.

މާލޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ގޯތީގެ ރަޖިސްޓްރީ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.