Roadha Mihaaru
ބަކާގެ މަރަކީ ފުޓްބޯޅައަށް ފޫނުބެދޭވަރުގެ ގެއްލުމެއް

ބަކާގެ މަރަކީ ދިވެހި ފުޓްބޯޅަ އާއި ކުޅިވަރަށް ލިބުނު ފުނުބެދޭވަރުގެ ގެއްލުމެއް: އެފްއޭއެމް

25 ޖޫން 2024

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި މުހައްމަދު އާރިފް (ބަކާ) މަރަކީ ރާއްޖޭގެ ފުޓްބޯޅަ އަށާއި މުޅި ކުޅިވަރަށް ލިބުނު ފޫނުބެދޭވަރުގެ ގެއްލުމެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި މުހައްމަދު އާރިފް (ބަކާ) މަރަކީ ރާއްޖޭގެ ފުޓްބޯޅަ އަށާއި މުޅި ކުޅިވަރަށް ލިބުނު ފޫނުބެދޭވަރުގެ ގެއްލުމެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ނިޔާވީ މިއަދު ހަވީރު އެވެ.

އުމުރުން 38 އަހަރުގެ ބަކާ ވަނީ، މިދިޔަ ހައްޖު މޫސުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ދެއްވި ހައްޖު ދަތުރެއްގައި، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ހަވާލުގައި ދިޔަ ހައްޖާޖީންގެ ވަފުދުގައި ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

އޭނާ މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭޑީކޭ އަށް އޭނާ ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

އައްޑޫ ހިތަދު އަށް އުފަން ބަކާ ފުޓުބޯޅައިގައި ވިދަން ފެށީ އެ ރަށުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީންނެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައި 2004 ގަ އެވެ. "ހަވީރު" ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2010 ގައި ހޯދި ބަކާ ވަނީ، ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި ހިއްސާ ވެފަ އެވެ. ހާއްސަކޮށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައިދޭން އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެފްއޭއެމުން ބުނީ، ބަކާ އަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމަށެވެ.

"ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ، ފުޓުބޯޅައިގައި ދިވެހިރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުގެ މުހިއްމު ހިއްސާދާރު، ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ފުޓުބޯޅަ އާއިލާއަށް، އަދި ދިވެހި ކުޅިވަރަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.،" އެފްއޭއެމުން އާންމު ކުރި ސްޓޭޓްމެންޓްގައި ވެއެވެ.