Roadha Mihaaru
ފަލަސްތީނު ރެފިއުޖީންނަށް ސައޫދީން 40 މިލިއަން ޑޮލަރު

ފަލަސްތީނުގެ ރެފިއުޖީންނަށް ސައޫދީން 40 މިލިއަން ޑޮލަރު ދެނީ

21 މާޗް 2024

ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އދ. އިން އުފައްދާފައި އޮންނަ އެޖެންސީ އަށް ގައުމުތަކުން ދެމުން އައި އެހީގެ ބޮޑު ބައެއް އިޒްރޭލުގެ ނުފޫޒާ ހެދި ހުއްޓުމަކަށް އައިސްފައި ވަނިކޮށް ސައޫދީ އަރަބިއްޔާ އިން އެ ޖަމިއްޔާ އަށް 40 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށް އދ. އިން އުފައްދާފައި އޮންނަ އެޖެންސީ އަށް ގައުމުތަކުން ދެމުން އައި އެހީގެ ބޮޑު ބައެއް އިޒްރޭލުގެ ނުފޫޒާ ހެދި ހުއްޓުމަކަށް އައިސްފައި ވަނިކޮށް ސައޫދީ އަރަބިއްޔާ އިން އެ ޖަމިއްޔާ އަށް 40 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) އިން ބުނީ އިޒްރޭލާއި ހަމާސްގެ ފަސް މަސްވީ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) އަށް ދޭ މި އެހީން ބޮޑު މަންފާއެއް ކުރާނެ ކަމަށެވެ.

"މި ފަންޑުން 250،000 އަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ އަދި 20،000 އާއިލާއަށް ޓެންޓް ލިބޭނެ،" ކޭއެސްރީލީފްގެ ބަޔާނުގައިވެ އެވެ.

އަންރުވާ އަށް ބައެއް ގައުމުތަކުން އެހީ ދިނުން ހުއްޓާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިޒްރޭލުން ކުރި ތުހުމަތާ އެކުގަ އެވެ. އެކަމަކު އދ. އިން ބުނެފައިވަނީ މި ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް އިޒްރޭލުން ދައްކާފައި ނެތް ކަމަށެވެ.

އދ. އިން ވަނީ އިޒްރޭލުގެ ތުހުމަތާ ގުޅިގެން އެތެރޭގެ އަދި މިނިވަން ތަހުގީގެއް ވެސް މިކަމާ ގުޅިގެން ފަށައިފަ އެވެ.

އުންރުވާގެ ވެރިޔާ ފިލިޕް ލަޒާރީނީ ވިދާޅުވީ ސައޫދީން ފަލަސްތީނަށް ބާއްވާ ހާއްސަކަން މި އެހީން ހާމަކޮށްދޭ ކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އުންރުވާގެ ގާތްގަނޑަކަށް 30،000 މީހުން ވަޒީފާ އަދާކުރާއިރު ޣައްޒާގައި އޭގެ ތެރެއިން 13،000 މީހުން އުޅެ އެވެ. އަދި ކައިރީގައި އޮންނަ ޖޯޑަން، ލެބަނަން އަދި ސީރިއާގައި ވެސް މި ޖަމިއްޔާ ހަރަކާތްތެރިވެ އެވެ. -- އޭއެފްޕީ