Roadha Mihaaru
އާންމު މަޖިލީހުގެ އަޑުއަހަން ރާއްޖޭން ގޮވާލައިފި

އދ.ގެ އާންމު މަޖިލީހުން ދިން ވަރުގަދަ މެސެޖުގެ އަޑުއަހައި، ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން ގޮވާލައިފި

14 މެއި 2024

އދ.ގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމި ނިންމުމުގެ އަޑުއަހައި، ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން އދ. ގެ ސަލާމަތީ މަޖިލީހަށް މިއަދު ގޮވާލައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމި ނިންމުމުގެ އަޑުއަހައި، ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން އދ. ގެ ސަލާމަތީ މަޖިލީހަށް މިއަދު ގޮވާލައިފި އެވެ.

އދ.ގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ. ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް މިދިޔަ ހުކުރު ދުވަހު ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.

އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. މިދިޔަ މަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނަށް މެމްބަރުކަން ނުލިބުނީ، އެމެރިކާ އިން އެ ހުށަހެޅުން ވީޓޯކޮށް ފެއިލް ކޮށްލުމުންނެވެ.

މިއަދު ބޭއްވި އދ.ގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ބުނީ އާންމު މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތަކުން ނިންމި ނިންމުމުން، ސަލަމާތީ މަޖިލީހަށް ވަރުގަދަ މެސެޖެއް ދީފައިވާ ކަމަށެވެ.

އެހެންކަމުން، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ދިނުމަށް ސަލާމަތީ މަޖިލީހުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ރާއްޖޭން ގޮވައިލި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މީގެއިތުރުން، ފަލަސްތީނުގެ މައުސޫމް ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތައް އެޅުމާ އެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމަށް އިޒްރޭލަށް ބާރުއެޅުމަށް ވެސް ރާއްޖޭން ވަނީ އދ.ގެ މެމްބަރު ގައުމުތަކަށް ގޮވާލާފައި،" މިނިސްޓްރީން ބުންޏެވެ.

އަދި މެދުއިރުމަތީގެ ޒަމާންވީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދީގެން ކަމަށް ރާއްޖޭން ކުރަމުންދާ ވަކާލާތު މިއަދުވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

އާންމު މަޖިލީހުން ހުކުރު ދުވަހު ފާސްކުރި ގަރާރާ އެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.

އޭގެތެރޭގައި، އދ.ގެ އެހެން މެމްބަރު ގައުމުތަކާއެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމާއި އދ.ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު ހިމެނެ އެވެ.