Roadha Mihaaru
ކައުންސިލް އިދާރާތައް އަޅާ 50 ރަށް އިއުލާންކޮށްފި

ކައުންސިލް އިދާރާތައް އަޅާ 50 ރަށް އިއުލާންކޮށްފި

13 ޖޫން 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރެއްވި ގޮތަށް ކައުންސިލްގެ އާ އިމާރާތްތައް އަޅާ 50 ރަށް މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރެއްވި ގޮތަށް ކައުންސިލްގެ އާ އިމާރާތްތައް އަޅާ 50 ރަށް މިއަދު އިއުލާންކޮށްފި އެވެ.

އެ ރަށްތައް އިއުލާންކުރީ ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓަރު އާދަމް ޝަރީފެވެ.

އެ ޕްރެސް ކޮންފަރެންސްގައި އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީން ބެލިބެލުމުގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ކައުންސިލްގެ އާ އިމާރާތްތައް އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް، މި ބުރު އިސްކަންދޭނީ މި ވަގުތު އެންމެ ބޮޑަށް އާ އިމާރާތެއް ބޭނުންވެފައިވާ ރަށްރަށަށް ކަމަށާއި އެ ރަށްތައް ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ދައުލަތުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ކައުންސިލްގެ އާ އިމާރާތްތައް އަޅަން ބަޖެޓުކޮށްފައިވާ ރަށްތައް މި ލިސްޓުގައި ނުހިމެނޭނެ އެވެ. ނަމަވެސް، ބަޖެޓުގައި އޮތް ގޮތަށް އެ ރަށްތަކުގެ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

މިދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން މިހާރު 26 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި އަހަރުގެ ބަޖެޓުގައި 29 ކައުންސިލް އިދާރާ އެޅުމަށް ވެސް ބަޖެޓުކޮށްފައިވެ އެވެ.

"އެގޮތަށް އަޅުގަނޑުމެން ބަލާއިރު ވެސް 102 ރަށެއް މިގޮތަށް އިމާރާތް ކުރަން ޖެހޭ ކަމަށްވާތީވެ، އަޅުގަނޑުމެން ކަނޑައެޅީ ވަކި ކްރައިޓީރިއާއެއްގެ ދަށުން މިކަން ކުރުމަށް. މިގޮތަށް ކްރައިޓީރިއާއެއް ކަނޑައެޅިއިރުގައި ބެލީ މީގެ ކުރިން ވެސް، އެލްޖީއޭ އިން ވެސް، މައިގަނޑު ގޮތެއްގައި ބަލަމުން ދިޔަ ކަރައިޓީރިއާ އަށް،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިދާރާ އަޅަން ސަރުކާރުން ކަނޑައެޅި 50 ރަށަކީ، ހއ. ވަށަފަރު، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ށ. ފޭދޫ، ށ. ކޮމަންޑޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ނ. ހެނބަދޫ، ނ. ޅޮހި، ނ. ފޮއްދޫ، ނ. މަނަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ރ. ވާދޫ، ރ. ހުޅުދުއްފާރު، ބ ކަމަދޫ، ބ. ކުޑަރިކިލު، ބ. ފެހެންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކިހާދޫ، ޅ. ކުރެންދޫ، ކ. ހިންމަފުށީ، ކ. ކާށިދޫ، ކ. ގާފަރު، ކ. ގުރައިދޫ، ކ. ތުލުސްދޫ، އދ. ކުނބުރުދޫ، އދ. މަހިބަދޫ، އދ. ފެންފުށި، މ. މުލައް، މ. ދިއްގަރު، މ. މުލި، ފ. ފީއަލި، ދ. ހުޅުދެލި، ދ. ބަނޑިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. ބުރުނި، ތ. ގުރައިދޫ، ތ. ވޭމަންޑޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ގއ. މާމެންދޫ، ގއ. ނިލަންދޫ އަދި ގދ. މަޑަވެއްޔެވެ.

މިއީ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ހިންގާ މަޝްރޫއެއް ނޫނެވެ. މި މަޝްރޫއު ހިންގަނީ ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގަ އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މި ހުރިހާ ރަށެއްގައި ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ފަށާނީ އެއްކޮށެވެ.

ރައީސްގެ ވައުދާ އެއްގޮތަށް ކައުންސިލް އިދާރާތައް އިމާރާތްކުރާނެ 50 ރަށް ކަނޑައެޅުމުގައި ހާއްސަ މިންގަނޑަކަށް ބެލި އެވެ. އެއީ ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށެވެ. އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާ ޖާގައަށެވެ. ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭ އިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް ވެސް އިސްކަންދިނެވެ.