Roadha Mihaaru
ސުޕްރީމް ކޯޓުގެ އަމުރަކަށް ހައި ކޯޓުން އަމަލުނުކުރި

ސުޕްރީމް ކޯޓުގެ އަމުރަކަށް ހައި ކޯޓުން އަމަލުނުކުރި މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅަން ވިސްނަނީ

18 މެއި 2024

ހައި ކޯޓުން މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލުނުކޮށް ހައި ކޯޓުން ދޫކޮށްލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހައި ކޯޓުން މީހަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލުނުކޮށް ހައި ކޯޓުން ދޫކޮށްލައިފި އެވެ.

ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ، ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގަ އެވެ.

ސައްމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވުމުން، ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެވެ. އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކޮށްދޭން ދައުލަތުން އެދުނު ނަމަވެސް، ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މި މަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން ނިންމާފައިވަނީ ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ނިންމާފައިވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްނުކޮށް ކަމަށެވެ. އެހެންކަމުން، ހަތް ދުވަސް ތެރޭގައި ސައްމާހުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ހައި ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އެންގި އެވެ.

އެ ހަތް ދުވަހުގެ މުއްދަތުގައި ސައްމާހު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ބަންދުގައި ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ. ހަތް ދުވަހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ވަނީ ހަމަވެފަ އެވެ.

ހައި ކޯޓުން ހަތް ދުވަސް ހަމަވީއިރު ވެސް ބަންދާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ނުބޭއްވުމުން، ސައްމާހު ބަންދުން ދޫކޮށްލަން ވަނީ ޖެހިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެކަން ހައި ކޯޓުގެ ސަމާލުކަމަށް ފޯނުން ގުޅައިގެން އަދި ސިޓީ ފޮނުވައިގެން ވެސް ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް، ހައި ކޯޓުން އެކަމަށް އިޖާބައެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެހެންކަމުން ގަބޫލެއް ނުކުރެވޭ މިއީ ހައި ކޯޓަށް ނޭނގި ހިނގައިގެން ގޮސްފައިވާ ކަމެއް ކަމަކަށް،" ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ހައި ކޯޓުން އަމަލުކޮށްފައިނުވާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިހާރު ވާނީ ސުޕްރީމް ކޯޓަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ. އަދި އެކަމުގައި ދެން އަޅާނެ ފިޔަވަޅުތަކާ މެދު ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވެސް ވިސްނަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ހައި ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.

މި މައްސަލާގެ ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުއް މާނިއު ހުސެއިން އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ތިން ފަނޑިޔާރުން ވެސް މި ވަގުތު ތިއްބެވީ ޗުއްޓީގަ އެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވުމަށް ބޭއްވި ދެ އަޑުއެހުމެއްގައި ފަނޑިޔާރު މާނިއު އަދި ފަރުހީޒާ ބައިވެރިވެވަޑައިގަތެވެ.