Roadha Mihaaru
އެންމެ މަތީ ފެންވަރުގައި ހުރެ، ކްރޫޒް ރިޓަޔާކުރަނީ

ކްރޫޒްގެ ފެންވަރު އެންމެ މަތީ ފަންތީގައި، އެކަމަކު ކުޅުން ހުއްޓާލަން ނިންމައިފި

21 މެއި 2024

ކުޅުމުގެ ފެންވަރު އެންމެ މަތީ ފަންތީގައި ހުރެ، ކުޅުން ހުއްޓާލަން މިޑްފީލްޑާ ޓޯނީ ކްރޫޒް ނިންމައިފި އެވެ.

ކުޅުމުގެ ފެންވަރު އެންމެ މަތީ ފަންތީގައި ހުރެ، ކުޅުން ހުއްޓާލަން މިޑްފީލްޑާ ޓޯނީ ކްރޫޒް ނިންމައިފި އެވެ.

ރެއާލް މެޑްރިޑާއި ޖަރުމަނުގެ މިޑްފީލްޑަރު ކުޅުން ހުއްޓާލާނީ ކުރިއަށް ޔޫރޯ އަށް ފަހު އެވެ. އުމުރުން 34 އަހަރުގެ މިޑްފީލްޑަރަށް އާ ކޮންޓްރެކްޓެއް ހުށަހަޅަން ރެއާލުން ވެސް އޮތީ ތައްޔާރަށެވެ.

އެކަމަކު ކުޅުން ހުއްޓާލަން އިއުލާން ކުރަމުން، އިންސްޓަގްރާމްގައި ކްރޫޒް ކުރި ޕޯސްޓްގައި ބުނީ ކެރިއާގެ އެންމެ ޕީކްގައި ކުޅުން ހުއްޓާލުމަކީ އޭނާ ބޭނުންވި ގޮތް ކަމަށެވެ.

ޖަރުމަނާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ކްރޫޒް ބުނީ ޖުލައި 17 2014 އަކީ އޭނާގެ ކެރިއާ ބަދަލުވެގެން ދިޔަ ދުވަސް ކަމަށެވެ. ރެއާލް އަށް އޭނާ ސޮއި ކުރީ އެ ތާރީހްގަ އެވެ.

"ރެއާލް މެޑްރިޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި އަހަރެން ތައާރަފުކޮށްދިން ދުވަހަކީ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި ދުވަހެއް. ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދިޔަ. ހާއްސަކޮށް އާންމު މީހެއްގެ ހައިސިއްޔަތުން ވެސް ކަންކަން ބަދަލުވެގެން ދިޔަ. އެއީ ދުނިޔޭގެ އެންމެ ބޮޑު ކްލަބުގައި އާ ބާބެއް ފެށުނު ދުވަސް. އޭގެ 10 އަހަރަށްފަހު ސީޒަން ނިމުމުން މި ޗެޕްޓާ ނިމުމަކަށް އައީ،" ރިޓާޔާ ކުރާކަން އިއުލާން ކުރަމުން ކްރޫޒް ބުންޏެވެ.

ޖަރުމަނުގެ ޓީމާ އެކު 2014 ގެ ޔޫރޯ ކާމިޔާބު ކުރުމަށް ފަހު ކްރޫޒް، ތަށީގައި ހިފަހައްޓާލައިގެން

ޖަރުމަނުގެ ޓީމާ އެކު 2014 ގެ ޔޫރޯ ކާމިޔާބު ކުރުމަށް ފަހު ކްރޫޒް، ތަށީގައި ހިފަހައްޓާލައިގެން

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ؛ ރެއާލް މެޑްރިޑަކީ އަހަރެންގެ އެންމެ ފަހު ކްލަބް ކަމަށް. އެކަމާ އަހަރެން ފަހުރުވެރިވަން. އަހަރެންގެ ވިސްނުމުގައި މިނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު މިއީ. އެކަން އަމިއްލަ އަށް އިހްތިޔާރު ކުރެވުނީތީ އުފާކުރަން. އަހަރެން އަބަދުވެސް ބޭނުންވީ ކުޅުމުގެ ފެންވަރު އެންމެ މަތީ ފަންތީގައި ހުރެ ކެރިއަރު ނިންމާލަން."

ޖަރުމަނުގެ ޓީމަށް 2021 ގައި ކުޅުން ހުއްޓާލުމަށް ފަހު، މި އަހަރު އަލުން ގައުމީ ޓީމަށް ކުޅެން ކްރޫޒް ނިންމީ، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަން އާ ވާހަކަ ދެއްކުމަށް ފަހު އެވެ. އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯގައި ގައުމީ ޓީމުގައި އޭނާ ހިމަނަން ނާގެލްސްމަން ވެސް ބޭނުން ވުމުންނެވެ.

ރެއާލްގައި ކްރޫޒް ހޭދަ ކުރި 10 އަހަރުގައި އޭނާ ވަނީ 463 މެޗު އެ ޓީމަށް ކުޅެ 21 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕްގެ ފަސް ތަށި ހިމެނެ އެވެ. އަންނަ މަހު އެކެއް ގައި ކުޅޭ ފައިނަލު މެޗުން ރެއާލް މޮޅުވެއްޖެނަމަ، ކްރޫޒް އަށް އެ ކްލަބާ އެކު ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކުރެވޭނެ އެވެ.

ބެޔާން މިޔުނިކާ އެކު 2013 ގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި ކްރޫޒް ވެގެންދާނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެންމެ ގިނައިން ކުޅުނު ކުޅުންތެރިޔާ އަށެވެ.