Roadha Mihaaru
އުނގޫފާރުން ކަރަންޓުގައި ޖެހުނު ކުއްޖާ މަރުވެއްޖެ

އުނގޫފާރުން ކަރަންޓުގައި ޖެހި ހާލު ދެރަވި ކުއްޖާ މަރުވެއްޖެ

08 ޖޫން 2024

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ހިނގި އެ ހާދިސާގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވީ އެ ރަށު ދޫނިހުރާ، ހުސެއިން އަތީގު އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، މިދިޔަ 25 ވަނަ ދުވަހު މާލޭ ގެނެސް ފަރުވާދެމުންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

އޭނާގެ އާއިލާގެ މީހަކު، "މިހާރު" އަށް ކަށަވަރުކޮށްދިން ގޮތުގައި އަތީގު މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިއަދު އެވެ.

ކަރަންޓުގައި ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑި އާއި ކިޑްނީއަށް ވެސް އޮތީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

އެ ހާދިސާ ހިނގީ އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށެވެ.

އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެ ކުދިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.