24 މާޗް 2024
އީސާ ޝަރީފްގެ ނެތީ ކޮން ހުނަރެއް ހެއްޔެވެ؟ އަމިއްލައަށް ލަވަ ހެދި އެވެ. ފިލްމު ކުޅެ، ފިލްމު ޑައިރެކްޓު ވެސް ކުރި އެވެ. މޮޅު ކުރެހުންތެރިއެކެވެ. އެހެން ގޮތަކަށް ބުނާނަނަމަ، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ވިދުން ގަދަ ތަރިއަކަށް ވި، އަދި އާޓްގެ ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ވަރުގެ ހުނަރުވެރިއެކެވެ.
އީސާ ޝަރީފްގެ ނެތީ ކޮން ހުނަރެއް ހެއްޔެވެ؟ އަމިއްލައަށް ލަވަ ހެދި އެވެ. ފިލްމު ކުޅެ، ފިލްމު ޑައިރެކްޓު ވެސް ކުރި އެވެ. މޮޅު ކުރެހުންތެރިއެކެވެ. އެހެން ގޮތަކަށް ބުނާނަނަމަ، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ވިދުން ގަދަ ތަރިއަކަށް ވި، އަދި އާޓްގެ ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ވަރުގެ ހުނަރުވެރިއެކެވެ.
ނަމަވެސް، އުފަން ރަށް، މާލޭގައި ވަރަށް ބިޒީކޮށް އުޅެމުން ދަނިކޮށް އެ ތަނުގައި އުޅެން ކުއްލިއަކަށް ފޫހިވީ އެވެ. އެ ހިސާބުން، ހުރިހާ ކަމެއްހެން ދޫކޮށް، ދިރިއުޅުން ބަދަލުކުރީ މިހާރުގެ އަންހެނުންނާއެކު، އޭނާގެ ރަށް، ތ. ހިރިލަންދުއަށެވެ. އޭގެ ފަހުން 18 އަހަރުވީ އެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކާ މެދު އޭނާ ހިތާމައެއް ނުކުރެ އެވެ.
"މާލެ މަތިން ފޫހިވީ ހަމަ. އަސްލު ހަގީގަތަކީ، މާލޭގައި އުޅެން އުނދަގޫވީ. މަށަކީ ވަރަށް ވިސްނުން މިނިވަން މީހެއް. ކުރިން ފިލްމު ކުޅެން މަގުމަތީގައި އުޅޭއިރު، ބަޔަކު ޒުވާބުކުރާއިރު، ބޭބެ ޒުވާބުނުކޮށް ހުއްޓާލާށޭ ބުނީމަ ހުއްޓާލާ. އޭރު އަހަރެމެންނަށް ކަމޭހިތި. އެކަމަކު، ފަހުން ފަހުން އައިސް މީހަކާ ދިމާލަށް ބަލާލިއަސް ބުނާނެ ކޯއްޗަކަށްހޭ ތި ބަލަނީ. އެ މާހައުލު ކަމަކު ނުދިޔަ، އެހެންވެ ހިތަށް އެރީ މޫވްކުރާނީއޭ ހަމަ." އީސަ، 62، ބުންޏެވެ.
ދިވެހި ފިލްމީ ދުނިޔޭގެ ރަން ދުވަސްވަރަކީ، އީސަގެ ހަޔާތުގައި ވެސް ފޮނި މީރުކަން އެންމެ ގަދަވި ޒަމާނެވެ. ރާއްޖޭގައި މިހާތަށް އުފެއްދި އެންމެ ކާމިޔާބު ފިލްމު، "ފަތިސް ހަނދުވަރު" އަކީ، ހަ ކުދިންގެ ބައްޕަގެ ބޮޑު ބައިވެރިވުމަކާއެކު އުފެއްދި ފިލްމެކެވެ. ނުވަ ދިހައިގެ ކުރީކޮޅު އުފައްދައި، ރިލީޒްކުރި އެ ފިލްމު އުފައްދަން ނެގީ މުޅިން ވެސް ރިސްކެވެ.
ސްޕެޝަލް އިފެކްޓު ލައިގެން އެހާ ތަނަށް ފިލްމެއް އުފައްދާފައި ނުވާތީ އީސަމެންނަށް ޖެހުނީ ސޮފްޓްވެއާ ގަނެ، ސްޓޫޑިއޯ އަޕްގްރޭޑު ކުރާށެވެ. އެޑިޓްކުރަން ސިސްޓަމެއް ގެނަ އެވެ. ހާޑް ޑިސްކެއް ގަންނަން އެކަނި ވެސް ދެ ލައްކައެއްހާ ރުފިޔާ ހޭދަކުރި އެވެ. ފިލްމުގެ ކޮލީޓީ ހިފަހައްޓަން ސިނަމާގެ ގޮނޑިތަކާއި ޕްރޮޖެކްޓަރު ވެސް ބަދަލުކުރި އެވެ. އީސަ ބުނިގޮތުގައި އެ ހުރިހާ ކަމެއްކޮށް ނިންމިއިރު ހަތް ލައްކައެއްހާ ރުފިޔާ ހަރަދުވެއްޖެ އެވެ.
ފިލްމު ހަދަން އޭރު ވާހަކަ ގަތުމަކީ މީހުން ކޮށް އުޅުނު ކަމެއް ނޫނެވެ. ނަމަވެސް، ބިންމާ އިބްރާހިމް ވަހީދު އަތުން 20،000ރ. އަށް "ފަތިސް ހަނދުވަރު" ގަނެ، ސްކްރީންޕްލޭ ލިޔެ، ފިލްމުގެ މަސައްކަތްތައް އަވަހަށް ފެށި އެވެ.
"ވަރަށް ބޮޑު ރިސްކެއް މި ނެގީ. ފަތިސް ހަނދުވަރަކީ ރާއްޖޭގައި އުފެއްދުނު އެންމެ، އެ ކަހަލަ ރިސްކު ބޮޑު ފިލްމުތާ އެއީ. އެކަމަކު، އޭރު ކުރެވުނު މަސައްކަތަށް ބަލާއިރު ވަރަށް ކާމިޔާބު." ގޭގައި މަސައްކަތްކުރާ ލެޕްޓޮޕް ދޮށުގައި އިނދެ، "މިހާރު" އަށް ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.
ފިލްމެއް ކުޅެގެން ފަންނާނުންނަށް މަހެއްގެ މައްޗަށް 2،000ރ. ވެސް ނުލިބެ އެވެ. މިހާރު ވެސް އެކަމަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އެކަމަކު، އީސަ އާއި މައްލާ އަހުމަދު ނާސިރާއި ލޮޓަސް އަހުމަދު އާރިފު (އާއްޓެ)ގެ ބައިވެރިވުމާއެކު އުފެއްދި "އީއެމްއޭ" ސްޓޫޑިއޯއިން ވެސް މަސައްކަތްކުރީ އެ ހާލަތު ބަދަލުކުރާށެވެ.
އީސަ ބުނީ، އޭރުގެ އެންމެ މަގުބޫލު އެއް ތަރި، ޔޫސުފް ޝަފީއު (ޔޫއްޕެ) އާއެކު ފަސް އަހަރުގެ އެގްރިމެންޓެއް ހަދައި، މަސައްކަތެއް ނުކުރިޔަސް 5،000ރ. މަހަކު ދިން ކަމަށެވެ. އެހެން މީހަކު ޔޫއްޕެ ލައްވައި ލަވައެއް ނުވަތަ ފިލްމެއް ކުޅެން ބޭނުންވިޔަސް ޖެހެނީ އީސައާ މުއާމަލާތްކުރާށެވެ. އެގޮތަށް، މުސާރަ ދީގެން އެ ސްޓޫޑިއޯގައި 10 ވަރަކަށް މުވައްޒަފުން ގެންގުޅުނެވެ.
އީސަގެ ކުރީގެ އަންހެނުން، އެ ދެ މީހުންގެ ދޮށީ ފިރިހެން ދަރިފުޅު އުރާލައިގެން ހުއްޓައި ނަގާފައިވާ ފޮޓޯއެއް، އޭނާ އަމިއްލައަށް ކުރަހާފައި. މި ކުރެހުމަށް ގައުމީ ކުރެހުމުގެ މުބާރާތުން ވަނީ އެއް ވަނަ ލިބިފައި.
"އޭރު މިހާރު ކުރާ މަސައްކަތް އެހާ ފަސޭހައިން ވެސް ނުކުރެވޭނެ. މަތިން ނަގަންޖެހޭ ޝޮޓުތައް ޑްރޯނުން މިހާރު ފަސޭހައިން ނަގާލެވުނަސް، ކްރޭން ހަދާފައި ބަރު ހަދައިގެން، ކޮނޑަށް ކެމެރާ ލައިގެން، މީހަކު ލައިގެން ކެރޭނުގައި ނަގަންޖެހޭނީ އޭރު. ކެރޭން އޮޕަރޭޓްކުރަން އެކަނި ވެސް 10-12 މީހުން ބޭނުންވޭ." މިހާތަނަށް 26 ފިލްމު އުފައްދާފައިވާ އީސަ ބުންޏެވެ.
ފިލްމަކަށް އޭރު ލަވައެއް ހަދަން އަދި މިއުޒިކެއް ކުޅެން ވިޔަސް ހުންނަނީ އީސަ އެވެ. އޭރުގެ އެންމެ މަޝްހޫރު ލަވަކިޔުންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒާއި އަބްދުލްހަންނާނުމެން ކިޔާފައިވާ ލަވައިގެ 80 ޕަސެންޓަކީ އީސަގެ ލަވަތަކެވެ. ލަވަ ހަދާ މީހުންނަކީ ޅެންވެރިންނޭ ކިޔާ އުޅޭތީ، އީސަ ދެން ބޭނުންވީ ޅެން ހަދަން ދަސްކުރާށެވެ. އެހެންވެ، އޭގެ މައުލޫމާތު އިންޓަނެޓުން ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އާދަމް ނަސީރަށް ގުޅާލުމުން ދެ ސޮފްހާގެ ޕީޑީއެފް ފައިލެއް ފޮނުވައިފި އެވެ. އޭގެ ފަހުން ޅެމުގެ ޓްރިކްތައް ދަސްކޮށްފި އެވެ. "އީސާޝަރީފް.ކޮމް"ގެ ނަމުގައި އަމިއްލަ ވެބްސައިޓެއް ޝާއިއުކުރީ އެ ސަބަބާ ހެދި އެވެ.
އީސަ ބުނިގޮތުގައި، އެ ވެބްސައިޓުން މައުލޫމާތު ހޯދައި، އޭނާގެ ޅެންވެރިކަމުގެ 1،2 އަދި 3 ގެ އޮންލައިން ކޯހުގައި ބައިވެރިވެއްޖެނަމަ އަމިއްލައަށް އެ މަސައްކަތް ކުރެވޭނެ އެވެ.
ފިލްމީ މަސައްކަތުގައި ރަސްމީކޮށް ނޫޅުނަސް، މި ރަށުގައި އޭނާ ދިރިއުޅެމުން އަންނަ ގޭގައި ރިކޯޑުކުރާ ސްޓޫޑިއޯއެއް ވެސް އެބަހުއްޓެވެ. ފިލްމުތަކަށް ލަވަ ހަދަން މިހާރު ވެސް ދޭތެރެ ދޭތެރެއިން މީހުން އެދެ އެވެ. އެހެންވެ، ވެރި ރަށާ ކިތައްމެ ދުރުގައި އުޅެން ޖެހުނަސް، އީސަ ގަބޫލުކުރަނީ މުނިފޫހިފިލުވުމުގެ ދާއިރާއާ އެއްކޮށް ދުރަށް ނުދެވޭ ކަމަށެވެ.
"ފިލްމީ ދާއިރާގައި ކުރެވިފައި ހުރި ގިނަ ކަންތައްތަކާއި ފިލްމީ ދާއިރާގައި އެކީގައި އުޅެވިފައި ހުރި މީހުންނަށް ވެސް މިހާރު ވަރަށް ރައްޓެހިވާނެ. މީގެ ތެރެއިން މުޅިއަކުން ދުރަކަށް ނުދެވޭނެ. އިހަށްރެއަކު ވެސް މާއެބޫ (ޑައިރެކްޓަރެއް) ގުޅާފައި ބުނެފި ސްކްރިޕްޓެއް ލިޔެދޭށޭ... މަ މި ދާއިރާގައި އަމަލީ ގޮތުން މަސައްކަތް ކުރާ ހިތެއް ނުވޭ." ރޯދަ ފެށެން ހަފުތާއަކަށް ވެފައިވަނިކޮށް ހިރިލަންދޫއަށް ދިޔަ ދަތުރުގައި އީސަ ބުންޏެވެ.
އޭނާގެ އަމިއްލަ ވެބްސައިޓުން، ޅެންވެރިކަމާއި ލަވަ ހެދުމާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބެން އެބަހުއްޓެވެ. އެ ހުރިހާ އެއްޗެއް ވެސް ހިލޭ ޑައުންލޯންޑުކުރެވެ އެވެ. ވީހާ ވެސް ގިނަ ބަޔަކަށް ޅެންވެރިކަން ދަސްކޮށްދިނުމުގެ ބޭނުމުގައި އީސަ އަންނަނީ 2017 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް ކްލާސްތައް ހިންގަމުންނެވެ. ހިލޭ ބައިވެރިވެވޭ ގޮތަށް ގެންދާ ކޯހުގައި އެކަނި ވެސް 3،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެ އެވެ.
އީސަ، "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އަސްކަނި" އަކީ އެ ދަރިވަރުންގެ އަމިއްލަ ޅެންތަކެވެ. އީސަގެ އަމިއްލަ 100 އެއްހާ ޅެން ހިމެނޭ "ހިތެއްގެ ޒަހަމް" ފޮތް ވެސް، އެ ވެބްސައިޓުން ފެންނާނެ އެވެ.
"އެއްކަލަ ދުވަހު މަ ސާޗުކޮށްގެން ނުލިބުނު ހުރިހާ އެއްޗެއް އެއްތާކުން ފެންނާކަށްނު މި ހުރީ. އަހަރެން ވަރަށް މަސައްކަތްކުރިން ޅެން ހަދަން. އެކަމަކު، ނުވީއޭ. މިހާރު އެއްވެސް ސްކޫލު ކުއްޖެއް ވެސް، ބޭރު މީހެއް ވެސް އަމިއްލަ މީހެއް ވެސް ނުޖެހޭނެ އެ ސަކަރާތް ޖަހާކަށް. މި ތަނަށް ވަދެފައި ޑައުންލޯންޑުކުރީމަ ނިމުނީ." އޭނާ ބުންޏެވެ.
އޭނާ އަމިއްލައަށް ތައްޔާރުކުރި 50 ފޮންޓު ވެސް އެ ވެބްސައިޓުން ހިލޭ ޑައުންލޯންޑުކުރެވެ އެވެ. އެ ޑައުންލޯންޑުތަކުގެ އަދަދު 20،000 އަށްވުރެ މައްޗަށް އަރައިފި އެވެ.
އޮއިލް ޕެއިންޓިން ބޭނުންކޮށްގެން އީސަ ކުރަހާފައިވާ ކުރެހުމެއް. މި ކުރެހުމަށް ވެސް މުޅި މުބާރާތުން އެއް ވަނަ ލިބުނު.
އީސަ ބުނީ އޭނާ މިހާރު ކުރަމުން އަންނަނީ ތާނަ ލިޔުމަށް އެހީތެރިވޭނެ ފޮތެއް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، ލިޔަން ގޮނޑީގައި އިށީންނަ ގޮތްތަކާއި އެ ތަނުގެ މާހައުލާއި އެ ތަނުގެ ލައިޓް ހުންނަންޖެހޭ ގޮތްތައް ފަދަ ޓެކްނިކަލް މައުލޫމާތު ހިމަނާފައިވެ އެވެ. އޭގެ އިތުރުން ގަލަމުގެ ވައްތަރުތަކާއި އެ ގަލަންތަކުން ރީތިކޮށް ލިޔެވޭނެ ކަރުދާހާއި ގަލަން ހިފަހައްޓަންޖެހޭ ގޮތް ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. އެ ފޮތް އެއްކޮށްހެން ނިމުނަސް، އެއަށް ހަދާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އޭނާ މިހާރު އާމްދަނީ ހޯދަނީ ލަވަ ހަދައިދީގެންނެވެ. ފަސް މިނެޓުގެ ތެރޭގައި ލަވައެއް ހަދައިދީގެން 1،800ރ. ލިބެ އެވެ. ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި ޅެމެއް ހަދައިދީގެން އީސައަށް 1،600ރ. ލިބެ އެވެ.
އޭނައަކީ އެއް ދުވަސް ވަރެއްގައި ވަރަށް މޮޅަށް، ވަރަށް ގަދައަށް ކުރެހި ވެސް މީހެކެވެ. ގައުމީ ކުރެހުމުގެ މުބާރާތުން ހަތަރު އަހަރަކު، އެއް ވަނަ ލިބުނެވެ. އެކަމަކު، އޭސަ ބުނާގޮތުން އޭނާ މިހާރު ކުރަހާ ހިތެއް ވެސް ނުވެ އެވެ.
"އެކި ދުވަސްވަރު އެކި ކަންތައް ކުރާ ހިތްވަނީ." އީސަ ބުންޏެވެ.
ފިލްމީ އެތައް މަސައްކަތެއް ކޮށް، އެކަންކަން ދޫކޮށްލައިފި އެވެ. ނަމަވެސް، ޔަގީންވާ ކަމަކީ، އީސަގެ އާޓްގެ ދުނިޔެއަށް އިރުއޮއްސުމެއް ނުވާ ކަމެވެ. އެ ވަގުތަކު ކުރަން ބޭނުންވި ކަމެއް، ކުރާނެ ކަމެވެ.
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!
ގެއްލުނީ އެއް ފައި، ހާލުގައިޖެއްސި ބަޔަކު ވެސް ނޭނގެ
ނަޝްވާ: ހިރިލަންދޫގެ ފަހުރަކީ މިއީ
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ޝަބާނާ ކުރި ތަޖުރިބާއިން ވަރުގަދަ ވިޔަފާރިއެއް
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"
ހުސެންގެ ދުނިޔެ އަނދިރިވީ ހަމަ ކުއްލިއަކަށް