Roadha Mihaaru
ވެމްކޯގެ ކުނި ޕިކަޕުގެ ފީ 500ރ. އަށް ކުޑަކުރަނީ

ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500 ރުފިޔާއަށް ކުޑަކުރަން ރައީސް ނިންމަވައިފި

01 އެޕްރީލް 2024

ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން ނަގަމުން އައި 750 ރުފިޔާގެ ފީ 500 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން ނަގަމުން އައި 750 ރުފިޔާގެ ފީ 500 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދާންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި ރައީސް ވިދާޅުވީ ކުދި ޕިކަޕުގައި ކުނި އުކާލުމަށް 750ރ. ދައްކަން ޖެހުމަކީ އާންމުންނަށް އޭގެ ބުރަ ބޮޑުވެފައިވާ ކަމެއް ކަމަށެވެ.

އެކަމުގައި ވެމްކޯގެ އިސްވެރިންނާ މިހާރު މަޝްވަރާކޮށް ސަރުކާރުން ނިންމާފައި ވަނީ ކުނި އުކާލުމަށް ނަގާ އަގު 500ރ. އަށް ކުޑަކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު ވެމްކޯގެ އިސްވެރިންނާ ވެސް މަޝްވަރާކޮށްފިން. ޓަނަކަށް މި ނަގާ 750 ރުފިޔާ، 500ރ. އަށް ސަރުކާރުން ކުޑަކޮށްދޭނަން. ދެން އެކަން އެ ބޭފުޅުން [ވެމްކޯ] ރަސްމީކޮށް އިއުލާން ކުރައްވާނެ މާ ލަސްތަކެއް ނުވެ،" ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"މި ރޭޓުގައި އުކާލަން ފެށީމަ ކުދި އާމްދަނީ ލިބޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ."

މާލޭގެ މަގެއްގެ މައްޗަށް ކުނި ނެރެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ މަގެއްގެ މައްޗަށް ކުނި ނެރެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެމްކޯ މެދުވެރިކޮށް ކުނި އުކާލުމަށް ނަގަމުން އައި ފީ ކުޑަކުރަން ސަރުކާރުން ނިންމިއިރު މި ރޯދަ މަސް ފެށުނިއްސުރެ މުޅި މާލެ ވަނީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. މާލޭގެ އެކި ގޯޅިތަކަށް ބޮޑެތި ކުނިތައް ނެރެފައި ހުންނަ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރި އެވެ.

އެކަމަކު ކުނި ނެރުން ނުހުއްޓި، ގޯޅިތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ ވެސް ދަނީ އާންމުކުރަމުންނެވެ. ކުނި އަޅައިގެން 100 އަށް ވުރެ ގިނަ މީހުން ޖުރިމަނާ ކޮށްފައިވެ އެވެ.

ކުނި އެޅުން ހުއްޓުވުމަށް ވެމްކޯ އިން ވަނީ މާލެ އާއި ހުޅުމާލޭގެ ގޭގެއިން މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ތިން ދުވަހު ހިލޭ ވެސް ކުނި އުކައިދީފަ އެވެ.