Roadha Mihaaru
މަޝްއަރު ގްރޫޕްގެ ހުއްދަ ވަނީ ބާތިލްކޮށްފައި:މިނިސްޓްރީ

މަޝްއަރު ގްރޫޕްގެ ހުއްދަ މިދިޔަ އަހަރު ވަނީ ބާތިލް ކޮށްފައި: އިސްލާމިކް މިނިސްޓްރީ

01 އެޕްރީލް 2024

މި ރޯދަމަހު އުމްރާ އަށް މީހުން ގެންދިއުމަށްޓަކައި ޓިކެޓް ނެގުމަށް އެޖެންޓަށް ދޫކުރި ޗެކްތައް ބައުންސް ވެގެން މި ފަހަރު ވެސް މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން މީހުން ހައްޖާއި އުމްރާ އަށް ގެންދިއުމުގެ ހުއްދަ މިދިޔަ އަހަރު ބާތިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ރޯދަމަހު އުމްރާ އަށް މީހުން ގެންދިއުމަށްޓަކައި ޓިކެޓް ނެގުމަށް އެޖެންޓަށް ދޫކުރި ޗެކްތައް ބައުންސް ވެގެން މި ފަހަރު ވެސް މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން މީހުން ހައްޖާއި އުމްރާ އަށް ގެންދިއުމުގެ ހުއްދަ މިދިޔަ އަހަރު ބާތިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މަޝްއަރު އުމްރާ ގުރޫޕުގެ މައްސަލަގަނޑު ފެންމަތިވުމުން "މިހާރު" އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ އަހަރުގެ ރޯދަމަހު ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލާގައި އެ ގުރޫޕުގެ ހުއްދަ އޮތީ ބާތިލް ކޮށްފައި ކަމަށެވެ.

"މިދިޔަ އަހަރު ޖެހުނު މައްސަލައާ އެކު، އެ ގުރޫޕުގެ ހުއްދަ އެ އަހަރު އޮތީ ބާތިލް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓްރީގެ ހުއްދަ ނެތި މަޝްއަރު ގްރޫޕްގެ ހަވާލުގައި މި ރޯދަމަހު ވަނީ މީހުން އުމްރާ އަށް ގެންގޮސްފަ އެވެ. އަދި މި ފަހަރު ވެސް ވަނީ ކުރިން ޖެހުނު މައްސަލަ ތަކުރާރުކޮށްފަ އެވެ. އެއީ އެ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ބައެއްގެ ރިޓާން ޓިކެޓަށް ވާ ފައިސާ ނުދައްކައިގެންނެވެ.

މި ފަހަރުގެ މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "މިހާރު" އަށް މިއަދު ވިދާޅުވީ މަޝްއަރު ގްރޫޕާ އެކި ގޮތްގޮތުން މުއާމަލާތް ކުރެއްވި ނަމަވެސް އަދި އެކި ފަހަރު މަތިން ފުރުސަތު ދިން ނަމަވެސް، އަދިވެސް ރިޓާން ޓިކެޓަށް ވާ ފައިސާ ނުދައްކާ ކަމަށެވެ. އެއީ 50 މީހުންގެ ޓިކެޓް ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާގް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި މިއަދުގެ ނިޔަލަށް ވަގުތު ދީފައިވާނެ ކަމަށާއި އެހެންވެ، މިއަދު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ފައިސާ ނުލިބިއްޖެ ނަމަ ހުރިހާ ޓިކެޓެއް ކެންސަލް ކުރައްވާނެ ކަމަށެވެ.

މި މައްސަލާގައި މަޝްއަރު ގްރޫޕްގެ ބަހެއް ހޯދުމަށް "މިހާރު" އިން ގުޅުމުން އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް ކުރެއްވި މެސެޖުގައި ވިދާޅުވީ ފައިސާ ދައްކަން އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އޭޖެންޓް ދީފައި ވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ފައިސާ ދެއްކުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފިރާގް އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުއްދަތު ދިނީ މިއަދުގެ ނިޔަލަށް ކަމަށް އީމެއިލް މެދުވެރިކޮށް ވެސް އެ ގްރޫޕަށް ވާނީ އަންގައިފަ އެވެ.

ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށް ވާ ފައިސާ އަށް ދޫކުރި ދެ ޗެކް ބައުންސް ވެގެން މިދިޔަ އަހަރު ވެސް މަޝްއަރު ގްރޫޕްގެ ހަވާލުގައި ރޯދަމަހު އުމްރާ އަށް ދިޔަ ބަޔަކު ސައުދީގައި ތާށިވި އެވެ. އެއީ 138 މީހުންނެވެ.

އެ ފަހަރު އެންމެ ފަހު ވަގުތުގައި އުމްރާވެރިންނަށް ފުރޭގޮތް ވީ ޓިކެޓަށް ވާ ފައިސާގެ އެއް ބައި ދައްކައިގެން ފަހުން ފައިސާ ދައްކާ ގޮތަށް އެ ގްރޫޕުން އެއްބަސްވުމުންނެވެ.

މި އަހަރު ވެސް މި މައްސަލަ ބޮޑުވެފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާ އަށް ދާ މީހުން، އެ ޖަމާއަތްތަކަކީ އުމްރާ އަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ބައެއްތޯ ކަށަވަރުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.