Roadha Mihaaru
ރެއާލަކީ އީގޯ ބޮޑު ޓީމެއްކަން އެމްބާޕޭއަށް ބުނެ ދީފި

އާދިލް ރަމީ އެމްބާޕޭއަށް؛ ބަދަލުވާން ތި އުޅެނީ އީގޯ ބޮޑު ޓީމަކަށް

20 މެއި 2024

ޕެރިސް (މެއި 20) - ރެއާލް މެޑްރިޑަކީ އީގޯ ބޮޑު ޓީމެއްކަން، އެ ކްލަބަށް ސޮއި ކުރުމާ ގާތުގައި ހުރި ކިލިޔަން އެމްބާޕޭ އަށް، ފްރާންސްގެ ކުރީގެ ޑިފެންޑަރު އާދިލް ރަމީ ބުނެދީފި އެވެ.

ޕެރިސް (މެއި 20) - ރެއާލް މެޑްރިޑަކީ އީގޯ ބޮޑު ޓީމެއްކަން، އެ ކްލަބަށް ސޮއި ކުރުމާ ގާތުގައި ހުރި ކިލިޔަން އެމްބާޕޭ އަށް، ފްރާންސްގެ ކުރީގެ ޑިފެންޑަރު އާދިލް ރަމީ ބުނެދީފި އެވެ.

އެމްބާޕޭއާ އެކު، 2018 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުގައި ވެސް ހިމެނުނު، އާދިލް ރަމީ ބުނީ ރެއާލް އަށް ބަދަލުވާ އިރު މާހައުލަށް ވަރަށް ތަފާތު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ރެއާލަކީ ކުޅުންތެރިން ހޭނެން އުނދަގޫ ޓީމެއްކަން ވެސް، ކުރިން ސެވިއްޔާ އާއި ވެލެންސިއާ އަށް ވެސް ކުޅުނު ޑިފެންޑަރު ބުންޏެވެ.

"އޭނާ ޖެހޭނެ އެ މާހައުލަށް ރަނގަޅަށް ހޭނެން. އޭނާ އެ ބަދަލުވަނީ ވަރަށް ވަރަށް އީގޯ ބޮޑު ކްލަބަކަށް. އަދި ކުޅުންތެރިޔާގެ ފަރާތުން ގިނަ ކަންކަން ޑިމާންޑް ކުރާ ކްލަބަކަށް،" މިދިޔަ އަހަރު ކުޅުން ހުއްޓާލި ރަމީ ބުންޏެވެ.

"އެކަމަކު އަހަންނަށް ހީވަނީ ރެއާލް އަށް ބަދަލުވުމަކީ ކެރިއާ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ހެން."

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އަންނަ މަހު ހަމަ ވާނެ އެވެ. ކޮންޓްރެކްޓް އާ ނުކުރާނެކަން އޭނާ ވަނީ އެ ކްލަބަށް އަންގައިފަ އެވެ. ކްލަބްގައި މަޑު ނުކުރަން އެމްބާޕޭ ނިންމުމުން މެނޭޖްމެންޓާ އޭނާ އާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

އުމުރުން 25 އަހަރުގެ ފޯވަޑާ އެކު ރެއާލުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.