Roadha Mihaaru
ޓިކްޓޮކް މަނާކުރަން އުޅުނު ޓްރަމްޕް ޓިކްޓޮކަށް

ޓިކްޓޮކް މަނާކުރަން އުޅުނު ޓްރަމްޕް ޓިކްޓޮކަށް

03 ޖޫން 2024

ވެރިކަމުގައި ހުންނެވި އިރު ޓިކްޓޮކް އެމެރިކާގައި މަނާކުރަން މަސައްކަތްކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޕްލެޓްފޯމްގައި އެކައުންޓެއް ހަދައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ވެރިކަމުގައި ހުންނެވި އިރު ޓިކްޓޮކް އެމެރިކާގައި މަނާކުރަން މަސައްކަތްކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޕްލެޓްފޯމްގައި އެކައުންޓެއް ހަދައިފި އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޓްރަމްޕް ޓިކްޓޮކާ ގުޅިވައިގެންފައި މި ވަނީ ޒުވާނުންގެ ވޯޓު ހޯދަން ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ. ފުރަތަމަ ޕޯސްޓްކުރެއްވީ ވެސް އަލްޓިމޭޓް ފައިޓް ޗެމްޕިއަންޝިޕް (ޔޫއެފްސީ) އަށް ވަޑައިގެން އެތަނުގައި ނަގާފައިވާ ވީޑިއޯއެކެވެ.

އެ ވީޑިއޯގައި ޔޫއެފްސީގެ ސީއީއޯ ޑާނާ ވައިޓް ޓްރަމްޕް ތައާރަފްކޮށްދެއްވުމާ އެކު ކެމެރާއަށް ބައްލަވާލައްވާފައި "އިޓްސް މައި އޮނާ" އޭ ވިދާޅުވެ އެވެ.

ޓްރަމްޕުގެ އެކައުންޓް ވެރިފައިކޮށްފައި ވާއިރު މިހާރު ވެސް ފޮލޯވަރުންގެ އަދަދު ވަނީ މިލިއަނުން މައްޗަށް ގޮސްފަ އެވެ.

ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާގައި ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރެއްވި ނަމަވެސް އޭރު އެކަން ކާމިޔާބުވާ ގޮތް ނުވީ ކޯޓުތަކާ ހިސާބަށް މައްސަލަ ދިއުމުންނެވެ. ޗައިނާގެ ބައިޓްޑާންސްގެ މި އެޕްލިކޭޝަނަކީ އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ ޓްރަމްޕް އެއާ ދެކޮޅަށް ކުރެއްވި މަސައްކަތް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މިހާރު ވަނީ ޓިކްޓޮކްގެ އެމެރިކާ ގޮފީގެ މިލްކުވެރިކަން ޗައިނާގެ ބައިޓްޑާންސް އިން ވަކިކޮށް އެހެން ކުންފުންޏަކަށް އެއް އަހަރު ތެރޭ ވިއްކާނުލައިފި ނަމަ ޓިކްޓޮކް މަނާކުރަންޖެހޭ ގޮތަށް އޭޕްރީލް މަހު ފާސްކުރި ބިލް ތަސްދީގުކޮށްފަ އެވެ.

ބައިޑެން ވެސް ޓިކްޓޮކް މަނާކުރަން މަސައްކަތް ކުރެއްވި ނަމަވެސް އޭނާގެ ކެމްޕެއިނުން ވެސް މި އަހަރު ތެރޭ ވަނީ ޓިކްޓޮކް ބޭނުންކުރަން ފަށައިފަ އެވެ.

ޓިކްޓޮކުގައި އެމެރިކާގެ 170 މިލިއަން މީހުން އުޅެ އެވެ.