Roadha Mihaaru
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު

ކްރޮއޭޝިއާ އަށް ހިތްދަތި ނިމުމެއް، ޗެމްޕިއަން އިޓަލީ ދެމިގަތީ ފަހު ވަގުތު

25 ޖޫން 2024

ލައިޕްޒިގް (ޖޫން 25) - މެޗުގެ 98 ވަނަ މިނިޓުގައި ގޯލު ޖަހައިގެން 1-1 އިން ކްރޮއޭޝިއާއާ އެއްވަރުކޮށް އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަަން އިޓަލީ އިން މިއަހަރުގެ މުބާރާުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ލައިޕްޒިގް (ޖޫން 25) - މެޗުގެ 98 ވަނަ މިނިޓުގައި ގޯލު ޖަހައިގެން 1-1 އިން ކްރޮއޭޝިއާއާ އެއްވަރުކޮށް އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަަން އިޓަލީ އިން މިއަހަރުގެ މުބާރާުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ކްރޮއޭޝިއާ އަށް ވަނީ މުބާރާތް ނިމިފަ އެވެ. އެއީ، ފަހު ސިކުންތުގައި އެންމެ ދެ ޕޮއިންޓާ އެކު ގުރޫޕްގެ ތިންވަނައަށް ވެއްޓުމުން، ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރޭން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭގައި ނުހިމެނޭތީ އެވެ.

އިޓަލީ އިން ގަދަ 16 ގެ ޖާގަ ޔަގީން ކުރީ ހަތަރު ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެއްވަނަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި ސްޕެއިން އެވެ. އަލްބޭނިއާ ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.

ސްޕެއިން މިރޭ އަލްބޭނިއާ ބަލިކުރީ 13 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ޖަހައިދިން ގޯލުން 1-0 އިންނެވެ.

އިޓަލީ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި ލޫކާ މޮޑްރިޗް ފޮނުވާލި ޕެނަލްޓީ، އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޯންނަރުއްމާ މަތަކުރި ނަމަވެސް އޭގެ މިނިޓެއް ނުވަނީސް މޮޑްރިޗް ވަނީ ގޯލެއް ޖަހައި ކްރޮއޭޝިއާ އަށް ލީޑު ހޯދައިދީފަ އެވެ. އޭނާ ލަނޑު ޖެހީ އަންޓޭ ބުޑިމިއޭ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރި ވަގުތު ރީބައުންސްވި ބޯޅައިންނެވެ.

އުމުރުން 38 އަހަރާއި 289 ދުވަހުގައި ގޯލު ޖަހައިގެން މޮޑްރިޗް ވެފައި ވަނީ ޔޫރޯގެ ތާރީހުގައި ގޯލު ޖެހި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއަށެވެ.

އިޓަލީން ލަނޑު ޖެހީ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެން ދެއްކި އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި، މަޓިއާ ޒަކާނީ އެވެ. މިއީ އުމުރުން 29 އަހަރުގެ ފޯވާޑް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ގަދަ 16 ގައި އިޓަލީ ވާދަކުރަން ޖެހޭނީ ގުރޫޕް އޭގެ ދެވަނަ ހޯދި ސްވިޒަލެންޑާ ދެކޮޅަށެވެ.